މެންޗެސްޓާ (އޮގަސްޓް 15) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އެ ޓީމުގައި މަޑުކުރުވަން އެ ޓީމުގެ ސަޕޯޓަރުންނަށް ބާރުއެޅިދާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޕޮގްބާ، 28، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ހުރީ މި ސީޒަން ނިންމުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރާށެވެ.
އިނގިރޭސި ޕްރިިމިއާ ލީގުގެ އާ ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ 5-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މެޗުގައި ޕޮގްބާ ވަނީ ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް މެޗެއްގައި އެއް ކުޅުންތެރިއަކު ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަތް ވަނަ ފަހަރެވެ. ޕޮގްބާގެ ކުރިން ޔުނައިޓެޑްގެ ކުޅުންތެރިއަކަށް އެކަން ހާސިލް ނުކުރެވެ އެވެ. އެހެންވެ، ޔުނައިޓެޑް ޖޯޒީގައި ހުރެ އެކަން ކުރި ހަމައެކަނި ކުޅުންތެރިއަކީ ޕޮގްބާ އެވެ. އިއްޔެގެ މެޗަށް ފަހު ޕޮގްބާ އަށް ސޯލްޝެއާ ވަނީ ތައުރީފުކޮށްފަ އެވެ.
ލީޑްސް އަތުން މޮޅުވި މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސޯލްޝެއާ ބުނީ ޕޮގްބާ ލައްވައި ކްލަބްގައި މަޑުކުރަން ސަޕޯޓަރުންނަށް ބާރުއެޅިދާނެ ކަމަށެވެ.
"އެ ގޮތަށް ބައެއް ކުޅުންތެރިންގެ ނިންމުން އެބަހުރި ބަދަލުކޮށްފައި ވެސް. ޕޮގްބާ ވެސް މަޑުކުރާނެ ކަމަށް އަހަރެން ގަބޫލުކުރަނީ،" ސޯލްޝެއާ ބުންޏެވެ.
"އަހަރެން އަބަދުވެސް ބުނަން ބްރޫނޯ (ފެނާންޑޭސް) އާއި ޕޮގްބާ އަށް އެކުގައި މި ޓީމުގައި ތަފާތު ދެއްކިދާނެ ކަމަށް. މިދިޔަ 18 މަސް ދުވަހު އަހަރެމެން ތަފާތު ގޮތްގޮތަށް އެކި ވާހަކަތައް ދައްކައިފިން. މިހާރު އަހަރެން ބޭނުމީ ސަޕޯޓަރުންގެ އެހީގައި މި ޓީމު ކުރިއަށް ގެންދަން. ސަޕޯޓަރުން ފުރިފައި އޮތް ދަނޑެއްގައި ކުޅުމުގެ އުފާވެރިކަން މުޅި ޓީމުން ފެނުނު،"
ޕޮގްބާ ލައްވައި ޔުނައިޓެޑުން އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބަލާއިރު އެކަމަށް އޮތް ހުރަހަކީ އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ އެވެ. ރައިއޯލާ ބޭނުންވަނީ ޕޮގްބާ އަށް މިހާރު ލިބޭ މުސާރަ ދެ ގުނަ ޑީލެއް އޭނާ އަށް ހޯދަައިދޭށެވެ. އެއީ ރައިއޯލާ އަށް ވެސް ބޮޑު އެެެޖެންޓް ފީއެއް ލިބޭ ގޮތަށެެވެ.
ޕޮގްބާ މި ވަގުތު ޔުނައިޓެޑްގައި ހުރީ ހަފްތާ އަކު 400,000 ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގަ އެވެ.
މި ސީޒަނަށް ފަހު ޕޮގްބާ ހޯދަން ޕީއެސްޖީ އާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑުން ބިޑްކުރުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑުން ޕޮގްބާގެ ސޮއި ހޯދީ 2016 ވަނަ އަހަރު ޔުވެންޓަސް އަށް 116 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެއީ އޭރަށް ބަލާނަމަ ދުނިޔޭގެ ރެކޯޑް ފީ އެވެ.












