ޔުއެފާ: ޓީމުތައް ހަމަމަގަށް އަޅުވަން ފައިނޭންޝިއަލް ފެއާޕްލޭ އަށް ބަދަލުތަކެއް

Aug 15, 2021, 9:31 AM
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (އޮގަސްޓް 15) - ކްލަބްތަކުން ކުރާ ހަރަދުތައް އިންސާފުވެރިކުރުމުގެ ގޮތުން ޔުއެފާ އިން ހެދި ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އަށް ގެންނަން ޖެހޭ ބަދަލުތައް މުރާޖާކޮށް ވަރަށް އަވަހަށް އެ އަށް އަމަލުކުރަން ފެށޭނެ ކަމުގެ އުއްމީދުގައި ޔުއެފާ އިން ގިނަ މަސައްކަތްތަކެއް ފަށައިފި އެވެ.

އެފްއެފްޕީ ވުޖޫދުވީ 2009 ވަނަ އަހަރު ޔުއެފާގެ ރައީސަކަށް މިޝޭލް ޕްލަޓީނީ ހުންނެވިއިރު އެވެ. އެ ގަވާއިދު އެ ގޮތަށް އޮތް ނަމަވެސް މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ފަދަ ކްލަބްތަކުން އުސޫލުން ބޭރުން ބޮޑު ހަރަދުތައް ކުރާއިރު، އެ ޓީމުތަކުގެ މައްސަލަ އެކަށީގެންވާ ވަރަށް ނުބެލޭތީ އެފްއެފްޕީ އަކީ "ދަތް ނެތް ސިންގާ" އެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ސިފަކުރެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފުޓްބޯޅަ ކްލަބްތަކަށް ލިބޭ ގެއްލުން ކުޑަކުރަން އެފްއެފްޕީ އަށް އަމަލުކުރުން ސަސްޕެންޑްކުރަން މިދިޔަ އަހަރު ޔުއެފާ އިން ނިންމި އެވެ. ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ކޮވިޑާ ހެދި އެކި ގޮތްގޮތުން ޔޫރަޕްގެ ފުޓްބޯޅަ އަށް ލިބިފައިވާ ގެއްލުުމުގެ ޖުމްލަ އަދަދު 10 ބިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ އަހަރު ޔުއެފާ އިން ނިންމާފައިވަނީ 2020 އާއި 2021 ވަނަ އަހަރު ކުރާ ހަރަދުތައް ނިންމާނީ އެއް އަހަރުގެ ޓްރާންސްފާ މާކެޓެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، މި މުއްދަތު ތެރޭ މަހުޖަނު ހިންގާ ކްލަބްތަކަށް އެ ޓީމު ތަކުގެ ވެރިންގެ ޖީބުން ބަޖެޓެއް ފޯރުކޮށްދެވޭނެ އެވެ. އަދި ޔުއެފާ އަށް ހުށަހަޅަން ޖެހޭ ކަރުދާހުގައި އެކަންކަން ރަނގަޅަށް ފުރިހަމަ ކުރަން ޖެހޭއިރު، ޔުއެފާ އަށް ސާބިތުކޮށްދޭން ޖެހެނީ ކްލަބްގެ ވެރިން ޓީމަށް ކުރި ހަރަދަކީ ކޮވިޑް-19ގެ ސަބަބުން ލިބުނު ބަދަލެއްގެ ގޮތުގައި ކުރަން ޖެހުނު ހޭދަކަން ކަމަށެވެ.

މާނައަކީ މިސާލަކަށް ޕީއެސްޖީން މި ދެ އަހަރު ޖުމްލަ އެއްކޮށް ކްލަބްގެ ވެރިންގެ ފައިސާއިން 500 މިިލިއަން ޑޮލަރު ޓީމަށް ހަރަދުކޮށްފިނަމަ އެ ކްލަބަށް މި މުއްދަތުގައި ލިބުނު ގެއްލުން ވެސް އެ އަދަަދާ އެއްވަރުވާން ޖެހޭނެ އެވެ. ޔުއެފާ އާއި ފީފާ އަށް ހުށަހަޅާ ލިޔެކިޔުންތަކުގައި އެ އަދަދު ދިމާވާން ޖެހޭނެ އެވެ.

ޔުއެފާ އިން އެފްއެފްޕީ އެއްކޮށް އުވާލައި އާ ގަވާއިދެއް ހަދަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު ދާދި ފަހުން ޔުއެފާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ފެޑެރޭޝަނުގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވީ އެފްއެފްޕީ އުވާލަން އުޅޭ ކަމަށް ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މިހާރު މި އޮތް އެފްއެފްޕީ ގަވާއިދުގެ ތެރެއިން ވަރަށް ނާއިންސާފުން ކްލަބްތަކަށް ފައިދާނެގޭ ގޮތަށް އެބައޮތް. އަހަރެމެން މި ޖެހެނީ އެ އަށް ހައްލެއް ހޯދައިދޭން. އެ ގަވާއިދަށް ބާރު ހޯދައިދޭން ކުރަން ހުރި މަސައްކަތަށް އަހަރެން މި ހުރީ ވަގުތު ހުސްކޮށްގެން،" ޗެފެރިން ވިދާޅުވި އެވެ.

ޔުއެފާ އިން ދާދި ފަހުން ވަނީ އެފްއެފްޕީގެ ކަންކަމަށް ބަދަލު ގެނައުމުގެ ކަންކަމުގެ ތެރެއިން އެކިއެކި ފަރާތްތަކުގެ ހިޔާލު ހޯދައިފަ އެވެ. އެ ގޮތުން ޔޫރަޕިއަން ޕާލިއަމަންޓާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގެ އިތުރުން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ވަނީ އެފްއެފްޕީއާ ގުޅޭގޮތުން ޔުއެފާ އަށް އެކި ހިޔާލު ހުށަހަޅައިފަ އެވެ.

ޔުއެފާ އިން އަންނަ އަހަރު އަލުން އެފްއެފްޕީ އަށް އަމަލުކުރަން ފަށާނެ އެވެ. އަދި ފަށާއިރު ބައެއް އާ ބަދަލުތަކަށް އަމަލުކުރުން އެއީ އެކަށީގެންވާ ކަމެކެވެ.

ޔުއެފާ އިން މަޝްވަރާކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އާ ގަވާއިދަށް ކްލަބްތައް އަހުލުވެރިކުރަން ސެމިނާތަކެއް އެންމެ ފުރަތަމަ ހިންގާނެ އެވެ. ގަވައިދަށް އިތުރުކުރާ ކަންކަމަށް ބަލާއިރު ކްލަބްތަކަށް ކުރިއަށް އޮތްތަނުގައި ހަރަދުކުރެވޭނީ ކްލަބަށް ލިބޭ ފައިދާގެ ވަކި ޕަސެންޓެއްގެ އިތުރުން ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީ އެވެ. އަދި ވަކިވަރަކަށް ވުރެ އަގު ބޮޑު ޓްރާންސްފާއެއް ކުރާނަމަ "ލަގްޒަރީ ޓެކްސް" އެއް ދައްކަން ޖެހޭނެ އެވެ.

އަދި ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ދެވޭނެ ޖުމްލަ ބަޖެޓެއް ޔުއެފާ އިން ކަނޑައަޅާނެ އެވެ. މާނަ އަކީ ކްލަބްގެ މުސާރައިގެ ޖުމްލަ އޮނިގަނޑު ހެދޭނީ ކްލަބަށް ލިބޭ ފައިދާތަކަށް ބެލުމަށް ފަހު އެވެ. އެއީ އަހަރަކު އެއް ފަހަރު ކްލަބްގެ މާލީ ރިޕޯޓް ފުރިހަމަ އަށް އޮޑިޓްކުރުމަށް ފަހު އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އެފްއެފްޕީއާ ހިލާފުވެގެން ކޮންމެ މައްސަލައެއްގައި ކާސް އަށް ނުދެވޭނެ އެވެ. ކޯޓަށް ދެވޭނީ ތަހުގީގުގައި ވަކި ކަންކަމެއް ފުރިހަމަ ނުވާނަމަ އެވެ. އެކަމަކު، މި ބައި އެފްއެފްޕީގެ ގަވާއިދަށް އިތުރު ކުރެވޭނީ ކާސް އާއި އީޔޫ ޕާލިއަމަންޓުން ދޭ އެންމެ ފަހުގެ ލަފަޔަކަށް ބެލުމަށް ފަހު އެވެ.

ކޮވިޑާ ހެދި އެފްއެފްޕީ އަށް ދިން ލުޔަށް ފަހު އަލުން އެ ގަވާއިދަށް އަމަލުކުރަން ފަށާނީ ޖެނުއަރީ މަހުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox