ޕްލާސްޓިކާ ދެކޮޅަށް އެސްޓީއޯގެ އެންމެ ފިޔަވަޅެކެވެ؛ އެ ކުންފުނީގެ ވިޔަފާރީގެ ތެރެއިން މަދުކޮށްލީ މާލޭގެ ދެތިން ގެއެއް ފަސޭހައިން ނިވާކޮށްލެވޭނެހާ ޕްލާސްޓިކް ކޮތަޅެވެ.
މިއީ، އަހަރަކަށް ބަލާ ނަމަ، 8000 ކިލޯ ނުވަތަ އަށް ޓަނެވެ. ބައި އިންޗި ބޯމިނުގައި ބިންމަތީގައި މި އަށް ޓަނުގެ ކޮތަޅު އަތުރާލުމުން، ގާތްގަނޑަކަށް 4620 އަކަ ފޫޓުގެ ސަރަހައްދެއް ނިވާވާނެ އެވެ.
ޕްލާސްޓިކާ ދެކޮޅު މަސައްކަތުގައި އެސްޓީއޯގެ ފުރަތަމަ ފިޔަވަޅު މިއެޅީ އެ ކުންފުނީގެ ބޭސްފިހާރަތަކުންނެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ބޭސް ނަގަންދާ ފިހާރަތަކުން މިހާރު ޕްލާސްޓިކް ކޮތަޅެއް ނުލިބޭނެ އެވެ. އޮގަސްޓް އެކަކުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން ބޭސް ދޫކުރާނީ ކަރުދާސް ކޮތަޅުގަ އެވެ.
އެއްވެސް ފިހާރައެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނަލެވެ.

އެސްޓީއޯގެ ބޭސްފިހާރަތައް: އެސްޓީއޯއިން ދާދި އަވަހަށް އެ ކުންފުނީގެ ހުރިހާ އައުޓްލެޓެއްގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެ - ފޮޓޯ: އެސްޓީއޯ
މި ބަދަލާ އެކު އެސްޓީއޯއިން ލަފާކުރާ ގޮތުގައި އަހަރަކު މަދުވެގެން އެއް މިލިއަން ޕްލާސްޓިކް ކޮތަޅު ބޭނުންނުކޮށް ސަލާމަތްވާނެ އެވެ.
އަދި މިއީ ރާއްޖެ އާއި މުޅި ދުނިޔެ ވެސް ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ކުރާ ދަތުރުގައި މުހިންމު ބަދަލެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.
މިކަމުން ސަލާމަތްވީ ކިހާ ޕްލާސްޓިކް ކުންޏެއް؟
އެންމެ ފަހުން ލިބެން ހުރި ހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު ރާއްޖެއަށް 104 މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެ ކުރެ އެވެ. މި އެއް މިލިއަން ކޮތަޅަކީ އޭގެ 0.96 ޕަސެންޓެވެ.

އިންފޮގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
މި ކޮތަޅުތައް އެއްކޮށްލައިފި ނަމަ، އެންމެ ކުޑަ ބަރުދަނަކީ 8000 ކިލޯ ނުވަތަ އަށް ޓަނެވެ.
އެސްޓީއޯގެ މި ބަދަލުން ރާއްޖެއިން އުފައްދާ ޕްލާސްޓިކް ކުނީގެ އަދަދަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް، މިއީ އެ ކުންފުނިން ޕްލާސްޓިކާ ދެކޮޅަށް ކުރާ ދަތުރުގައި ފުރިހަމައަށް ބައިވެރިވާން ފެށި މަސައްކަތެކެވެ.
އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނީގެ ހުރިހާ ވިޔަފާރިއަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާށެވެ. ހަގީގީ ބަދަލު ފެނިގެންދާނީ އެހާ ހިސާބުންނެވެ. ނަމަވެސް، މި ކުޑަ ބަދަލާ އެކު ވެސް މި މިންޖު ވެވުނީ ލައްކަ ބައިވަރު ޕްލާސްޓިކުންނެވެ.










