ވިޔަރެއާލް ބަލިކޮށް ޗެލްސީން ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 11, 2021, 10:12 PM
ޗެލްސީން ސުޕަ ކަޕް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ސުޕަ ކަޕް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެލްފާސްޓް، ނޮދަން އަޔަލެންޑް (އޮގަސްޓް 12) - ޕެނަލްޓީ ޖަހައިގެން 6-5 އިން ސްޕެއިނުގެ ވިޔަރެއާލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީން ޔުއެފާ ސުޕަ ކަޕް ތަށި އުފުލާލައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ޗެލްސީން ވަނީ 1998 ވަަނަ އަހަރު އެންމެ ފުރަތަމަ އެ ޓީމުން ސުޕަ ކަޕްގައި ކުޅުނު ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން ކުޅުނު ތިން ފައިނަލުގައި ބަލިވީ އެވެ.

އެ ގޮތުން 2012 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަތުން ޗެލްސީ ބަލިވިއިރު، 2013 އާއި 2019 ވަނަ އަހަރު ބަޔާން މިއުނިކާއި ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އެކަމަކު، މިރޭ ޕެނަލްޓީގައި އެ ޓީމުގެ ނަސީބު ރަނގަޅުވެ، ދެ ވަނަ ފަހަރަށް ސުޕަ ކަޕް ލިބުނީ އެވެ. އޭގެ ކްރެޑިޓް ހައްގުވާނެ އެއް ކުޅުންތެރިއަކީ ޕެނަލްޓީ އަށް އަމާޒުކޮށް ކުޅެން އެރި ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ. އޭނާ ވަނީ ވިޔަރެއާލްގެ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ.

ޗެލްސީގެ ރުޑިގާ (ކ) އާއި އަޒްޕިލިކުއޭޓާ (މ) އަދި ކޮވަސިޗް އެ ޓީމުގެ ކީޕަރު ކެޕާއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގައި ޗެލްސީން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ފަށައިގެން ވިޔަރެއާލް ފަހަތަށް ޕްރެޝަރު ބޮޑުކުރަން ފެށި އެވެ. އެ ގޮތުން ފުރަތަމަ ލީޑުނެގީ ވެސް އެ ޗެލްސީންނެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ކައި ހަވާޓްޒް ހުސްކޮށްލާފައި ދިން ބޯޅައަކުން އޭރިއާތެރެއިން މި ގޯލު ޖެހީ މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް އެވެ. ޗެލްސީގެ ލީޑުފުޅާކުރަން މާކޯސް އަލޮންސޯ ޖެހި ޝޮޓް ވިޔަރެއާލް ކީޕަރު ސާޖިއޯ އަސެންހޯ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ކޯނަރެއް ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ޒިޔެޗް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ކްރިސްޓިއަން ޕުލިސިޗް އެވެ.

ލަނޑު ޖެހުމަށް ފަހު ޒިޔެޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވިޔަރެއާލުން ފުރަތަމަ ހާފް ނިންމާލީ ވަރުގަދަކޮށެވެ. ފުރަތަމަ ހާފުގެ މެެދެއްހާ ހިސާބުން ކުޅުން ރަނގަޅުކޮށް ވިޔަރެއާލުން ވަނީ ހާފް ނިމުމުގެ ކުރިން އެއްވަރުކުރުމާ ގާތަށް ޖެހިލައިފަ އެވެ.

އޭރިއާތެރެއިން ޖެރާޑް މޮރޭނޯ ނަގައިދިން ހުރަަހަކުން އަލްބާޓޯ މޮރޭނޯ ވާތު ފައިން ބާރަށް ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ ކުރިން އޭރިއާތެރެއިން ވިޔަރެއާލްގެ ފޯވާޑް ބޮއުލާއޭ ޑިއާ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނައިރެއްނުވެ ވިޔަރެއާލަށް ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޗެލްސީ ކީޕަރު މެންޑީ ފޮނުވާލި ބޯޅައެއް ހާފްގެ މެދުތެރެއިން ހޯދައި ޑިއާ ވަނީ ހުސްކޮށްލުމަށް ފަހު މޮރޭނޯ އަށް ބޯޅަ ދީފަ އެވެ. މޮރޭނޯ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދުރު ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ކީޕަރު މެންޑީ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުލުފުލުގައި ވިޔަރެއާލުން ކުރަމުންދިޔަ އެޓޭކްތަކުގެ ފައިދާއެއް އެ ޓީމަށް ކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ޑިއާ ހުސްކޮށްލާފައި މޮރޭނޯ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ނަތީޖާ ހަަމަހަމަ ކުރުމަށް ފަހު އިތުރު ގޯލެއް ޖަހަން ވެސް ވިޔަރެއާލުން އެޓޭކްތަކެއް ކުރި ނަމަވެސް ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްނުވި އެވެ.

ލަނޑު ޖެހުމަށް ފަހު މޮރޭނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޕުލިސިޗް އަތުން ރަނގަޅު ފުރުސަތެއް ގެއްލުނެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި އޭރިއާތެރެއިން ޗެލްސީގެ މޭސަން މައުންޓް ޖެހި ރަނގަޅު ބޯޅައެއް ވިޔަރެއާލް ކީޕަރު އަސެންހޯ ވަނީ މަތަކޮށްފަ އެވެ.

ޕެނަލްޓީއާ ދިމާކޮށް ޗެލްސީން ވަނީ މެންޑީގެ ބަދަލުގައި ކެޕާ ކުޅެން އަރުވައިފަ އެވެ. މިއީ ޗެލްސީގެ ކީޕަރު ޓްރެއިނިންގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކީޕަރު ޕީޓަ ޗެކްގެ ލަފަޔަކަށް ކުރި ބަދަލެކެވެ.

ޕެނަލްޓީގައި ޗެލްސީން ވަނީ އެންމެ ފުރަތަމަ ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ނޫން ދެން ޖެހި ހަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ހަވާޓްޒް ޖެހި ޕެނަލްޓީ އަސެންހޯ ވަނީ ހުއްޓުވައިފަ އެވެ. ޗެލްސީން ޕެނަލްޓީތައް ކާމިޔާބުކުރީ ސެޒާ އަޒްޕިލިކުއޭޓާ، އަލޮންސޯ، މައުންޓް، ޕުލިިސިޗް، އެންޓޯނިއޯ ރުޑިގާ އަދި ޖޯޖީނިއޯ އެވެ.

ވިޔަރެއާލުން ފުރަތަމަ ޖެހި ޕެނަލްޓީ މޮރޭނޯ ކާމިޔާބުކުރި އެވެ. އެކަމަކު، ދެން އައިސާ މަންޑީ ޖެހި ޕެނަލްޓީ ކެޕާ ވަނީ މަތަކޮށްފަ އެވެ. ވިޔަރެއާލުން ވަނީ ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެ ޕެނަލްޓީތައް ޖެހީ ޕާވިސް އެސްޓޫޕިއާން، ހުއާން ފޮއިތު، މޮއި ގޯމޭޒް އަދި ޑެނިއަލް ރާބާ އެވެ. ވިޔަރެއާލްގެ ހަތް ވަނަ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ރައުލް އަލްބިއޯލް ފޮނުވާލި ބޯޅަ ކީޕަރު ކެޕާ އަތަށް އަމާޒުވިއިރު، އެ ޕެނަލްޓީ ނާކާމިޔާބުވުމުން ޗެލްސީ މެޗުން މޮޅުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox