ލަންޑަން (އޮގަސްޓް 11) - ޔުއެފާ ސުޕަ ކަޕްގައި މިރޭ ވިޔަރެއާލާ ދެކޮޅަށް ނުކުންނައިރު، މި ސީޒަނަށް ޗެލްސީގެ އަމާޒަކީ ވާދަކުރާ ކޮންމެ މުބާރާތެއްގެ ވެސް ތަށި ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު ޗެލްސީއާ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ހަވާލުވެ، ޓުޗެލް ވަނީ އެ އެއްބަސްވުމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލުގެ ފުރުސަތާއި އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. ކާމިޔާބުކޮށް މިދިޔަ ސީޒަން ނިންމާލުމުން ޗެލްސީން ވަނީ ޓުޗެލް އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން މިރޭ މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ވިޔަރެއާލާ ބައްދަލުކުރާއިރު، ޓުޗެލް ހުރީ ކުރިއަށް އޮތް ސީޒަނަށް ހާއްސަ އަޒުމެއް ކަނޑައަޅައިގެންނެވެ.
"އަހަރެމެން ބޭނުމީ މޮޅުވާން. އަހަރެން ބޭނުމީ ވާދަކުރަން. ޗެލްސީން މިހާތަނަށް ވެސް ކޮށްފައި އޮތް ކަމަކީ ވާދަކުރާ ކޮންމެ މުބާރާތެއްގައި ވެސް ތަށްޓައް މަސައްކަތް ކުރުން. އަހަރެންގެ ރޫހު ހުރީ ވެސް އެ ގޮތަށް. މި ހުރިހާ ކަމަކަށް އޮތް ހިތްވަރަކީ މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި އަހަރެމެން ދެއްކި ރަނގަޅު ކުޅުން،" ކުރިން ޕީއެސްޖީ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ޗެލްސީން އެންމެ ފުރަތަމަ ޔުއެފާ ސުޕަ ކަޕްގައި ކުޅުނީ 1998 ވަނަ އަހަރު ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެ މެޗުން ޗެލްސީ ވަނީ 1-0 އިން މޮޅުވެފަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ތިން ފަހަރު ވެސް ވީ ބައްޔެވެ.
އެ ގޮތުން 2012 ވަަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަތުން ޗެލްސީ 4-1 އިން ބަލިވިއިރު، 2013 ވަނަ އަހަރު ބަޔާން މިއުނިކުން ވަނީ ޕެނަލްޓީ ޖަހައިގެން 5-4 އިން ޗެލްސީ ބަލިކޮށްފަ އެވެ. އަދި 2019 ވަަނަ އަހަރު ޕެނަލްޓީ ޖަަހައިގެން ވަނީ 5-4 އިން ލިވަޕޫލް އަތުން ވެސް ބަލިވެފަ އެވެ.
އެންމެ ފަހުން ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް ކުޅުނު 12 މެޗުގެ ތެރެއިން ޗެލްސީ ބަލިވީ ދެ ފަހަރު އެވެ. އަދި އެންމެ ފަހުން ސްޕެއިން ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައިނުވެ އެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ ޗެލްސީގެ ކޯޗު ޓުޗެލް ވިސްނާ ކަމަކީ އުނާއި އެމެރީ ފަދަ މޮޅު ކޯޗެއް ވިޔަރެއާލްގައި ހުރުމުން އެކަމަށެވެ.
"އެމެރީ އަކީ އާދަޔާހިލާފު ކޯޗެއް. އަހަރެންގެ ނަޒަރުގައި ޔޫރޮޕާ ލީގަށް ވަރަށް އަވަހަށް އެމެރީ ކަޕް ވެސް ކިޔާފާނެ. ފަސް ފައިނަލުގައި ކުޅެ ހަތަރު ފަހަރު ތަށި ހޯދައިފި. ސްޕެއިން ޓީމުތަކާ ކުޅޭއިރު ސަމާލުވާން ޖެހޭ. އެއީ އެމީހުން ވަރަށް ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެގެން ނަތީޖާ ނެރެން އުޅޭނެ،" ޓުޗެލް ބުންޏެވެ.
ވިޔަރެއާލް އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ސެމީ ފައިނަލްގައި އާސެނަލް އަދި ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ވިޔަރެއާލް އިން ސުޕަ ކަޕް ތަށި ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ ސުޕަ ކަޕްގެ ތަށި އުފުލާލާ ސްޕެއިންގެ ހަ ވަނަ ކްލަބަށެވެ. މިއާ އެކު ސުޕަ ކަޕްގެ އެންމެ ގިނަ ޗެމްޕިއަނުން ނިސްބަތްވާ ވަކި ގައުމަކަށް ބަލާނަމަ އެންމެ ގިނަ ވާނީ ސްޕެއިންގެ ޓީމުތަކެވެ.
ޗެލްސީން ވަނީ އެ ޓީމުގެ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް މިރޭގެ މެޗުގެ ސްކޮޑުގައި ހިމަނައިފަ އެވެ. އޭނާ ހޯދަން އިޓަލީގެ ގިނަ ކްލަބްތަކަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭނާގެ ސޮއި ހޯދުން އެންމެ ގާތީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިންނެވެ.
ނޮދަން އަޔަލެންޑްގެ ވިންޑްސޯ ޕާކްގައި މިރޭ ޗެލްސީ އާއި ވިޔަރެއާލް ކުޅޭ ސުޕަ ކަޕް މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެެވެ.












