ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވަން މަހްލޫފް ގެންގުޅުއްވި ވިސްނުން ބަދަލުކުރައްވައިފި

ޕީޖީ އޮފީހަށް ތުހުމަތުތަކެއް ކުރައްވައި މަހްލޫފް ވަނީ އޭނާ ކުރިން ގެންގުޅުއްވި ވިސްނުން ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައި. -- ފޮޓޯ/އަދަދު

ޕީޖީ އޮފީހަށް ތުހުމަތުތަކެއް ކުރައްވައި މަހްލޫފް ވަނީ އޭނާ ކުރިން ގެންގުޅުއްވި ވިސްނުން ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައި. -- ފޮޓޯ/އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި ވިޔަސް އެގޮތަށް ދެން އަމަލުނުކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައިދޭން އެދުނީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ މަހްލޫފް ވިދާޅުވެފައި ވަނީ ދައުވާ އުފުލައިފި ނަމަ އޭނާ މަގާމުުން ދުރަށް ވަޑައިގަންނަވާނެ ކަަމަށެވެ. އެކަމަކު އެގޮތަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް މިހާރު ނެތް ކަމަށް ވިދާޅުވެ އޭނާ މިރޭ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާ މައްސަލައިގައި ހަ ދުވަސް ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި ކަމަށެވެ. އެކަމަކު ދެ މަހެއްހާ ދުވަސް ވި އިރު ވެސް ގޮތެއް ނުނިމި މައްސަލަ ދިގުލާފައިވާ ކަން ފާހަގަކުރެއްވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ނަގާފައި އޮތް ކޮމިޓީން ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ ނިންމުމާ އެކު އެ ކޮމިޓީގެ އަތުން މައްސަލަ އަތުލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމާ އިސްތިއުފާ ދޭން. އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިން ވެސް ކަންކަން ކުރިއަށް ދާތީ, ދައުވާ ކުރިއަސް ދެން އަޅުގަނޑު އިސްތިއުފާ ދިނުމާ މެދު އިތުރަށް ވިސްނާނަން," މަހްލޫފް ވިދާޅުވި އެވެ.

"ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގުކޮށާދޭކަށް ނެތިން."

މަހްލޫފްގެ މި ތުހުމަތަށް ޕީޖީ އޮފީހުގެ ބަހެއް މިރޭ ނުލިބުނެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން މަތިކޮށްފައިވާ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕީޖީ އޮފީހުން އަމިއްލައަށް ހަދައިގެން ތިބި އުސޫލްތަކާ އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ކުރިއަށް ގެންދާ ނަމަ މަގާމުގައި ނުހުންނަވާނެ އެވެ.

އެކަމަކު ގޯސްތަކެއް ހެދުމުން ނިންމެވުން ބަދަލުކުރައްވާފައިވާތީ ދެން ގޮތެއް ނިންމަވާނީ ރައީސް ކަަމަށް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި މަގާމުގައި ބެހެއްޓެވުމާ މެދު ގޮތެއް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލިބިދޭ ބާރެއް ކަމުން ގޮތެއް ނިންމާވާނީ އެމަނިކުފާނެވެ.

މަހްލޫފްގެ މައްސަލައިގައި ޕީޖީ އެންމެ ފަހުން ވިދާޅުވެފައި ވަނީ މެއި ހަ ވަނަ ދުވަހުގެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން މި ވަގުތު ފޯކަސްގައި އެކަން ނެތް ކަމަށާއި އެކަމަކު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން 9 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ވަޒީފާ އިން ސަސްޕެންޑްކުރައްވައިފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox