ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ކައުންސިލްތަކުގެ ޕްލޭން ހެދުން ފަސްކުރަން ލަފާ ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ތަރައްގީގެ ޕްލޭނެއްގެ އިތުރުން ލޭންޑް ޔޫސް ޕްލޭނެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭއިރު، ކޮވިޑުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުރުމުން އެ މުއްދަތު ފަސްކުރުމާމެދު ގާނޫނީ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.

އެހެންކަމުން، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.

ނަމަވެސް، މިދިޔަ މަހާއި އޭގެ ކުރީ މަހު ހާއްސަކޮށް އަތޮޅު ތެރޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ގިނަ ރަށްތަކެއް މޮނީޓަރިންއަށް ލުމާ ގުޅިގެން އެ މަސައްކަތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ދަތިވެފައިވާ ކަމުގެ ޝަކުވާ ކައުންސިލުތަކުން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ކޮށްފަ އެވެ.

އަދި ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އެ ޕްލޭންތައް އެކުލަވާލައި ނުނިންމޭނެކަމަށް ގިނަ ކައުންސިލުތަކުން ދަނީ ބުނަމުންނެވެ.

އެއާއެކު އެލްޖީއޭއިން ވަނީ އެ މުއްދަތު ފަސްކޮށްދިނުމުގައި ލާމަރުކަޒީ ކޮމިޓީގެ މަޝްވަރާއަށް އެދިފަ އެވެ.

އެލްޖީއޭގެ އެދުމުގެ މަތިން މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 44 ރަށެއްގައި ލޭންޑް ޔޫސް ޕްލޭނެއް އެއްވެސް މިންވަރަކަށް ހެދިފައިނުވާ ކަމަށެވެ.

އަދި ދެން ހުރި ރަށްތަކުގައި އެ ޕްލޭން ހެދިފައިވަނީ މީގެ އެތައް އަހަރެއް ކުރިން ކަމަށާއި، މިހާރު ގާނޫނުގައި ބުނާ ޝަރުތުތައް ހެދިފައި ހުރި ޕްލޭންތަކުގައި ވެސް ހަމަނުވާނެކަން އަފްޝަން ފާހަގަކުރެއްވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލުތަކަށް ބޮޑެތި ބާރުތައް ދީފައިވަނީ އުމްރާނީ ތަރައްގީގެ އިތުރުން އަތޮޅު ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ވެސް ހައްލު ކުރުމަށެވެ.

އެހެންކަމުން ހާއްސަކޮށް ރަށްރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ލިބިގެން މެނުވީ، ބޭނުންވާ މަގުސަދު ހާސިލުނުވާނެ ކަން އަފްޝަން ފާހަގަކުރެއްވި އެވެ.

އެގޮތުން، ކޮވިޑުގެ ހާލަތުގައި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވި ނަމަވެސް، އެންމެ އެކަށީގެންވާ ގޮތެއްގައި ހުރިހާ ފަރާތްތަކެއްގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގައި ކައުންސިލުތަކަށް ގިނަ ދަތިތަކެއް ކުރިމަތިވިކަމަށް ވިދާޅުވި އެވެ.

"ރަނގަޅު ގޮތުގަ މާނަވީ މަސައްކަތެއް ކުރެވޭނީ ކައުންސިލްތަކަށް އެކަށީގެންވާ ވަގުތު ލިބިގެން،" އަފްޝަން ވިދާޅުވި އެވެ.

ހައްލަކީ ސިއްހީ ކުއްލި ނުރައްކަލުގެ ގާނޫނުން ލިބޭ އިސްތިސްނާ

އެއާއެކު، ލާމަރުކަޒީ ގާނޫނު އިސްލާހުނުކޮށް، ޕްލޭންތައް ހަދަންޖެހޭ މުއްދަތު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ލިބޭ އިސްތިސްނާއަކުން ފަސްކުރެވިދާނެ ކަން މިއަދުގެ ބައްދަލުވުމުގައި އެލްޖީއޭއިން ފާހަގަކުރި އެވެ.

އެގޮތުން، އެލްޖީއޭގެ ލީގަލް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުލް މުއުމިން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ 43 ވަނަ މާއްދާގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެހެން ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަކަށް ނުވަތަ ތާރީހަކަށް އަމަލުކުރަން މަޑުޖެހުނީކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖޭގައި އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޕްލޭންތައް ހަދަންޖެހޭ މުއްދަތު މަޑުޖައްސާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނު މި އޮތީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ތާރީހުން ފެށިގެން އެ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފެށޭ ގޮތަށް. އެހެންވީމާ އެއްވެސް ލީގަލް އިޝޫއެއް ކުރިމަތިނުވެ އެ މުއްދަތު އަޅުގަނޑުމެންނަށް ފަސްކުރެވިދާނެ،" މުއުމިން ވިދާޅުވި އެވެ.

ޕްލޭން ނަހަދައި މަޝްރޫއުތަކަށް ބިން ދޫކުރުމާމެދު ގިނަ ސުވާލުތަކެއް

އެލްޖީއޭއިން ހުށަހެޅި ހައްލާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޕްލޭން ހެދުމުގެ މުއްދަތު ފަސްކުރުން ހައްލުވި ނަމަވެސް، އެ ޕްލޭން ނުހަދައި މިހާރު ރޭވިފައިވާ މަޝްރޫއުތަކަށް ބިން ދޫކުރުމާމެދު އުފެދިފައިވާ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ.

އެގޮތުން، އެލްޖީއޭއިން ކޮމިޓީއަށް ފޮނުވި ސިޓީގައި ވެސް އެ މައްސަލަ ފާހަގަކޮށްފައިވާކަން އަލީ ނިޔާޒް ވިދާޅުވި އެވެ.

އެލްޖީއޭގެ ސިޓީގައި ބުނެފައިވަނީ ލޭންޑް ޔޫސް ޕްލޭނެއް އޮތް ރަށްރަށުގައި ވެސް ގާނޫނު ވުޖޫދުވުމާއެކު އެ ޕްލޭންތައް ރިވައިސްކޮށް ފާސްކުރެވެންދެން މިހާރު ހުރި ބިންތައް ބޭނުންކުރުމަށް ހުއްޓުމެއް އަންނާނެކަމަށް ކައުންސިލުތަކުން ބުނެފައިވާ ކަމަށެވެ.

ނިޔ
ނިޔ

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ރިޔާސަތު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

އެހެންކަމުން، އެ ޕްލޭންތައް ވެސް އަލުން ރިވައިސްކޮށް ފާސްކުރެވެންދެން އެ ބިންތައް ބޭނުންކުރެވޭނެ ގޮތެއް އޮތްތޯ ބަލައި ދިނުމަށް އެ ސިޓީގައި އެދިފައި ވެ އެވެ.

އެކަމުގެ މިސާލެއްގެ ގޮތުން، ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީ ގުޅިގެން އަތޮޅު ތެރޭގައި ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ރަށްތަކުގައި ފެރީ ޓާމިނަލް އެޅުމަށް ބިން ދޫކުރުމުގައި ހުރި ދަތިތައް އަލީ ނިޔާޒް ފާހަގަކުރެއްވި އެވެ.

"އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލެވުމުން މެނުވި ބިމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ބައެއް ކައުންސިލުތަކުން އެބަ ބުނޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލައަށް އެލްޖީއޭއިން ހުށަހަޅާ ހައްލަކީ ކޮބައިތޯ އެއްސެވެމުން، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ކުރިން އަމަލުކުރަމުން އައި ގޮތަށް ބިމާބެހޭ ގާނޫނުގެ ދަށުން ލޭންޑް ބަޖެޓެއް އެކުލަވާލައިގެން ޕްލޭނިން މިނިސްޓްރީން ފާސްކޮށް ބިންތައް ބޭނުންކުރެވިދާނެ ކަމަށެވެ.

"މަޝްރޫއަކަށް މި ބޭނުންވަނީ އެއް ބިން ނޫނީ ދެ ބިން. އެ ބިންތަކަށް ލޭންޑް ބަޖެޓެއް ހަދައިގެން ރައްޔިތުންގެ ހިޔާލު ވެސް ހޯދައިގެން މި ވަގުތަށް ބޭނުންކުރެވިދާނެ،" އާދަމް ވިދާޅުވި އެވެ.

ނަމަވެސް، އެކަމަށް ކޮމިޓީގެ ބައެއް މެމްބަރުން އިއުތިރާޒު ކުރެއްވި އެވެ.

އެގޮތުން، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައި ފަހުން ކުރިން އަމަލުކުރަމުން އައި އުސޫލަކަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި އެލްޖީއޭގެ ފަރާތުން މުއުމިން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރުން މަޑުޖައްސާލައިފިނަމަ، ކުރިން އަމަލުކުރި އުސޫލަކަށް އަމަލުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެކަމުގައި ބަންޑާރަ ނައިބުގެ އިތުރުން އެލްޖީއޭގެ ބޯޑުގެ ލަފާއެއް ހޯދިފައިވޭތޯ އަލީ ނިޔާޒް އެއްސެވުމުން، އަފްޝަން ވިދާޅުވީ އެލްޖީއޭ ބޯޑުގެ ބައްދަލުވުމެއް ބުދަ ދުވަހަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

އަދި ބަންޑާރަ ނައިބުގެ ލަފާ ކޮމިޓީގެ މަޝްވަރާއަށްފަހު ހޯދަން ވިސްނާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން އިތުރަށް ވިދާޅުވީ ފެރީ ޓާމިނަލްތައް އެޅުމުގެ މައްސަލަ ކައުންސިލުތަކާ ވަކިވަކިން ވާހަކަ ދައްކައިގެން އެލްޖީއޭއިން ހައްލުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ގިނަ ރަށްތަކުގައި އެކަމަށް ބޭނުންވާ ބިންތައް ކަނޑައެޅި، އެމްޓީސީސީއާ ހަވާލުކުރެވިފައިވާކަން ވެސް އަފްޝަން ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުން ނިންމާލައްވަމުން އަލީ ނިޔާޒް ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށޭއިރު، މި މައްސަލާގައި ކޮމިޓީން ދެކޭ ގޮތެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.

އެހެންކަމުން، މިއަދު ކޮމިޓީން ނިންމީ ބިމާބެހޭ ގާނޫނަށް ރިއާއަތްކޮށްގެން ލޭންޑް ޔޫސް ޕްލޭން ނުހަދައި ބިން ދޫކުރުމުގެ އިތުރުން ޕްލޭން ހަދަންޖެހޭ މުއްދަތު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ފަސްކުރުމާމެދު މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ވީއެންމެ އަވަހަކަށް ލިޔުމުން ހޯދުމަށެވެ.

އަދި މި މައްސަލާގައި އެލްޖީއޭގެ ފަރާތުން އެ އޮތޯރިޓީގެ ބޯޑުން ދެކޭ ގޮތެއްގެ އިތުރުން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށްފަހު ކޮމިޓީއާ ހިއްސާކޮށް ދިނުމަށް ވެސް އަލީ ނިޔާޒް އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox