ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ސުނާމީ ބިނާ ކުރިމަތީގައި ގާއިމްކުރި ހާއްސަ ޕާކިން ޒޯނުން ޖާގައަށް އެދެން މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އެ ފަރާތްތަކަށް ވެހިކަލް ޖާގަ ދޫކުރަން ނިންމާފައި ވަނީ އަގު ނަގައިގެންނެވެ. ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގޮތުގައި 20 ޖާގަ ދޫކުރަނީ ކާރާއި ވޭން އަދި 350 ކިލޯގެ ޕިކަޕްތަކަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ޕާކިން ޒޯންގެ ޖާގައަށް އެދޭ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށެވެ.
އެކަމަށް އެދި ހުށަހަޅާއިރު ސިޓީއާ އެކު އައިޑީކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ރަށްވެއްސަކަށް ނުވިޔަސް ޖާގައަށް އެދެވޭނެ އެވެ. އެކަމަކު އެކަން އެނގޭނެ ލިއުންތައް ހުށަހަޅަން ޖެހެ އެވެ.
ޕާކިން ޒޯނުން ޖާގަ ލިބޭ މީހުން ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.












