އަންނަ ރިޔާސީ އިންތިހާބުގައި ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ)ގެ އަސާސްތައް ގަބޫލުކުރާ ކެންޑިޑޭޓަކަށް ތާއީދުކުރަން އެ ހަރަކާތުން މިއަދު ނިންމައިފި އެވެ.
ޑީއެންއޭގެ ނަމުގައި ސިޔާސީ ހަރަކާތެއް އުފައްދާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިސްކޮށް ތިއްބަވަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން، ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި މީގެ ކުރިން ބައެއް ސިޔާސީ މަގާމުތަކާއި ސަރުކާރުގެ އެކި މަގާމުތަކުން ބައެއް ފަރާތްތައް އެ ހަރަކާތުގައި ހިމެނިވަޑައިގަންނަވަ އެވެ.
ސިޔާސީ ޕާޓީއެއް ނޫން ނަމަވެސް ޑީއެންއޭއަކީ ގައުމީ ވިސްނުމުގައި ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށް ބުނެފައި ވެ އެވެ.
އެގޮތުން، އެ ހަރަކާތުގެ ތަރުޖަމާނު އަބްދުﷲ ޝުޖާއު މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ޑީއެންއޭގެ އަސާސްތައް ގަބޫލުކުރާ ކެންޑިޑޭޓަކަށް ތާއީދުކުރަން އެ ހަރަކާތުގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ.

"އެއީ ވެދާނެ މި ހަރަކާތުގައި ހިމެނޭ ބޭފުޅަކަށް ވެސް. ނޫނީ އެހެން ޕާޓީއަކުން ނުކުންނަވާ ބޭފުޅަކަށް ވެސް. އެކްސްކޯއިން މިއަދު ނިންމީ ޑީއެންއޭގެ ވައުދު ނާމާގައި ހުރި ވެލިއުސްތައް ގަބޫލުކުރައްވާ ކެންޑިޑޭޓަކަށް އަންނަ ރިޔާސީ އިންތިހާބުގައި ތާއީދުކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ޑީއެންއޭ އިފްތިތާހު ކުރި ދުވަހު ބައެއް ބޭފުޅުން ވަނީ މިހާތަަނަށް ވެރިކަންކުރި އެއްވެސް ބޭފުޅަކަށް އަދި އެ ބޭފުޅުން ނިސްބަތްވި ސަރުކާރުތަކަށް ގައުމީ ބޮޑެތި މައްސަލަތައް ހައްލު ކުރެވިފައިނުވާ ކަމަަށް ވިދާޅުވެފަ އެވެ.
ޑީއެންއޭއަކީ 2023 ގެ ރިޔާސީ އިންތިހާބާއި ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށްވެސް ބައެއް ބޭފުޅުން އެ ރޭ ވިދާޅުވި އެވެ.
ޑީއެންއޭގެ މަގްސަދަކީ ރާއްޖެ މުޅިން އާ މިސްރާބަަށް ގެންދިއުން އިސްލާމްދީނަށް ލޯބި ކުރާ އަދި މިނިވަން ދައުލަތެއް ކަށަވަރު ކުރުން ކަމަށް ބުނެފައި ވެ އެވެ.










