އިންޑަސްޓްރިއަލް ޒޯނުން ސްޓެލްކޯއަށް ދީފައިވާ ބިން ސިޓީ ކައުންސިލުން ހުސްކޮށްފައިވާއިރު އެއީ މުހިންމު ބިމެއް ކަމަށާއި އެ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މޭރީބްރައުން ކުރިމަތިން އިންޑަސްޓްރިއަލް ޒޯން ބިއްދޮށުން ސްޓެލްކޯއަށް 2016 ވަނަ އަހަރު ދީފައިވާ 21،000 އަކަފޫޓްގެ އެ ބިން ސްޓެލްކޯއިން އޮތީ ވަށައިގެން ފެންސް ޖަހައި ބަންދުކޮށްފަ އެވެ. ނަމަވެސް މިދިޔަ އީދު ބަންދުގެ ތެރޭގައި އެ ފެންސްގެ ބޮޑު ބައެއް ވަނީ ސިޓީ ކައުންސިލުން ނަގައިފަ އެވެ.
އެ ބިމުގައި ހުރެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އެންގުމަކާ ނުލައި ފެންސްތައް ނަގައި ބިން ހުސްކުރީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. އެ ފެންސް ޖަހާފައިވާ ދަގަނޑުތަކާއި ޓިނުތައް ސިޓީ ކައުންސިލުން ގެންގޮސް ބޭނުން ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިބިމަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ބިމެއް. މިތަނުގައި ފެންސް ޖަހައި ބިން އެއްވަރު ކުރީ ފަސް ލައްކަ ރުފިޔާ ހަރަދުކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓެލްކޯއަށް އިންޑަސްޓްރިއަލް ޒޯނުން ދީފައިވާ ބިން: އެ ބިން ވަނީ ހުސްކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް
އޭނާ ވިދާޅުވި ގޮތުގައި އެ ބިން ސްޓެލްކޯއަށް މުހިންމު ވަނީ މާލެ-ތިލަފުށި ބުރިޖު އަޅާއިރު މާލެ އާއި އެ ބުރިޖުން ގުޅާލާ ރަށްތަކުގެ ކަރަންޓް ސަބްސްޓޭޝަން އެ ބިމުގައި ހަދާތީ އެވެ. އަދި އެ ބިމުގައި ބެކަޕް ބެޓެރި ސިސްޓަމެއް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އެ ބިން ހުސްކުރިއިރު އެތަނުގެ ތެރޭގައި ގުދަންކޮށް ބަހައްޓާފައި ހުރި ސީސީޓީވީ ހަރުކުރާ ސާމާނުތައް ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެއްލުނު ތަކެތީގެ އަގު ކުރަން ވެސް ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ސްޓެލްކޯއިން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.
ސްޓެލްކޯއިން ބުނީ އެ ބިން ހުސްކުރުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް އެއްޗެއް އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ "އަދަދު" އިން ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.












