ޕެރަ އެތުލެޓިކްސް އިން މެޑަލް ހޯދައިދިން މާޒިންއަށް ޑްރައިވަރަކު ލަނޑެއް ދީފި

މާޒިންއަށް ބަޔަކު މަރުހަބާ ކިޔަނީ: ބުނީ މިއީ އެފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރު ކަމަށް -- ފޮޓޯ: މާޒިން

މާޒިންއަށް ބަޔަކު މަރުހަބާ ކިޔަނީ: ބުނީ މިއީ އެފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރު ކަމަށް -- ފޮޓޯ: މާޒިން

ކާރުން ފޭބިއިރު ވެސް އާދެވުނީ އޭނާ ދާން އުޅޭ މަންޒިލަށް ނޫންކަމުގެ އިހުސާސް މުހައްމަދު މާޒިންއަށް ކުރެވުނެވެ. އަދި ކާރުން ފޭބުމާއެކު އޭނާގެ އިހްސާސްތައް ޔަގީނަށްވެއްޖެ އެވެ.

ލޯފަން މީހަކަށްވީތީ ޓެކްސީތަކުގެ ޑްރައިވަރުން އޭނައަށް ވަރަށް ރަނގަޅެވެ. ދަތުރުގެ އަގު ނަގަނީ ވެސް މަދު ފަހަރަކު އެވެ. ވަރަށް ގިނައިން ޑިސްކައުންޓު ދެ އެވެ. އެހެންވެ، ލޯފަން މީހެއް ވީމާ، މިވެނި ތަނަކަށް ލައިދޭށޭ ބުނީމަ، ކާރުގަ ބުރު ޖަހާފަ، މަގުމައްޗަށް ދޫކޮށްލަފާނެ ކަމަށް މާޒިންގެ ހިތަށް ވެސް ނާރަ އެވެ.

"އާންމުކޮށް ޓެކްސީ ޑްރައިވަރުން ވަރަށް ހެޔޮ ހަމަ. ޑްރައިވަރުންގެ 90 ޕަސެންޓް މީހުން ހަމަ ފައިސާ ވެސް ނުނަގާނެ ނޫން ނަމަ ވަރަށް ޑިސްކައުންޓު ދޭނެ. އަލަށް މިއީ އުމުރުގަ ވެސް މިފަދަ ކަމެއް ދިމާވި،" މާޒިން، 35، ބުންޏެވެ.

މާޒިންއަކީ ދުވުންތެރިޔެކެވެ. ޕެރައެތުލީޓަކު ރާއްޖެއަށް ފުރަތަމަ ހޯދައިދިން މެޑަލް، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ހޯދައިދިނީ މާޒިން އެވެ. މިހާރު މާޒިންގެ އަމާޒު ހުރީ ޓޯކިޔޯގައި މި ހިނގަމުންދާ އޯގަސްޓް 24، ގައި ފަށާ ޕެރަލިމްޕިކްސްގައި ވާދަ ކުރުމަށެވެ.

"ގޯލްއަކީ މެޑަލް ހޯދުން. ވަރަށް ހާޑުވާނެ. ވަރަށް ބައިވަރު ގައުމުތަކުން ދާނެ. އެކަމަކު އުއްމީދު ކުރެވޭ ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ. ހީވަނީ ރަނގަޅުވާނެ،" މާޒިން ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ހާދިސާ ހިނގިއިރު ވެސް މާޒިން ދާން އުޅުނީ ދުވަން ޕްރެކްޓިސްކުރުމަށެވެ. އެ ދުވަހުގެ ފަތިހު ކުރީގެ ވެސްޓް ޕާކު ކައިރިން އަވަސް ރައިޑް އިން ކާރު ނެގުމަށްފަހު މަންޒިލަކަށް ޕިން ކޮށްފައި އިނީ ހުޅުމާލެ ދުވާ ޓްރެކެވެ. އަދި ކާރަށް އެރުމަށްފަހު ވެސް ދާންވީ ތަން ޑްރައިވަރު ކައިރި ބުންޏެވެ. އަދި އޭނާއަކީ ލޯފަން މީހެއް ކަމަށް ވެސް މާޒިން ޑްރައިވަރު ކައިރި ބުންޏެވެ.

"އަޅުގަނޑު ދަތުރު ކުރާއިރު އަބަދުވެސް ޓެކްސީ ޑްރައިވަރު ކައިރި ބުނަން އަޅުގަނޑަކީ ލޯފަން ކުއްޖެކޭ އެހެންވީމަ ދާ ތަނަށް ގޮސްފަ އަޅުގަނޑު ކައިރި ބުނަލައްޗޭ، އެތަނުގައި ހުންނާނެއޭ ރިސީވް ކުރަން މީހަކު. ހުއްޓޭއިރު ފަހަރަށް އަޅުގަނޑަށް ނޭނގިދާނެއޭ ފައިބަން،" މާޒިން ކިޔައިދިނެވެ. "ދެން އެހެން ބުނީމަ އާނއެކޭ ބުނީ. ދެން އަޅުގަނޑު ކޯޗަށް ގުޅާފަ ބުނެފިން ބްރިޖަށް އަރަނީއޭ ނައްޓާލާށޭ އެކޮޅަށް. އެހެން ބުނާ އަޑު ވެސް އިވޭނެތާ ޑްރައިވަރަށް."

ލޮލަށް ނުފެނުން ނަމަވެސް ކާރުގައި ދަތުރު ކުރާއިރު މި ދަނީ ކޮން މަގަކުންކަން މާޒިންއަށް ދަނެގަނެވެ އެވެ. ނަމަވެސް މިފަހަރު އެހެނެއްނުވި އެވެ.

"އާންމުކޮށް ކާރު އެއްޗެހީގަ ދާއިރު ނަގައިގަނެވޭނެ ރޫޓް. އެކަމަކު އެ ކޯލް ކުރީމަ ނޭނގުނު، ބޭއްވިއިރު، ރޫޓް ގެއްލިފަ އިނީ. ކޮން މަގަކުންކަން ދަނީ ވެސް ނޭނގުނު. ފަސް ވަރަކަށް މިނެޓު ވެސް ނުވާނެ ޑްރައިވަރު ބުނެފި ފައިބާށޭ. ދެން ކާރު ހުއްޓާފަ އޭނަ ވެސް ފައިބައިފި. އަޅުގަނޑު ހީކުރީ ކާރަށް ކޮންމެވެސް ކަމެއްވީމަ އޭނަ ބަލާލަން ފޭބީ ކަމަށް،" އޭނާ ބުންޏެވެ.

އެކަމަކު މާޒިން ހީކުރުން ރަނގަޅެއް ނޫނެވެ. ޑްރައިވަރު ކާރުން މުޅިން އެހެން މަގްސަދެއްގަ އެވެ.

"އޭނާ [ޑްރައިވަރު] އައިސްފަ ފަހަތު ސީޓު ދޮރު ހުޅުވާފަ ބުނެފި ފައިބާށޭ، މި އާދެވުނީއޭ. ބުނީމަ އަޅުގަނޑު ބުނެފިން ހާދަ އަވަހަށޭ މި އާދެވުނީ. މިއީ ހުޅުމާލޭ ޓްރެކްހޭ ހަމަ އެހީމަ ވެސް ބުނީ އާ މިއީ ހުޅުމާލޭ ޓްރެކޭ،" މާޒިން އެ ވާހަކަ ކިޔައިދިނެވެ.

ޓްރެކަކީ މާޒިންއަށް އާ ތަނެއް ނޫނެވެ. ހުޅުމާލެ އަދި މާލޭ ޓްރެކް އޭނާއަށް މިހާރު ހިތުދަހެވެ.

"ފޭބިއިރަށް ހަމަ އިހްސާސްވެއްޖެ އެއީ ހުޅުމާލެ ޓްރެކް ނޫންކަން. އާންމުކޮށް ދަންވިއްޔަ ހުޅުމާލެ ޓްރެކަށާ މާލެ ޓްރެކަށާ. އެހެންވީމަ ނުފެނުނަސް މާހައުލުން އެނގޭނެ. އެގޮތަށް ފީލްވި މިއީ ހުޅުމާލެ ނޫންކަން. ބޫޓުން ބިން މަތީ ކާތާލީމަ ވެސް އެނގިއްޖެ މިއީ ތާރު ނޫންކަން،" އޭނާ ބުންޏެވެ.

ކާރު ޑްރައިވަރު ކައިރިން ދެން ވެސް ފެނުނީ ވަރަށް ހުތުރު ކަމެކެވެ. މާޒިންގެ އަތުގަ ހިފާ ގެންގޮސް، އޭނާ ކިޔާ އެއްޗަކަށް ނުބަލާ ކާރަށް އަރައިގެން ދިޔައީ އެވެ.

"ދެން އޭނަ އުޅަނބޮށި ކޮޅުގަ ހިފާފަ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސްފަ ބުނީ މި ހޮޅިދަނޑި ކައިރި ހުންނާށޭ އަދި މިތަނުގައި މީހަކު ނެތޭ. އަޅުގަނޑު ބުނިން މިއީ ހުޅުމާލެއެއް ނޫނެއްނޫންހޭ، ބުނީމަ ވެސް އޭނަ އަޑެއް ނާހާ ނައްޓާލައިގެން ގޮސްފި،" މާޒިން ބުންޏެވެ.

ޓެކްސީ ޑްރައިވަރު މާޒިން ބޭލީ މާލޭ ދުވާ ޓްރެކް ސަރަހައްދަށެވެ. މާޒިން އެތަނުގައި ހުއްޓާ އޭނާ ބަލާ އައީ ދުވާ ގައިޑެވެ. އަދި އޭނާ އައިސް ޑްރައިވަރަށް ގުޅުމުން މައާފަށް އެދި ހުޅުމާލެއަށް މާޒިން ގެންގޮސްދޭން އެދުނު ކަމަށް މާޒިން ބުންޏެވެ. މިފަދަ ދެރަ ގޮތެއް މީހަކަށް ހަދަންޖެހުނު ސަބަބެއް މާޒިންއަކަށް ނުވިސްނެ އެވެ. އަދި އެފަދަ ކަމެއް ދެ ވަނަ މީހަކަށް ދިމާވާން ވެސް މާޒިން ނޭދެ އެވެ.

"އަޅުގަނޑު މި އުޅެނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅަން. އަޅުގަނޑު ބޭނުމެއް ނޫން އެހެން މީހަކަށް މިފަދަ ކަމެއް ދިމާވާކަށް،" ނިންމާލަމުން މާޒިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox