ނަޝީދަށް ދިން ހަމަލާއަށް ފަންޑުނުކުރާ ކަމަށް ގަބޫލެއް ނުކުރޭ

ނަޝީދު: އެމަނިކުފާނަށް ދިން ހަމަލާ އަށް ފަންޑްކުރި ބަޔަކު ހޯދަން މެމްބަރުން މިރޭ ވެސް ބާރުއަޅުއްވައި ވާހަކަ ދެއްކެވި. -- ފޮޓޯ/އަދަދު

ނަޝީދު: އެމަނިކުފާނަށް ދިން ހަމަލާ އަށް ފަންޑްކުރި ބަޔަކު ހޯދަން މެމްބަރުން މިރޭ ވެސް ބާރުއަޅުއްވައި ވާހަކަ ދެއްކެވި. -- ފޮޓޯ/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ހޯދުނު ކަންކަމުން ނުބެލެވޭ ކަމަށް ފުލުހުން ބުނި ވާހަކަ ގަބޫލުނުކުރެވޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

އެ މެމްބަރުން މިގޮތަށް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވީ ފަންޑުކޮށްގެންކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެކަމަކު, ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް ފާރަލައި ދިން ހަމަލާއާ ގުޅޭ ގޮތުން އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވީ ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބޭނެ ކަމަށެެވެ. އެ މީހުން ހޯދުމަކީ ތަހުގީގުގައި އަދިވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން: މި މީހުން ހިންގި އަމަލުގެ ފަހަތުގައި ފަންޑުކުރި ބަޔަކު ނުތިބޭނެ ކަމަށް ގަބޫލުކުރަން ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައި.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. މާލީ ނިޒާމްތައް މެދުވެރިކޮށް ބޮޑެތި މުއާމަލާތްތައް ހިނގާކަން ބެލުމުގެ ގާބިލްކަމެއް ނެތީސް ވަކި ގޮތަށް ނިންމުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު އެބަ އަޑުއިވޭ މިއީ ހަރުކަށި ފިކުރުގެ ބަޔެކޭ, އަދި މީޑިއާތަކުން ވެސް އެބަފެނޭ ރިޕޯޓު ހަދައިގެން މިއީ ފަންޑްކޮށްގެން ކުރި ކަމެއް ނޫން ކަމަށް ބާރުއަޅައި ކުރާ މަސައްކަތް ވެސް," އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ފަންޑުކުރި ފަރާތްތައް ނުހޯދެނީސް އެއްވެސް ރައްޔިތަކު ތަހުގީގު ގަބޫލެއް ނުކުރާނެ އެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވާހަކަ ދެއްކެވީ ބޮންޑޭގެ ވާހަކައަށް ތާއީދު ކުރައްވަމުންނެވެ. ހަަމަލާއާ ގުޅޭގޮތުން ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިފަދަ މުއާމަލާތްތައް ބެލުމުގެ ގާބިލްކަން ނެތީސް ކަމާބެހޭ އިދާރާތަކުން ވަކިގޮތަށް ނިންމާލަން އުޅުން މައްސަލައެއްގެ ގޮތުގައި ވައްޑެ ނެންގެވި އެވެ.

"މިހާ އަަވަހަށް ފައިސާގެ މުއާމަލާތެއް ނެތޭ, އެ ބީދައިން ވާހަކަ ދައްކަވާތީ އަޅުގަނޑުމެން ކަންބޮޑުވޭ," އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ފުލުހުންގެ އިސް ފަރާތްތައް އަރާ ވިދާޅުވީ މިފަދަ ކަމެއް ހިންގޭނީ ފަހަތުގައި ބަޔަކު ތިބެގެންނޭ, ފައިސާތަކެއް ހަރަދުކޮށްގެންނޭ. ތިމަންނަމެން ހުރިހާ ކޮޅެއް ބަލާނަމޭ."

ތަޖުރިބާތަކެއްގެ އަލީގައި އެހެން ވިދާޅުވުމަށް ފަހު, މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މައްސަލައިގެ ސީރިއަސްކަން ކުޑަވާ ގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ވައްޑެ ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅޭ ގޮތުން ފިތްކަނޑައިގެން މައުލޫމާތު އާއްމުކުރެއްވުމަށް ފަހު އެކަކަށް ދައުވާނުކޮށް ދޫކޮށްލުމަކީ ސާފުކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. މިވަގުތަށް ހެއްކެއް ނެތިގެން ދައުވާނުކުރަން ނިންމާފައި ވަނީ ދަރަވަންދޫން ހައްޔަރުކުރި އަހްމަދު ފާތިހުގެ މައްޗަށެވެ.

އޭނާ އަކީ ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި އުޅުމަށް ފަހު އަހުލާގީ މައްސަލަތަކާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހެކެވެ.

"ވެދާނެ ހަގީގަތުގައި ވެސް ފާތިހުއަށް ދައުވާކުރާނެ ޖާގަނެތީ ކަމަށް. ނަމަވެސް ދައުވާކުރެވެން ނެތީ ކީއްވެކަން ސާފުކޮށް އެނގެން ވާނެ," އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސުވާލު އުފެއްދެވީ ދައުވާނުކޮށް ފާތިހު ރަނގަޅަށް މޮނިޓާކުރާނެ ކަމާ މެދުގަ އެވެ. ހަމަލާއެއްގައި ތުހުމަތުވީ މީހަކު އަދި ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ދޫވެފައި ތިބި ކަމަށް ބުނާއިރު އެއީ ރަނގަޅަށް ބަލަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބަލަން އެމްޑީޕީން އުފެއްދި މޭ ހައެއް ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މެމްބަރުންގެ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ބައްދަލުކުރައްވާ ކޮންމެ ފަހަރަކު ފައިސާގެ މުއާމަލާތް ހިންގި ގޮތް ބަލައިދޭން އެދިވަޑައިގަންނަވާ ކަަމަށެވެ.

"ބަންދުކޮށްގެން އުޅޭ މީހުން ނުބުނާނެ އެ މީހުންގެ ފައިސާގެ މޯޓިވްއެއް އޮތް ކަމަކަށް. ނޫނިއްޔާ, އެ މީހުން ނޫން އެހެން ބަޔަކު ތިބެދާނެ, ކުރުވި ފަރާތްތަކެއް ވެސް," އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަމުން މިދަނީ ފައިސާގެ މައްސަލަ އާއި މި ކަންތައްތައް ރޭވި ފަރާތްތައް އެނގެންދެން ތަހުގީގު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް."

އޭނާ ވިދާޅުވި ގޮތުގައި އެކަންތައް ފުލުހުން ބަލާނެ ކަމަށް އުއްމީދުކުރައްވަ އެވެ. ފައިސާގެ މުއާމަލާތްތަކެއް ހިނގާފައި ނުވާ ކަމަށް މުޅިއަކުން ނުނިންމާ ކަަމަށް ވެސް ފުލުހުން ބުނެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

އެ ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox