އޮލިމްޕިއަނަކަށް ވުމުގެ ޝަރަފާ އެކު ޝަމްހާ ދެނީ މެސެޖެއް

އޮލިމްޕިއަނަކަށް ވުމުގެ ޝަރަފާ އެކު ޝަމްހާ ދެނީ މެސެޖެއް

ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދު، އޮލިމްޕިކްސްގައި ބައިވެރިވުމަކީ ކޮންމެ ކުޅިވަރު ކުޅުންތެރިއެއް/އެތުލީޓަކަށް ލިބޭނެ ފަހުރެކެވެ. އޮލިމްޕިކްސްގައި ރާއްޖޭގެ 33 އަހަރުވީ ތާރީހުގައި މިހާތަނަށް ގިނަ އެތުލީޓުންނެއް ވަނީ ކުޅިވަރުގެ އެ ބޮޑު އީދުގައި ބައިވެރިވެފަ އެވެ. އޭގެ ތެރެއިން އެއް އެތުލީޓަކީ 2000 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ކުޅަދާނާ ދުވުންތެރިޔާ ޝަމްހާ އަހުމަދު އެވެ.

ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފެށުނު ފަހުން ޝަމްހާ، 39، ސޯޝަލް މީޑިއާ އެކައުންޓްތައް ބަލައިލުމުން ފެންނާނީ ގިނައިން އޮލިމްޕިކްސްގެ ވާހަކަ އެވެ. އޭގެ އެއް ސަބަބަކީ 2000 ވަނަ އަހަރުގެ އޮލިމްޕިކްސް އިން އެ ލިބުނު ފުރުސަތަކީ އޭނާ އަބަދު ވެސް ފަހުރުވެރިކަމާ އެކު ފާހަގަކުރާނެ ކަމަކަށްވާތީ އެވެ.

"ވަރަށް ފަހުރުވެރިވޭ ހަގީގަތުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު އެ ވަރުގެ ބޮޑު އިވެންޓެއްގައި ލިބުނީމަ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެ އަކީ ވަރަށް ކުޑަ ގައުމެއް. އެކަމަކު އޮލިމްޕިކުން އެބަ ފުރުސަތު ލިބޭ އެންމެ ބޮޑެތި ގައުމުތަކާ ވެސް ވާދަކޮށްލުމުގެ ފުރުސަތު. އޭގެ މާނަ އަކީ އަހަރެމެން (ރާއްޖެ) ވެސް އޮތް ކަމުގެ އިހުސާސް އެބަވެޔޭ،" އޮލިމްޕިއަނަކަށް ވުމުގެ އިހުސާސްތައް ޝަމްހާ "އަދަދު" އަށް ކިޔައިދިނެވެ.

"އަހަރެންގެ ނަޒަރުގައި އޮލިމްޕިކްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ އެތުލީޓަކީ ހީރޯއެއް."

ސިޑްނީ އޮލިމްޕިކްސްގެ ރަސްމިއްޔާތެއްގެ ތެރެއިން ސަމްހާ (ވ).

ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް އޮތީ ޝަމްހާ އަތުގަ އެވެ. އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ކަމަށްވާ 12:27 ސިކުންތަކީ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ދުވި ރޭހުގެ ނަތީޖާ އެވެ. އޭގެ ފަހުން 20 އަހަރުވީއިރު އެތައް ދުވުންތެރިންނެއް މަސައްކަތް ކޮށްގެން ވެސް ޝަމްހާގެ ރެކޯޑްގައި މިހާތަނަށް އަތެއް ނުލެވުނެވެ. ޝަމްހާ އެ ރެކޯޑް ހެދުމުގެ އެއް އަހަރު ކުރިން އޮލިމްޕިކްސްގައި ވާދަކުރި އެވެ.

"އޮލިމްޕިއަކަނަށް ވާން ނޫނީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދަން ވަރަށް ބައިވަރު ގުރުބާނީވާން ޖެހޭ. އަހަންނަށް އެ ފުރުސަތު ލިބުނީ ވެސް ޑިސިޕްލިން ހިފަހައްޓައިގެން. އަމިއްލަ ކޮންފިޑެންސް ވެސް ރަނގަޅަށް ދަމަހައްޓައިގެން. މިއީ ވަރަށް ބުރަ މަސައްކަތް. އޮލިމްޕިކްސް އަށް ފަހު ހަގީގަތުގައި ކުރިއަށްދާން ވެސް ހިތްވަރު ލިބޭ،" މީގެ 24 ވަރަކަށް އަހަރު ކުރިން އަމީނިއްޔާގެ ސްޕޯޓްސް މީޓްގައި ހުސްފަޔާ ދުވެގެން އެންމެ ފުރަތަމަ 100 މީޓަރުގެ ރެކޯޑް ހެދި ޝަމްހާ ބުންޏެވެ.

ފުރަތަމަ އޮލިމްޕިކްސްގައި ވާދަކޮށް ދެ އަހަރެއް ވަރު ފަހުން ދިރިއުޅުމުގައި ދިމާވި އެކިއެކި ކަންތައްތަކާ ހުރެ ޝަމްހާ އެތުލެޓިކްސްއާ ދުރަށް ދިޔަ އެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޝަމްހާ ފާހަގަކޮށްފައިވަނީ 2001 ގައި ޕާކިސްތާނުގައި ބާއްވަން އޮތް ސާފް ގޭމްސްގެ އަންހެނުންގެ ރިލޭ އިން މެޑެއްޔެއް ލިބުމުގެ އުއްމީދުގައި ކުރި މަސައްކަތް ފެނަށް ދިއުމެވެ.

އިންޑިއާގެ ބެންގަލޫރުގައި ވަރުގަދަ ތަމްރީންތަކެއް ހަދަމުން ދަނިކޮށް ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ހުރެ އެ ފަހަރުގެ ސައުތު އޭޝިއަން ގޭމްސް ކެންސަލްވީ އެވެ. އެއީ ޝަމްހާ އެތުލެޓިކްސްއާ ދުރަށް ދިޔަ އެއް ސަބަބެވެ. އެހާ ބުރަ މަސައްކަތްތަކެއް ކޮށްފައި މުބާރާތުގައި ވާދަކޮށްލަން ވެސް ނުލިބުނީމަ އެވެ.

އޭގެ ފަހުން ޖަރުމަނުގައި ދިރިއުޅެ، އެ ގައުމުގެ މީހަކާ ޝަމްހާ ކައިވެނިކުރި އެވެ. ތިން ކުދިން ލިބުނެވެ. އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ޝަމްހާ އެތުލެޓިކްސްއާ ދުރުގައި 10 ވަރަކަށް އަހަރު ހޭދަކުރި އެވެ.

އެ މުއްދަތުގައި އޭނާ އެންމެ ގަޔާވެގެން ބަލާ ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސްގެ ދެ އިވެންޓެއް ނިމުނުއިރު އެކަމަށް ވެސް އޭނާގެ ޝައުގެއް ނެތެވެ. އެއީ އެތަންސްގައި 2004 ގައި ބޭއްވި އޮލިމްޕިކްސް އާއި 2008 ގައި ބެއިޖިންގައި ބޭއްވި އޮލިމްޕިކްސް އެވެ. އޭނާ އަލުން ބަލަން ފެށީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސަމްހާ ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"އާއިލާ އަށް ވަގުތު ދޭން އެ ހޭދަވި މުއްދަތުގައި ނުދުވެ ހުންނަން ޖެހުމުން ޑިޕްރެސްވެ ޕްރޮފެޝަނަލް އެހީ ވެސް ހޯދިން. އެ ކްރައިސިސް (ހާދިސާ) ތަކުގެ ތެރޭގައި ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ހޭދަވުމަށް ފަހު އެނބުރި އާދެވުނީ،" ދުވުމަށް އަލުން ނުކުންނަން ހޭދަވި މުއްދަތާ ބެހޭގޮތުން ޝަމްހާ ބުންޏެވެ.

ކެރިއަރު އަލުން ފަށަން ޝަމްހާ ނެގީ ޗެލެންޖެކެވެ. އެންމެ ޒުވާން ދުވަސްވަރުގައި ކުރު ދުވުންތަކުން ރެކޯޑް ފޮތްތަކުން ޖާގަ ހޯދި ޝަމްހާ އިހުތިޔާރު ކުރީ ދިގުދުވުމެވެ.

ދިގު ދުވުމަށް ނުކުމެ ޝަމްހާ ވަނީ ޑެންމާކްގެ ކޯޕަންހޭގަންގައި 2014 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ހާފް މެރެތަން ދުވެފަ އެވެ. އެ މުބާރާތުގައި ވާދަކޮށް، އޭރުގެ އަންހެން ގައުމީ ރެކޯޑް، 1 ގަޑި 42 މިނިޓުން ދުވެގެން ހެދި އެވެ.

ދެން ޝަމްހާ ފެނުނީ 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އިންނެވެ. އެ ގޭމްސްގައި ވާދަކުރަން ޖަރުމަނުން ފަށައިގެން ދިގު ދަތުރެއް ނިންމާލުމަށް ފަހު އިންޑިއާގެ ގުވަހާޓީ އަށް އައިސް އެކަށީގެންވާ ރިކަވަރީ ވަގުތެއް ވެސް ނުލިބި، ދަތުރު ވަރުބަލިކަމުގެ ތެރޭގައި ހުރެ ވެސް ޝަމްހާ އިވެންޓްގައި ވާދަކުރި އެވެ. އެ ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ރިލޭ ޓީމުގައި ހިމެނި، އެ އިވެންޓުން ގައުމީ ރެކޯޑް ހެދިއިރު ޝަމްހާ ދުވުނެވެ.

ފަހަކަށް އައިސް ގިނަ ދުވުމުގެ މުބާރާތްްތަކުގައި ފުރުސަތު ލިބޭ ވަރަކަށް ވާދަކުރަމުން އަންނަ ޝަމްހާގެ މިހާރުގެ އަޒުމަކީ ދިގު ދުވުމުގެ ރެކޯޑްތަކެއް ގާއިމްކުރުމެވެ. ކުޑައިރުގައި ދުވުމަށް ދޫވި ހިތް އަދިވެސް އޮތީ ޓްރެކުގަ އެވެ.

އަރަމުން އަންނަ ޖީލަށް ކުޅިވަރުގެ ތެރެއިން ތައުލީީމީ ފުރުސަތު ދިނުން މުހިއްމު

ޝަމްހާ ފަދަ އެތައް ދުވުންތެރިންނެއް ނުވަދިހައިގެ އަހަރުތަކުން ފެށިގެން މާލޭގައި ދުވުން ފަރިތަކުރަމުން އައީ ކުޅިވަރު އެކުވެނި ވެލި ޓްރެކުގަ އެވެ. ޝަމްހާގެ ދުވުމުގެ ހަޔާތުގެ އެތައް ހަނދާނެއް ގުޅިފައި އޮތް ވެލި ޓްރެކް މިދިޔަ ޖެނުއަރީ މަހު ސިންތެޓިކް ޓްރެކެއް ގޮތުގައި ތަރައްގީކޮށް ހުޅުވި ރަސްމިއްޔާތުގައި ޝަމްހާ ބައިވެރިވި އެވެ. އެއީ އިއްތިފާގުން ދިމާވި ކަމެކެވެ. އާއިލާއާ އެކު ވަގުތު ހޭދަކުރަން މާލެ އައިސް ހުރި ވަގުތެއްގައި ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ދުވަސް ދިމާވުން އެއީ ޝަމްހާ އަށް ލިބުނު ބޮޑު އުފުލަކެވެ.

ސިންތެޓިކް ޓްރެކެއް ލިބުމުން އަރަމުން އަންނަ އެތުލީޓުންނަށް ޝަމްހާ މެން ތަހައްމަލުކުރަން ޖެހުނު އުނދަގޫތަކާ ކުރިމަތިލާން ނުޖެހޭނެ އެވެ. އެކަމަކު، އަރަމުން އަންނަ އެތުލީޓުންނަށް ވެސް އޮލިމްޕިކްސްއާ ހަމައަށް ދިއުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދޭނީ ވަރަށް ބުރަ މަސައްކަތުންނެވެ.

ޝަމްހާ ދެކޭ ގޮތުގައި އެކަން ކުރަން ތައުލީމީ ނިޒާމްގެ ތެރެއިންނާއި އެތުލީޓުންނަށް ކޮށްދޭން ޖެހޭ އެކިއެކި ކަންކަން ފުރިހަމަވާން ޖެހެ އެވެ.

ޝަމްހާގެ ނަޒަރުގައި ރާއްޖޭގައި އަރަމުން އަންނަ ވަރަށް ރަނގަޅު އެތުލީޓުން އެބަތިއްބެވެ. އެކަމަކު ހަަމައެކަނި އެތުލެޓިކްސް އަށް ފޯކަސް ކޮށްގެން ކުރިއަށް ދެވެން އޮތީ ވަރަށް މަދު ކުދިންނަށެވެ. ކިޔަވައިގެން އެހެން ވަޒީފާތަކަށް ދިއުމުގެ ޕްރެޝަރު ގިނަ ކުދިންނަށް އޮވެ އެވެ.

ސިންތެޓިކް ޓްރެކް ހުޅުވަން މި އަހަރު ކުރީކޮޅުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޝަމްހާ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ރައީސް އޮފީސް

"އާއިލާ އާއި ސްކޫލުން އޮންނަ ޕްރެޝަރު ބޮޑު. ހަމައެކަނި ރެކޯޑެއް ގާއިމްކޮށްގެން އަހަރެމެން ކަހަލަ ކުޑަ ގައުމެއްގައި ހުރިހާ ކަމެއް ހާސިލްވުމަކީ ވަރަށް އުނދަގޫ ކަމެއް. މީގެ ކުޅިވަރުގެ ތެރެއިން ތައުލީމީ ފުުރުސަތު ދިނުން އެންމެ މުހިއްމީ. ސަރުކާރުގެ އެހީގައި އެތުލީޓުންނަށް ތަމްރީންތައް ދޭއިރު ކެރިއަރު ނިންމާފައި ވެސް ބޭނުން ހިފޭނެ ތައުލީމެއް އޮންނަން ޖެހޭ. އެހެންވީމަ އެތުލީޓަކަށް ދޭ އެޑިއުކޭޝަން ވެސް މުހިއްމު،" ޝަމްހާ ބުންޏެވެ.

ޝަމްހާ ވަނީ އޭނާ އަށް ދިމާވި ކަންތައްތައް ވެސް ކިޔައިދީފަ އެވެ. ޝަމްހާ އަށް 2001 ވަނަ އަހަރު ސިޑްނީގެ އިންޓަނޭޝަނަލް ސްކޫލުން ވަނީ ޗައިލްޑް ފިޒިއޯލޮޖީ އާއި ފިޒިކަލް އެޑިއުކޭޝަން ކިޔަވަން ފުރުސަތު ލިބުނެވެ. މިއީ ދެބައިކުޅަ އެއްބައި ފަންޑް އޮސްޓްރޭލިއާ އިން ހަމަޖައްސައިދޭން ނިންމި ކޯހެކެވެ. އެކަަމަކު، އެ ވަގުތު ކަންކަމުގެ އުސޫލުތަކާއި ކަމާބެހޭ ފަރާތްތަކުގެ ވިސްނުން ހުރި ގޮތުން ޝަމްހާ އަށް ލިބުނީ އަޑުއަހަން އެހާ ފަސޭހަ ޖަވާބެއް ނޫނެވެ.

"އޭރު އެންމެ އާންމުކޮށް އިވޭ ޖަވާބު ލިބުނީ. އަންހެން ކުދިން ކިޔަވަން ޗާންސެއް ނުދޭ. އެ ހިސާބުން އެތުލީޓަކަށް ވެ ހުރެ ކެރިއަރުން ކުރިއަށްދާން ނިންމި އެެއް ދާއިރާއެއްގެ ހުރިހާ ވިސްނުމެއް ދޫކޮށްލަން ޖެހުނު. އެއީ އަދިވެސް ހިތާމަކުރާ ކަމެއް،" ޝަމްހާ ބުންޏެވެ.

ޝަމްހާ ދޭން ބޭނުން މެސެޖަކީ އަރަމުން އަންނަ އެތުލީޓުންނަށް ހަމައެކަނި ކުޅިވަރުގެ ތަމްރީން ދިނުމަށް ފަހު ނިންމައިނުލުމެވެ. ޓްރެއިނިން އެކޭ އެއްވަރަށް ކުޅިވަރުން ވިޔަސް އެހެން ދާއިރާއަކުން ވިޔަސް ކިޔަވައިދީގެން މުސްތަގުބަލަށް އިތުރު ބައެއް ތަމްރީން ކުރެވޭނެ ފަދަ ގާބިލު ބަޔަކަށް އެތުލީޓުން ހެދުމެވެ. އޮލިމްޕިއަނުންގެ ގޮތުގައި ރާއްޖޭގެ ކުޅިވަރުގައި ނަން ފަވާލެވޭ ކޮންމެ އެތުލީޓަކީ މުސްތަގުބަލުގައި އެތައް ކުޅިވަރަކުން އެހެން ކުޅުންތެރިންނަށް ތަމްރީން ދެވޭނެ ފެންވަރު ބަޔަކަށް ހެދުމަށް މަގުކޮށައިދީފައި ބޭއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox