މި އަހަރުގެ ފުރަތަމަ ކުއާޓަރެކޭ އެއްގޮތަށް ދެވަނަ ކުއާޓާގައި ވެސް ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި ސަތޭކަ މިލިއަނަށް ވުރެ މަތިން ލިބިއްޖެ އެވެ.
މިއަދު އާންމުކުރި އެސްޓީއޯގެ ސެކަންޑް ކުއާޓަލީ ރިޕޯޓު ބުނާ ގޮތުން، ދެވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.216 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ހަރަދުތަކާއި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބުނެވެ.
ތެލުން ލިބުނު އާމްދަނީ ދަށަށް، އެެހެނިހެން އާމްދަނީ މައްޗަށް
މި ކުއާޓާގައި ވެސް އެސްޓީއޯއަށް ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެޔޮ ވިއްކައިގެން އެ ކުންފުންޏަށް 1.446 ބިލިއަން ރުފިޔާ ލިބުނެވެ. އެކަމަކު މިއީ މިދިޔަ ކުއާޓަރުގައި ތެލުގެ ވިޔަފާރިން ލިބުނު 1.448 ބިލިއަން ރުފިޔާއަށް ވުރެ ދަށް އާމްދަނީއެެކެވެ.
ތެލުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް، އެ ނޫން ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. މި ވިޔަފާރިތަކުން އެސްޓީއޯއަށް 770 މިލިއަން ރުފިޔާ އާމްދަނީއެއް ލިބުނެވެ. މިއީ ފުރަތަމަ ކުއާޓަރަށް ވުރެ 63 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މި އާމްދަނީއާ ގުޅިގެން ކުންފުނީގެ ޖުމްލަ ފައިދާ ވަނީ އިތުރުވެފަ އެވެ.
މި އާމްދަނީ އިތުރުވި ނަމަވެސް، މާކެޓިން އަދި އިދާރީ ހަރަދުތައް އިތުރުވުމާ ގުޅިގެން ކުންފުނީގެ ހިންގާ ފައިދާއަށް ލިބުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓާއަށް ވުރެ ދެ މިލިއަނެއްހާ ރުފިޔާ ދަށްވެފަ އެވެ. އެކަމަކު ސާފު ފައިދާ ބޮޑުވީ ހިންގާ ފައިދާގެ ތެރެއިން ކުންފުނީގެ ފައިނޭންސިން ހަރަދަށް ކެނޑި އަދަދު ކުރީ ކުއާޓާއަށް ވުރެ ފަސް މިލިއަން މަދު ވީމަ އެވެ.
މި ކުއާޓާގެ ތެރޭގައި ކުންފުންޏަށް ލިބުނު ފައިދާއިން ވިޔަފާރި ފައިދާ ޓެކްސް (ބީޕީޓީ)އަށް 22.9 މިލިއަން ރުފިޔާ ދައްކަން ވަނީ ހަމަޖެހިފަ އެވެ. މިއީ ވެސް އޭގެ ކުރީ ކުއާޓާއަށް ވުރެ މަތީ އަދަދެކެވެ.
ކުންފުނީގެ އެހެނިހެން މާލީ އުސްއަލިތަކަށް ބަލާއިރު، ހިއްސާއަކަށް ލިބުނު އާމްދަނީ އާއި ކުންފުނީގެ ރިޒާވްގެ އިތުރުން ކުންފުނީގެ އަގު ވަނީ އިތުރުވެފަ އެވެ.
ދަރަނިތައް ދަށަށް، ކޭޝް ފްލޯ މައްޗަށް
އެސްޓީއޯގެ ދެވަނަ ކުއާޓާ ރިޕޯޓުން ފާހަގަވާ ގޮތުގައި ކުންފުނީގެ ދިގު މުއްދަތުގެ ދަރަނި (ނަން-ކަރަންޓް ލަޔަބިލިޓީސް) ވަނީ 50 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މަދުވެފަ އެވެ. އަދި ޖުމްލަ ދަރަނީގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ.
މީގެ އިތުރުން ހުސްވި އަހަރު ކޮވިޑުގެ ސަބަބުން ކުންފުނީގެ ކޭޝް ފްލޯއަށް އައި ލޮޅުމުން އަރައިގަނެވިފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ. އަދި ހުސްވި ކުއާޓާގައި ކުންފުނީގެ ޕޮޒިޓިވް ކޭޝް ފްލޯއަށް އެންމެ 15 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި ކުއާޓާގައި އެ އަދަދު ވަނީ 280 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.











