ރިޕޯޓުރާއްޖޭގެ ތިމާވެށި އަދަދުތަކުން

ރާއްޖޭގެ ތިމާވެށި އަދަދުތަކުން

 ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން ނިންމަން ބާރު އަޅަ އެވެ. އެ މިންވަރަށް ވުރެ ދުނިޔެ ހޫނުވެއްޖެ، ނަމަ ކަނޑުގެ ލޮނުގަނޑު އުފުލި ދުނިޔޭގެ ޗާޓުން ރާއްޖެ ނެތި ދިޔުމުގެ ބިރު އެބަ އޮތެވެ.

ރާއްޖޭގެ ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް
ރާއްޖޭގެ ބ. އަތޮޅުގެ ރަށްތަކެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ދުނިޔެ ހޫނުވުމުގެ ސަބަބުން ނުވަތަ މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވަމުންދާކަމުގެ ވާހަކަތައް މި ދުވަސްވަރު އިތުރުވެފައި ވަނީ ބައެއް ބޮޑެތި ގައުމުތަކަށް ދިމާވަމުންދާ ކާރިސާތަކުގެ ސަބަބުންނެވެ.

ޖަރުމަނު ވިލާތާއި ޗައިނާ ފަދަ ގައުމުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު، އުރުދުން ފަދަ ގައުމުތަކުގެ ހަނަފަސްކަން އާދަޔާ ހިލާފަށް އިތުރުވެ، ފެނުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފަ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން "ހައްދު ފަހަނަ އަޅަމުން" ދާ ކަމަށް އެކި ފަރާތްތަކުން ސިފަ ކުރަމުން ދާއިރު، މި މައްސަލާގައި ގައުމުތަކުގެ މެދުގައި ބާއްވާ އދ. ގެ ބޮޑު ބައްދަލުވުން "ކޮޕް26" ފަށަން މިހާރު ވަނީ އެންމެ 100 ދުވަހަށް ވެފަ އެވެ. ބައްދަލުވުމަށް ދިޔުމުގެ ކުރިން އެންމެ ނާޒުކު ގައުމުތަކުން ގިނަ ކަންތައްތަކަށް ޑިމާންޑުކޮށްފައި ވާއިރު، ރާއްޖެއަކީ ވެސް މޫސުމީ ބަދަލުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނެ ކަމަށް ބެލެވޭ އެއް ގައުމެވެ.

ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން ނިންމަން ބާރު އަޅަ އެވެ. އެ މިންވަރަށް ވުރެ ދުނިޔެ ހޫނުވެއްޖެ، ނަމަ ކަނޑުގެ ލޮނުގަނޑު އުފުލި ދުނިޔޭގެ ޗާޓުން ރާއްޖެ ނެތި ދިޔުމުގެ ބިރު އެބަ އޮތެވެ. ތިރީގައި އެ ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއާ ގުޅުން ހުރި ބައެއް މުހިއްމު ތަފާސްހިސާބެވެ.

1192

ރާއްޖެއަކީ އިންޑިއާ ކަނޑުގައި 26 އަތޮޅެއްގެ މައްޗަށް އެކުލެވޭ 1،192 ކުދި ޖަޒީރާ ރަށުން އުފެދިފައިވާ ގައުމެކެވެ. މި ރަށްތައް ފެތުރިފައި ވަނީ އިންޑިއާ ކަނޑުގެ ގާތްގަނޑަކަށް 90،000 އަކަ ކިލީމޯޓަރު ނުވަތަ 35،000 އަކަ މޭލުގެ ސަރަހައްދަކަށެވެ. 2014 ގައި ބޯހިމެނުމުން ދެއްކި ގޮތުގައި އިދާރީ ގޮތުން މީހުން ދިރިއުޅޭ 188 ރަށުގައި 407،660 މީހުން އުޅެ އެވެ.

1

ރާއްޖޭގެ ރަށްތަކުގެ 80 ޕަސެންޓު އޮންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ އެންމެ މީޓަރެއް އުހުގަ އެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބިން ތިރި ގައުމެވެ. އެހެންވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު ގައުމަކީ ރާއްޖެ އެވެ.

1994

ރާއްޖެއަށް އެވްރެޖު ގޮތެއްގައި ވެހެނީ އަހަރަކު 1994 މިލިމީޓަރުގެ ވާރެ އެވެ. އެއީ ދެކުނުގެ އަތޮޅުތަކަށް 2218، މެދު ތެރެއަށް 1966 އަދި އުތުރުގެ ރަށްތަކަށް 1799 މިލިމީޓަރެވެ. ސާފު ބޯފެން ލިބުން ބިނާވަނީ މޫސުމީ ވާރެއަށެވެ. ސާފު ފެން ލިބޭ މައިގަނޑު ގޮތަކީ ބިމުގައިވާ ތުނި ފެން ފަށަލައިންނެވެ. ދެން ލިބެނީ ސީދާ ވާރޭ ފެން ޖަމާކޮށްގެންނެވެ.

80

ފެން ފަށަލަ ހަލާކުވެފައި ވާތީ ގިނަ ރަށްރަށުގެ ބިމުން ސާފު ފެން ނުލިބެ އެވެ. އެހެންވެ، ބަރޯސާވާން ޖެހެނީ ވާރޭފެން، ޑީސެލިނޭޓެޑް ފެން ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ފެނަށެވެ. ގިނަ ރަށްރަށުގައި ވާރޭ ފެން ހާވެސްޓުކޮށް، ރައްކާކުރެވޭނެ ނިޒާމު ކުޑަވުމުން ފެނުގެ ދަތިކަމާ ދިމާވެ އެވެ. އެގޮތުން ހޫނު ދުވަސްވަރު އެވްރެޖުކޮށް ކޮންމެ އަހަރަކު ވެސް 80 ރަށަކުން ފެނަށް ޖެހި ސަރުކާރުން ފެން ފޯރުކޮށްދޭން ޖެހެ އެވެ.

155

އާބާދީ އިތުރުވާ ވަރަކަށް ކުނި އިތުރުވެ، ކުނި މެނޭޖު ކުރެވޭނެ ގޮތްތައް ހޯދަން ވަނީ ދަތިވެފަ އެވެ. އެގޮތުން މާލޭގައި ކޮންމެ މީހަކު 3.5 ކިލޯގެ ކުނި، ރަށްތަކުގައި 0.8 ކިލޯ އަދި ރިސޯޓުތަކުގައި 1.7 ކިލޯގެ ކުނި އުފައްދަ އެވެ. އާބާދީގެ 38 ޕަސެންޓު އުޅެނީ މާލެ ސަރަހައްދުގައި ކަމަށް ވާތީ، ބޮޑަށް ކުނި އުފެދެނީ މި ތަނުގަ އެވެ. ފާއިތުވި 10 އަހަރު ތެރޭ މާލޭގައި އުފައްދާ ކުނީގެ އަދަދު 155 ޕަސެންޓު އިތުރުވެފައި ވެ އެވެ.

4

ކޮންމެ އަހަރަކު ވެސް ކަނޑުގެ ލޮނުގަނޑު 3-4 މިލިމީޓަރަށް އުފުލޭ ކަމަށް ބެލެވޭއިރު، އެ ރޭޓުގައި ކުރިއަށް ދާ ނަމަ ރާއްޖެ ފަދަ ގައުމުތަކަށް ރާޅު އަރައި، ސާފު ބޯފެން ނުލިބި، 2050 ވަނަ އަހަރު އަންނަން ވާ އިރަށް ދުނިޔޭގެ ޗާޓުން ފޮހެވިގެން ދާނެ އެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox