ކޮވިޑާ ގުޅިގެން ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ހިފަހައްޓާފައި އޮތުމަށް ފަހު، މިއަދުން ފެށިގެން އެ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.
ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓްތަކަށް ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މިހާރު ބެންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓަކީ މަހަކަށް 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ލިމިޓަކީ މަހަކު 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް އެމެރިކާ ޑޮލަރުން ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ލިމިޓަކީ ދުވާލަކު 3000 ޑޮލަރެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބޭންކުގެ ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާ ކުރެވުން ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރެވޭނެ ކަމަށެވެ.
ނަމަވެސް، ބީއެމްއެލްގެ ޑެބިޓު ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، ސިއްހީ އަދި ތައުލީމީ ކަންތައްތަކާ ގުޅިގެން ކާޑުން އިތުރަށް ކުރަންޖެހޭ ބޭރުގެ މުއާމަލާތްތަކަށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުން، ވަގުތީ ގޮތުން އެ ކާޑެއްގެ ލިމިޓަށް ބަދަލު ގެނެސްދޭނެ ކަމަށެވެ.











