މިދިޔަ އަހަރު ރާއްޖޭގެ ވަރީގެ ނިސްބަތް އޭގެ ކުރީގެ ދެ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ތަފާސްހިސާބުން ދައްކައިފި އެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިޔުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ރާއްޖޭގެ ވަރީގެ ނިސްބަތް ހުރީ މިދިޔަ އަހަރާ އަޅާބަލާއިރު، ހުރީ ވަރަށް މަތީގަ އެވެ.
އެގޮތުން، 2018 ވަނަ އަހަރު 5،000 އަށް ވުރެ ގިނަ ކައިވެނިކޮށްފައިވާއިރު، އެ އަހަރު 3،200 އެއްހާ ކައިވެނި ވަނީ ރޫޅިފަ އެވެ.
އަދި 2019 ވަނަ އަހަރު 5،000 އެއްހާ ކައިވެނި ކޮށްފައިވާއިރު، އެ އަހަރުގެ ވަރީގެ ނިސްބަތް ހުރީ 3،500 އާ ގާތްކުރާ އަދަދެއްގަ އެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ބޮޑު ބައެއް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ލޮކްޑައުންކުރުމާ އެކު، ދުނިޔޭގައި ވެސް އެންމެ ވަރި ގިނަ ގައުމުގެ ލަގަބު ލިބިފައިވާ ރާއްޖޭގެ ވަރީގެ ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ.

އެގޮތުން، މިދިޔަ އަހަރު ވެސް 5،000 އެއްހާ ކައިވެނި ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، ވަރީގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 3،000 ގަ އެވެ.
ރާއްޖެއާ އެކު ކޮވިޑު ފެތުރުން ކޮންޓްރޯލްކުރަން މިދިޔަ އަހަރު ގިނަ ގައުމުތަކެއް ވެސް ލޮކްޑައުންކޮށްފައިވާއިރު، ކައިވެންޏަށް ކުރި އަސަރު އެކި ގައުމުތަކުގައި ތަފާތެވެ.
ލޮކްޑައުންގެ ތެރޭގައި ދެމަފިރިން އެކުގައި ހޭދަކުރަން މަޖުބޫރުވި ގިނަ ދުވަސްތަކާއެކު، ރާއްޖެއެކޭ އެއް ފަދައިން އެއް ބައި ގައުމުތަކުގައި ވަރީގެ ނިސްބަތް ދަށަށް ދިޔަ ނަމަވެސް، ބައެއް އެހެން ގައުމުތަކުގައި ގިނަ ވަގުތު އެކީގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ވަރި އިތުރުވިކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެހެން ގިނަ ގައުމުތަކެކޭ އެއް ފަދައިން، ކޮވިޑުގެ ސަބަބުން އަންއިންޓެންޑެޑް ޕްރެގްނަންސީ ނުވަތަ ޕްލޭނުނުކޮށް ދަރިން ލިބުނު ނިސްބަތް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ކޮވިޑު ކުރިން ދުވާލެއްގެ މައްޗަށް ބަލިވެއިންނަ ނިސްބަތްހުރީ 10 ގަ އެވެ. ނަމަވެސް، ކޮވިޑާއެކު މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެ ނިސްބަތް 12 އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ އިތުރުން، ރާއްޖޭގައި ބޭނުންނުވެ ނުވަތަ ފެމިލީ ޕްލޭނެއް ނެތި އުމުރުން 18 އަހަރުގައި 0.4 ޕަސަންޓު މީހުން ވަނީ މާބަނޑުވެފަ އެވެ.
އަދި އެ ނިސްބަތް އުމުރުން 19 އަހަރުގެ އުމުރުފުރާގެ މީހުންގެ މެދުގައި އިތުރުވެފައިވާކަންވަނީ ފާހަގަވެފަ އެވެ. އެގޮތުން ހަތް ޕަސަންޓު މީހުން ބޭނުން ނުވެ މާބަނޑުވެފައިވާކަން ވަނީ ހާމަވެފަ އެވެ.














