ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ވަޒީފައި އަދާކުރަމުން އައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިހާތަނަށް ވަކިކުރި ގާތްގަނޑަކަށް 30 މުވައްޒަފުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.
އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު "އަދަދު" އަށް ބުނީ ކޮވިޑް-19އާ ގުޅިގެން ނޯޕޭ ލީވްއަށް މިދިޔަ އަހަރު ފޮނުވި ކަމަށެވެ. ވަޒީފާ އިން ވަކިކުރަން ގިނަ ބަޔަކަށް ނޯޓިސް ފޮނުވީ މީގެ ދެ ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.
ވަކި ކުރި މުވައްޒަފުންނަށް ނޯޕޭގައި ހުރި ދެ މަހުގެ މުސާރަ ދިނެެވެ.
"ބޯޑަރު ހުޅުވާލިފަހުން ހަމަ ވަރަށް ރަނގަޅަށް އެ ތަން (އެޗްއައިއެޗް) ހިނގަމުން އައީ. ގާތްގަނޑަކަށް ދުވާލަކު 70 ނޫނީ 80 ވަރަކަށް ރޫމްސް އޮކިއުޕައި ކުރޭ. މާލީ ހާލަތު ދަށްވާންވީ ކީއްވެ ކަމެއް ނޭނގެ،"

އެޗްއައިއެޗް ހިންގަމުން އަންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ވަޒީފާގެ ގާނޫނުގައި ބުނާ ކުރު މުއްދަތު ދިނުމަށްފަހު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެ ކުންފުންޏަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިކަމެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑުގެ ބަހެއް ހޯދަން ކުރި މައްސަކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
އެޗްއައިއެޗުން ގިނަ އަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކޮށްފައި ވާއިރު މިދިޔަ އަހަރު އެޗްއައިއެޗްގެ ޓްރާންސްޕޯޓް މުވައްޒަފުން ތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ.
ކޮވިޑާ އެކު ޓޫރިޒަަމް ދަށްވެ، ރިސޯޓްތަކުން މުވައްޒަފުން ވަކިކުރި ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ފަތުރުވެރިކަން ރަނގަޅުވެ ބައެއް ރިސޯޓުތަކުން ވަނީ ކަނޑާލި މުވައްފުންނަށް ވަޒީފާ ދީފަ އެވެ.













