ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ވަޒަންތަކެއް ފެނިފައިވަނީ މިއަދު ހެނދުނު އެއާޕޯޓަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެމީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، އެ ޓޫރިސްޓާ ސުވާލުކުރަމުންދާ ކަމަށެވެ.
އެއާޕޯޓަށް ދިޔަ ޓޫރިސްޓެއް އަތުން ވަޒަންތަކެއް ފެނިފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވަނިކޮށެވެ.
ވަޒަންތައް ފެނިފައިވަނީ ރާއްޖޭން ފުރަންދާން ޓޫރިސްޓު އެއާޕޯޓަށް ދިޔުމުން ކަމަށްވާތީ، އޭނާ ރާއްޖެ އެތެރެވީ ވެސް ވަޒަންތަކާއެކު ކަމަށް ބެލެވެ އެވެ. ނަމަވެސް، ތަހުގީގު ނުނިމޭތީ މިކަން އަދި ސާފެއް ނޫނެވެ.












