ރައްޔަތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެވަގުތު އަރިހުގައި ތިބި ބޮޑީގާޑުންނާއި ފަރުވާދިނުމުގެ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުގެ މަސައްކަތް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް މަޖިލީހުން ހުށަހަޅައިފި އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ބަލާފައިވަނީ އެކަން ހިނގައިދިޔަ ގޮތާއި އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ގާތްގަނޑަކަށް 270 ސޮފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.
އެގޮތުން، މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ގެއިން ނުކުމެވަޑައިގެން ކާރަށް އަރައިވަޑިގަންނަވަނިކޮށް ނީލޯފަރު މަގު ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެއް ގޮއްވާލާފައި ވަނީ، އެމަނިކުފާނުގެ ސެކިޔުރިޓީގައި ހިމެނުނު ތިން ބޮޑީގާޑުންގެ ތެރެއިން ޕްރައިވެޓް މުހައްމަދު ރިޝްވާން، ކާރުކޮޅުގެ ދޮރު ހުޅުވުމަށް އަތްޖައްސައިލި ވަގުތު ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އިވުނު ބާރުއަޑާއެކު ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަންނަވަން ދަނިކޮށް، އެ މަނިކުފާނުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ) ސާޖެންޓް އިލްހާމް އާދަމް ނަޝީދު ހިފެހެއްޓެވި އެވެ.
"ރައީސް އެއްކޮށް ބިންމައްޗަށް [ނުވެއްޓެނީސް] އަޅުގަނޑަށް ރައީސް ގައިގައި ހިފެހެއްޓިއްޖެ،" އިކްކުއަރީ އަށް މައުލޫމާތު ދެއްވަމުން ސާޖަންޓް އިލްހާމް އަހުމަދު ވިދާޅުވެފައިވެ އެވެ.
އޭރު ނަޝީދުގެ ހަށިކޮޅުގެ އެކިއެކި ތަންތަނުން ލޭއޮހޮރެމުން ދިޔަ ކަމަށާއި، ސާޖެންޓް އިލްހާމް ނަޝީދުގެ ދެ ކިހިލިފަތްދަށަށް އަތްލައްވައި އަތްދަނޑި މައްޗަށް ނަގައި ކާރުކޮޅަށް އެރުވިކަމަށް އޭނާ އިންކުއަރީއަށް ކިޔައިދީފައި ވެ އެވެ.
ނަމަވެސް، އެ ކާރު ސްޓާޓު ނުވުމުން، "މިކާރު ނުދުވޭ" ކަމަށް ޑްރައިވަރު ސްޓާފް ސާޖެންޓް އަބްދުالله އާއިދު ބުނިކަމަށް އިލްހާމާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ.
"އައިއީޑީ ގޮވުމުގެ އަޑުގަދަކަމާއެކު، ސްޓާފް ސާޖެންޓް އާއިދުގެ ކަންފަތަށް އެއްވެސް އަޑެއް ނީވޭކަމަށް އޭނާ އިންކުއަރީގައި މައުލޫމާތު ދެއްވެވި އެވެ."
ރިޕޯޓުގައިވާ ގޮތުން, ކާރުކޮޅުގެ ތެރޭގައި ނަޝީދުގެ ހާލުކޮޅު ކިހިނެއްތޯ ސުވާލުކުރަމުން އިލްހާމް ގެންދިޔަ ކަމަށާއި، އެ ކާރު ސްޓާޓު ނުވާނެ ކަން ޔަގީންވުމުން، އެމަނިކުފާނު އަތްދަނޑި މައްޗަށް ނަގައިގެން ގޮސް ސެކިއުރިޓީ ކާރަށް އިލްހާމް އެރުވި އެވެ.
ނަޝީދު ސެކިއުރިޓީ ކާރަށް އަރުވައި ކާރުގެ ސީޓުމަތީ ބާއްވައި، އެމަނިކުފާނު ކަވަރުކުރެވޭ ގޮތަށް ހިފަހައްޓައިގެން އޮވެ، އޭޑީކޭ ހޮސްޕިޓަލަށް ދިއުމަށް ސެކިއުރިޓީ ކާރުގެ ޑްރައިވަރު ކޯޕްރަލް މުހައްމަދު ނިޔާޒަށް އިލްހާމް އެންގި ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.
ކާރުގެ ޑްރައިވަރާ ޖެހިގެން ހުރި ސީޓަށް އެރީ ރިޝްވާނު ކަމަށާއި، އެތަނުން އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި، އޭނާ ދިޔައީ، ކާރުގެ ދޮރު ތިރިކުރުމަށްފަހު، ހަޅޭއްލައި މަޖީދީމަގުން ދުއްވަމުންދިޔަ ވެހިކަލްތަކާއި މީހުން ދުރަށްޖެއްސުމަށް މަސައްކަތްކުރުމުންކަމަށް އިންކުއަރީއަށް މައުލޫމާތު ދީފައި ވެ އެވެ.
ކާރު ހޮސްޕިޓަލަށް ވަނުމާއެކު، އިލްހާމާއި ރިޝްވާން، ނަޝީދު ސްޓްރެޗަރެއްގައި ބާއްވައިގެން ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްއަށް ގެންދިޔަ ކަމަށާއި، އަދި އިމަޖެންސީ ރޫމުގައި ނަޝީދު އަރިހުގައި އިލްހާމް އާދަމް މަޑުކޮށްގެން ހުންނެވި ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭރު ވެސް އިލްހާމް ދިޔައީ ދޭތެރެ ދޭތެރެއިން ނަޝީދުގެ ހާލުކޮޅު ކިހިނެއްތޯ އަހަމުންނެވެ.
"... ތިއޭޓަރަށް ވަންނަން ހެދީމާ އަޅުގަނޑު އަނެއްކާވެސް ރައީސާ ސުވާލުކޮށްލިން ރައީސް ކިހިނެއްތޯއޭ؟ އަޅުގަނޑަށް ޖަވާބުދިން ރަނގަޅޭ. އަޅުގަނޑު އެ ޖަވާބު ހޯދީ. މީހާ މިކިޔަނީ ހޭނެތޭ ނޫނީ އެގޮތަށް އޮތްތޯ ޔަގީންކޮށްލަންވެގެން އަޅުގަނޑު ސުވާލުކުރަނީ. އަޅުގަނޑަށް ވެސް އެނގޭ ރަނގަޅޭ ބުނާއިރު ވެސް ރަނގަޅު ނޫން ކަން މީހާ ފެނިފައި،" -- ސާޖަންޓް އިލްހާމް އަހުމަދު
އޭޑީކޭ ޑޮކްޓަރުންގެ އާދަޔާހިލާފު މަސައްކަތް
އެމްއެންޑީއެފްގެ ސެކިޔުރިޓީ ޓީމެއް، މީހަކު އުރާލައިގެން ކަހަލަ ގޮތަކަށް "ހެލްޕް، ހެލްޕް" ގޮވަމުން ހޮސްޕިޓަލަށް ވަތް އިރު، އެތަނުގައި ހުންނެވީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފެވެ.
ނިޔާފަށް އެއީ ނަޝީދު ކަން އެނގުނީ އެމަޖެންސީ ރޫމްގެ އެނދުގައި ބޭއްވި ފަހުންނެވެ.
އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ޑރ. ނިޔާފް ވިދާޅުވެފައިވަނީ ނަޝީދުގެ ހަށިކޮޅުގައި ހުރި ޒަހަމްތަކުން އެކު، ފޮތިގަނޑު ރަތްވާ ވަރަށް ހިފެހެއްޓުމެއްނެތި ލޭ ފައިބަމުން ދިޔަ ކަމަށެވެ.
އެހެންކަމުން، ލޭ މަނާނުކޮށްފިނަމަ ނަޝީދުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވިގެން ލޭ މަނާ ކުރުމުގެ މަސައްކަތް ޑޮކްޓަރުން ފެށި އެވެ.
އޭގެ ފަހުން ހެދުނު ސީޓީ ސްކޭންގެ ނަތީޖާއިން، ނަޝީދުގެ ހަށިކޮޅުގައި ބޭރުން ވަދެފައިވާ ކުދިކުދި އެތިކޮޅުތަކެއް ހުރިކަން ފާހަގަވި ކަމަށާއި، ބައެއް ތަކެތި މޭއާއި ބަނޑުތެރޭގައި ހުރިއިރު، ފުރަތަމަ މޭއަށް ވަދެފައިހުރި އެތިކޮޅުތައް ނެގުމަށް ނިންމެވި ކަމަށް ނިޔާފް ވިދާޅުވެފައި ވެ އެވެ.
ނިޔާފް އިތުރަށް ވިދާޅުވި ގޮތުގައި، އޮޕަރޭޝަން ކުރުމުގެ ތެރޭގައި ނަޝީދުގެ ފުއްޕާމެއަށް ވަރަށްބޮޑަށް ގެއްލުންވެފައިވާކަން ފާހަގަވި ކަމަށާއި އެހެންކަމުން، މެއަށް ވަދެފައިހުރި އެތިކޮޅުތައް ނެގުމަށްފަހު، ތޮރުފިގެން ގޮސްފައިވާ ފުއްޕާމޭ އަލުން އިއާދަކުރުމަށް އޮޕަރޭޝަންކުރުމަށް ނިންމެވި އެވެ.
އަދި ބަނޑުގެ އޮޕަރޭޝަންކުރިއިރު، ބަނޑުތެރެއަށް ވަރަށް ގިނައިން ލޭ އެޅިފައިވާކަން ފާހަގަކުރެވުނު ކަމަށާއި، ބަނޑާއި ގޮހޮރު އެތައް ތަނަކުން ފޫގޮސް، ޗިސްމޭ ތެރެއަށްވެސް ރޭޒާފުއްތައް ވަދެފައިވާކަން ފާހަގަކުރެވުނު ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައި ވެ އެވެ.
އޭގެ އިތުރުން އަދި ބަނޑުތެރޭގައި އޮތް އެއް ރޭޒާފުއް ނެގުމުގައި ދަތިތަކެއް ދިމާވެ، އެ ރޭޒާފުއް ބަނޑުތެރޭގެ މައި ލޭ ހޮޅި ތެރޭގައި އޮތްކަމަށް ބެލެވުނު ކަމަށާއި، އެ ރޭޒާފުއް އޮތް ތަނެއް ހޯދަން މަސައްކަތްކުރަން ޖެހުނީ އެހެން އޮޕަރޭޝަންތައް ނިމުނުފަހުން ކަމަށް ޑޮކްޓަރުން އިންކުޔަރީއަށް މައުލޫމާތު ދީފައި ވެ އެވެ.
"އެއިން ރޭޒާފުކެއް ހަށިގަނޑަށް ވަދެގެން އައިސް ވަކިތަނެއްގައި އާހިރުގައި ރެސްޓުކުރާ ވާހަކަ ދެންނެވޭއިރު ސިފަކޮށްލުން މުހިންމު، އޭތި ވަދެގެންގޮސް އެ ހުއްޓުނު ހިސާބަށް ދިޔަ މަގަށް ފޯރާނީ ގުނަވަންތަކެއް ތެރެއިން ކަން. އަދި އެ ވަދެގެންދާ މަގުގައި އޭތި އެންމެ ފަހުން އެ ވާސިލުވާ ޕޮއިންޓަށް ދެވެންދެން ފަހަރަކު ގުނަވަނަކަށް އަނިޔާވަމުން ވަމުން، ވަމުންކަން އަންނާނީ،" -- ޑރ. އަބްދުﷲ ނިޔާފް
ރޭ މަޖިލީހުން ފާކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.
އެ ރެކަމެންޑޭޝަންތަކުގެ ތެރޭގައި ހަމާލާދިން ވަގުތު ނަޝީދުގެ އަރިހުގައި ހަރަކާތްތެރިވި އިލްހާމާއި، ރިޝްވާނުގެ އިތުރުން ނިޔާޒް ދެއްކި އާދަޔާހިލާފު ހިތްވަރާއި، ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދެއްކި ސާބިތުކަން މުއައްސަސާގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ފާހަގަކުރަން ހުށަހަޅާފައި ވެ އެވެ.
އޭގެ އިތުރުން، ކޮމިޓީ ރިޕޯޓު ފާސްކުރަން ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އިސްލާހެއް ހުށަހަޅައި، ނަޝީދަށް ފަރުވާ ދިނުމުގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މަސްއޫލިއްޔަތު އަދާކުރުމުގައި ދެއްކި ސާބިތުކަން ގައުމީ ފެންވަރުގައި ފާހަގަކުރުން ރެކަމެންޑޭޝަންތަކަށް އިތުރުކޮށް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.













