އިންކުއަރީ ރިޕޯޓު ފާސްކޮށް، މަޖިލިސް ޗުއްޓީއަށް

އިއްޔެ ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންވަނީ. -ފޮޓޯ: މަޖިލިސް

އިއްޔެ ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ފާސްކޮށް ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ބަލާފައިވަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ގާތްގަނޑަކަށް 270 ސޮފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޮމިޓީން އެ މަަސައްކަތް ފަށައި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަމުންދިޔައިރު، އެ ބޮޑު އިންކުއަރީ، މިދިޔަ މަހުގެ ނިޔަލަށް މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށްދާއިރު ނުނިމޭނެކަން ސާފުވި އެވެ.

އެއާއެކު މެމްބަރުން ވަނީ ދެވަނަ ދައުރު އިއްޔެގެ ނިޔަލަށް ދަންމައިލައި، ޗުއްޓީއަށް ދިއުމުގެ ކުރިން އިންކުއަރީ ނިންމަން ވަގުތު ހޯދައިދީފަ އެވެ.

ރެއާ ދުވާލު މަސައްކަތްކޮށްގެން އެ ރިޕޯޓު އެކުލަވާލައި، 13 މެމްބަރުންގެ މައްޗަށް އެކުލެވޭ 241 ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.

ނަމަވެސް، އިއްޔެ މެންދުރަށް ތާވަލުކުރި ދެވަނަ ދައުރުގެ ފަހު ޖަލްސާއަށް ވެސް އެ ރިޕޯޓުގައި ހުރި އިދާރީކަންކަން ފުރިހަމަކޮށް، އަނބުރާ ތަޅުމަށް ފޮނުވޭގޮތް ނުވުމުން، ރިޔާސަތުން ވަނީ ރޭ 8:30 ގައި އިތުރު ޖަލްސާއެއް ބާއްވައިފަ އެވެ.

އެ ރިޕޯޓު ރޭ މަޖިލީހުގެ ތަޅުމަށް ހުށަހެޅި، ބަހުސްގައި ވާހަކަ ދައްކަން ބޭނުން ހުރިހާ މެމްބަރުންނަށް ފުރުސަތު ދޭން، ފަތިހު 4:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދިޔަ އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ކުރި މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

އަދި އެ ރިޕޯޓުން ސަރުކާރަށް ހުށަހެޅި 45 ރެކަމަންޑޭޝަނަށް ފުރިހަމައަށް އަމަލުކޮށް، ނަޝީދަށް ދެވުނު ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ކޮމިޓީ ރިޕޯޓަށް ގެނެވުނު ކުޑަ އިސްލާހަކާއެކު، އެ ތާރީހީ ރިޕޯޓު ރޭ ފަތިހު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ ދެން އަންނަ ދައުރު، އަޅުގަނޑުމެން މަސައްކަތް ފަށާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު،" ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާ ނިންމާލައްވަމުން ވިދާޅުވި އެވެ.

ދިރާސީ އާ އަހަރަށް ދާދިފަހުން ގެނައި ބަދަލާ އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށް ދާ ދުވަސްތައް ވެސް ބަދަލުކުރުމާ ގުޅިގެން، މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox