އޮޑިޓާ ޖެނެރަލް މަގާމަށް އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒީ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްވެފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.
އެ މަގާމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ނިޔާޒީ އަކީ 2011 ވަނަ އަހަރު އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެކެވެ.
އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިޔާޒީއާ ވަނީ އިންޓަވިއުކޮށް، އޭނާ އެ މާގަމަށް އައްޔަނުކުރަން ފެންނަ ކަމަށް ނިންމައިފަ އެވެ.
އެއާއެކު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީން ނިންމި ގޮތަށް، އޮޑިޓާ ޖެނެރަލްކަމަށް ނިޔާޒީ އައްޔަނުކުރަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓު ދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނިޔާޒީ މިވަގުތު ހުންނެވީ އޮޑިޓު އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަނުގެ ހިންގެވުމާ ހަވާލުވެ އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ މަންފާ ލިބުނުކަމަށް ތުހުމަތާވާ ލިސްޓުގައި އޭނާގެ ނަން ހިމެނުމާ ގުޅިގެންނެވެ.
ނަމަވެސް، ޒިޔަތު ވިދާޅުވެފައިވަނީ އެ ފައިސާއަކީ 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރު ދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން އޭނާގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ހަމަޖައްސައިދިނުމަށް ދިން ފައިސާ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ފައިސާއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ފައިސާ ދިނީ ޕީޕީއެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔަތު އައްޔަނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި ނޮވެމްބަރު 24، 2014 ގަ އެވެ.












