ޕެރިސް (ޖުލައި 8) - ސޯޅަ އަހަރަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑް ދޫކޮށްލި ސާޖިއޯ ރާމޯސް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.
ރާމޯސްގެ އިތުުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ މިހާތަނަށް ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ. ވައިނަލްޑަމް ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓީމުން ހަކީމީގެ ސޮއި ހޯދީ އިންޓަ އަށް 70 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
އުމުރުން 35 އަހަރުގެ ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ރާމޯސް ބުނީ ކެރިއަރުގައި އާ ޗެޕްޓަރެއް ފަށަން ޕީއެސްޖީއާ އެކު ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމީ މި ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ޓީމުގެ ކްލަބްގެ މިސްރާބު ވެސް ރަނގަޅުވުމުންނެވެ.
"މި ޓީމު ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އަހަރެން އެހީވާނަން. މި ޓީމަށް އިތުރު ތަށިތަކެއް ހޯދައިދީ ކާމިޔާބު ޓީމަކަށް ހަދަން ބޭނުން،" ރާމޯސް ބުންޏެވެ.
ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވީ ރާމޯސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ފެނުނު އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށާއި އޭނާ ޕީއެސްޖީއާ ގުޅުމަކީ ރަނގަޅު މިސްރާބެއްގައި ކްލަބް ކުރިއަށް ގެންދަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު އެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އެއީ އޭރު ސްޕެއިނުގެ ޑިފެންޑަރަކަށް ހޭދަކުރި އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.
ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. ރެއާލާ އެކު 22 ތަށި އުފުލާލި ރާމޯސް ވަނީ އެ ޓީމަށް 101 ގޯލު ޖަހައިފަ އެވެ. އަދި 40 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
މި ފަހަރުގެ ޔޫރޯގައި ވާދަކުރި ސްޕެއިންގެ ސްކޮޑުން ރާމޯސް އަށް ފުރުސަތެއް ނުދެ އެވެ. ގިނަ ސަޕޯޓަރުން އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއިރު، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ރާމޯސް ޓީމުގައި ނުހިމެނީ އަނިޔާގެ ސަބަބުން ކަމަށެވެ.
ޔޫރޯ އަށް ފަހު ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގައި އޭސީ މިލާނަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ވެސް ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ސޮއިކުރަން ނިންމައިފަ އެވެ.












