ކޮވިޑާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އަޅާފައިވާ ފިޔަވަޅުތަކަށް މިއަދު ލުއިދިން ނަމަވެސް ދަތުރު ކުރާއިރު 18 އަހަރު ނުފުރޭ ކުދިން އަދިވެސް ކަރަންޓީނު ވާން ޖެހޭނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ވެކްސިން ނުޖަހާ ކުދިން ކަރަންޓީނު ވާން ޖެހޭ ސަބަބާ ގުޅިގެން އެޗްޕީއޭގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލުއި ދިނީ ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް މި ބަލިން ލިބޭ ރައްކާތެރިކަމަށް ބަލާފައި ކަމަށެވެ. އަދި ކޮންމެ އުމުރުފުރާއެއްގެ ނަމަވެސް ވެކްސިން ނުޖަހާ ނަމަ އެ ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ލުއިދީފައި ވާނީ ވެކްސިން ޖަހާފައި ހުރި ފަރާތްތަކަށް. އޭގެ ރީޒަންއަކީ ވެކްސިން ޖެހީމަ އޭގެ ސަބަބުން ރައްކާތެރިކަން ލިބެނީ. އެހެންވެ ނުޖަހާ ކުދިންނަކަށް ކޮންމެ އުމުރުފުރާއެއް ނަމަވެސް ވެކްސިން ނުޖަހާ ކަމަށް ވަންޏާމުން ވެކްސިނުން އެ ލިބޭ ރައްކާތެރިކަމުގެ ފުރިހަމަ އަސަރެއް އެއްވެސް އަސަރެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ބަލި ޖެހިފައި ތިބި ކުޑަކުދިންގެ ފަރާތުން އެހެން މީހުންނަށް ބަލަ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މި އުމުރުފުރާގެ ކުދިންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި ކުދިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހުނު ނަމަވެސް، ބަލި ޖެހުނު ފަހުން 60 ދުވަސް ނުވާ ކުދިންނަށް ރަށްރަށަށް ކަރަންޓީނަކާ ނުލާ ދަތުރުކުރެވެ އެވެ.

މިހާތަނަށް ރާއްޖޭގައި ޖަަހަމުން އަންނަ އެއްވެސް ވެކްސިނެއް 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ ގަޔަށް ޖަހާފައެއް ނުވެ އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަނީ އެ އުސޫލަށެވެ.
އެކަމަކު އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ހުއްދަ ދީފަ އެވެ.
މީގެ ދުވަސްތަކެއް ކުރިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ 18-16 އަހަރު އުމުރުފުރާގެ ކުދިން ގަޔަށް ޖަހަން ރާއްޖެއިން ފައިޒާ ވެކްސިން ހޯދަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މިހާތަނަށް އެކަމުގެ އިތުރު މައުލޫމާތެއް ހިއްސާކޮފައެއް ނުވެ އެވެ.












