ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. ގިނަ ބަޔަކަށް މިއީ، ނަފްސާނީ ބައްޔަށް ހުށަހެޅޭ ބޮޑު "ބަންދެ"ކެވެ. އެކަމަކު އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މިއަދު މިވަނީ އެ ބަންދުން ވީއްލި ދަތުރުކުރެވިދާނެ ކަން އިއުލާންކޮށްފަ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކުގަ އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި، ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ނަމަ ކަރަންޓީނުވާކަން ނުޖެހޭނެ އެވެ. ޕޮޒިޓިވިޓީ ރޭޓް 5% - 10% ގައި އުޅޭނަމަ ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އެއަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތި ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
މިގޮތަށް މި ހަމަޖެއްސީ ކޮވިޑް ޖެހުނު މީހުން ރަށްރަށަށް ދާން ލުއި ދިނުމަށް ފަހު ވެކްސިން ފުރިހަމަކުރި މީހުންނަށް ގޮތެއް ހޯދައިނުދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ބަލި ޖެހުނު މީހުންނަށް ކުރިން ލުއި ދިނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ވެކްސިން ޖެހި މީހުންނަށްވުރެ ލިބޭ ރައްކާތެރިކަން ބޮޑުވާތީ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި އަލުން ބަލިވުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް އެފަދަ ކޭސްތައް ވަރަށް މަދެވެ.
މާލޭގެ ކާފިއުއަށް އިތުރު ލުއިތަކެއް
މާލޭގެ ކާފިއު ލުއިކޮށް، އާއްމު ހިދުމަތްތަކަށް ކުރިއަށް ވުރެން އިތުރު ވަގުތު ތަންތަން ހުޅުވައިގެން ހިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މާލޭގައި ސިނަމާތަކާއި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ވެސް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެއިތުރުން ރެސްޓޯރަންޓުތައް ރޭގަނޑު 11:30 އާ ހަމައަށް ހުޅުވައިގެން ހިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކުޅިވަރުތައް ކުޅުމުގެ ލުއި ވެސް ވަނީ މިއަދު އިއުލާންކޮށްފަ އެވެ.
"ހުރިހާ ކުޅިވަރެއް ކުޅެން، އަދި ކަސްރަތު ކުރަން ހުރި ރެސްޓްރިކްޝަންތައް އުވާލައި ކުޅިވަރު ކުޅެން ހުއްދަ ދިނުމަށް ވަނީ ނިންމާފައި. އެހެން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އަދި ހުއްދައެއް ނުދެވޭ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ލުއިތައް ދިނަސް ބަލި ކޮންޓްރޯލްކުރެވޭނެ ހުރިހާ ގޮތްތަކަކަށް އާއްމުން ވެސް އަމަލުކުރަން ވިސްނަން ޖެހެ އެވެ. ތަންތަނުގައި ހިދުމަތް ދޭން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ.














