ލަންޑަން (ޖުލައި 7) - މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަންނަ އާދިއްދަ ދުވަހު ކުޅޭ ޔޫރޯ ފައިނަލް މެޗުގެ ހާއްސަ މެހްމާނަކަށް ހަމަޖައްސައިފި އެވެ.
އުމުރުން 29 އަހަރުގެ އެރިކްސަން މެހްމާނަކަށް ހަމަޖެއްސިއިރު، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ވަނީ ފައިނަލް މެޗަށް އެރިކްސަން ސަލާމަތްކުރުމުގައި އެހީތެރިވި މެޑިކަލް ޓީމުގައި ހިމެނޭ ހަ މެމްބަރުންނަށް ވެސް ދައުވަތުދީފަ އެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިންގެ ހާއްސަ ދައުވަތެއް އެރިކްސަން އާއި މެޑިކަލް ޓީމަށް ދޭން ނިންމީ ފުޓްބޯޅައިގައި ރީތި މިސާލު ދައްކައި އެންމެންގެ ބައިވެރިވުން ބޮޑުކޮށް ފައިނަލް މެޗު ކުރިއަށް ގެންދިއުމަށެވެ. އަދި އެރިކްސަން އަަށް އޮތް ސަޕޯޓް ދައްކުވައިދީ މެޑިކަލް ޓީމަށް ހިތްވަރު ދިނުމަށެވެ.
އޭއެފްޕީ އަށް ޔުއެފާގެ ތަރުޖަމާނު ދިން އިންޓަވިއުއެއްގައި ބުނީ އެރިކްސަން އާއި މެޑިކަލް ޓީމުން ބޭނުންވެއްޖެނަމަ ފައިނަލް މެޗަށް އަންނަން ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
"އަހަރެމެންނަށް ނޭނގެ އެ މީހުން އަންނާނެ ކަމެއް. އެ މީހުން އަންނަނަމަ ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ. ފައިނަލް މެޗަށް ހާޒިރުނުވެ އެ މީހުން އަރާމްކުރަން ބޭނުންނަމަ އެ ފުރުސަތު އެބައޮތް،" ތަރުޖަމާނު ބުންޏެވެ.

ދަނޑު މަތީގައި އެރިކްސަން އަށް ފަރުވާ ދިނުމަށް ފަހު މެޑިކަލް ޓީމުގެ އެނގުމަށް އޭނާ ދަނޑުން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ
އެރިކްސަންގެ ޑެންމާކުން ވަނީ 29 އަހަރަށް ފަހު މި ފަހަރުގެ ޔޫރޯ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މިއީ 1992 ވަނަ އަހަރުގައި ޑެންމާކުން ޔޫރޯގެ ފައިނަލުގައި ކުޅުނު ފަހުން މި މުބާރާތުގެ ސެމީ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ފައިނަލުގެ ޖާގައެއް ޑެންމާކަށް ލިބެން އޮތީ މިރޭ އިންގްލެންޑް އަތުން ސެމީ ފައިނަލްގައި މޮޅުވެގެންނެވެ.
ޑެންމާކްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑެންމާކަށް ފައިނަލުގެ ޖާގައެއް ލިބިއްޖެނަމަ ޔުއެފާގެ ދައުވަތު ގަބޫލުކޮށް އެރިކްސަން ފައިނަލް މެޗު ބަލަން ދަނޑަށް ދާނެ އެވެ. އެރިކްސަން މި ވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީއެއްގަ އެެވެ.
އެރިކްސަން އަށް ވީ ގޮތާއި ސެމީއާ ހަމައަށް ޑެންމާކްގެ ދަތުރު
ޑެންމާކުގެ ކޮޕެންހާގެންގައި މި މަހު 12 ވަަނަ ދުވަހު ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. ދަނޑުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ އެރިކްސަންގެ ހާލަތު ގަޑިއިރެެއްހާއިރު ތެރޭ ރަނގަޅުވި އެވެ.
އެރިކްސަން ނެތި ޑެންމާކުން ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބެލްޖިއަމް އަތުން 2-1 އިން ބަލިވި އެވެ. އެރިކްސަން އެ މެޗު ބެލީ ހޮސްޕިޓަލުގައި އޮވެ އެވެ. އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ބައްދަލުކުރުމުގެ ކުރިން އެރިކްސަން ވަނީ ޓީމާ ބައްދަލުކޮށް މުބާރާތުގައި ކުރިއަށްދާން ހިތްވަރު ދީފަ އެެވެ. އޭގެ ފަހުން މުޅި ޓީމު އެއް ރޫހެއްގައި ނުކުމެ ވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.

އެރިކްސަންގެ އަށް ހިތްވަރުދޭން މެޗެއް ފެށުމުގެ ކުރިން އޭނާގެ ނަން ޖަހާފައިވާ ބޮޑު ޖޯޒީއެއް ދަނޑުގައި ދައްކާަލަނީ.-- ފޮޓޯ: އޭއެފްޕީ
ޔޫރަޕްގެ ހަތަރު ގައުމެއްގެ ކްލަބްތަކަށް ކުޅެފައިވާ އެެރިކްސަންގެ ހަނދާނުގައި ގިނަ ޓީމުތަކަކުން މި ފަހަރު ވަނީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
އެ ގޮތުން ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން އެރިކްސަން އަށް ހިތްވަރުދޭން މެޗުގެ 10 ވަނަ މިނިޓްގައި ކުޅުން މެދުކަނޑާލި އެވެ. އަދި އޭގެ ފަހުން ޓީމުތަކުން ވަނީ އެ ގައުމުތަކުގެ ޖޯޒީގައި އެރިކްސަންގެ ނަން ޖަހައި ހުރިހާ ކުޅުންތެރިންގެ ސޮޔާ އެކު އެރިކްސަން އަށް ހަދިޔާކޮށްފަ އެވެ. އެރިކްސަން އަށް އެހެން ދިމާވި ފަހުން ޑެންމާކާ ކުޅުނު ކޮންމެ ޓީމެއް ވަނީ އެ ގޮތަށް ޖޯޒީއެއް ދީފަ އެވެ. އެރިކްސަންގެ ފަރާތުން އެ ޖޯޒީތަކާ ހަވާލުވީ ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ އެވެ.
އެރިކްސަންގެ ހަނދާނުގައި މިރޭގެ ސެމީ ފައިނަލުގެ ކުރިން އިނގިރޭސި ޓީމުން ވެސް ޓްރިބިއުޓެއް ދޭނެ އެވެ. އެރިކްސަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެފަ އެވެ. އަދި އޭނާއާ އެކު ޓޮޓެންހަމަށް ކުޅުނު ކުޅުންތެރިން މި ފަހަރުގެ ޔޫރޯގައި ކުޅޭ އިނގިރޭސި ޓީމުގައި ވެސް ހިމެނެ އެވެ.
އޮޕަރޭޝަނަށް ފަހު އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވާފައިވާއިރު، އޭނާ އަށް އަލުން ފުޓްބޯޅަ ކުޅެވޭނެތޯ ކަށަވަރުކުރަން ގިނަ ޓެސްޓްތަކެއް ހަނދާނެ އެވެ.












