އަންހެނުން ހިތާނުކުރުމުގައި އިސްލާމް ދީނުގައި އޮންނަ ގޮތާ ގުޅޭގޮތުން ހިޔާލު ތަފާތުވެފައި ވަނިކޮށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެން އުޅުނު ފަތުވާ ނުނެރެން ނިންމުމުން އެ މަޖިލީހަށް މިއަދު ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)ގެ މައްސަލަތައް މިފަހަކަށް އައިސް ރިޕޯޓް ކުރާ މިންވަރު އިތުރުކަން އެޗްއާރްސީއެމްއިން ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުން އޮއްވައި، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ އެއީ ދީނުގައި އޮތް ކަމެއް ކަމަށާއި އެކަމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދޭހަވާފަދަ ޓްވީޓުތަކެއް ކުރައްވައިފަ އެވެ. އެ މައްސަލައިގައި ހިޔާލު ތަފާތުވުން ބޮޑުވީ އިޔާޒްގެ އެ ވާހަކަތަކުންނެވެ.

ފަތުވާ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގަތުމަށެވެ. އެކަމަކު އެ މަޖިލީހުން ނިންމީ ފަތުވާއެއް ނުނެރުމަށެވެ. ސަބަބަކީ، ގައުމީ މަސްލަހަތު އިސްކުރުންކަމަށް އިސްލާމިކް މިނިސްޓަރާއި ފަތުވާ މަޖިލީހުން ވެސް މިއަދު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފޭސްބުކާއި ޓުވިޓާގައި ފާޑުކިޔާ މީހުން ބުނާ ގޮތުގައި ގައުމީ މަސްލަހަތު އިސްކުރުމަކީ ދީނުގައި ކަންއޮތް ގޮތް ބުނެދިނުމެވެ. އެކަމަކު ފަތުވާ މަޖިލީހަށް މަސްލަހަތަކީ އެއްވެސް އެއްޗެއް ނުބުނުން ކަމަށް ނިންމާފައިވާތީ ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.
ފަތުވާ މަޖިލީހަށް ފާޑުކިއުން އަމާޒުކޮށް ފޭސްބުކްގައި ލިއުނު މަރިޔަމް ވަހީދާ ބުނީ "އަންހެނުންނާ ގުޅުން ހުރި މައްސަލަތައް ގައުމުގެ މަސްލަހަތާ ހަމައަށް ނުފޯރަނީ" ކަމަށެވެ.
މަރިޔަމް ކިޔާ މީހަކު ލިއެފައިވާ ގޮތުގައި ފަތުވާ މަޖިލީހުުގެ ރައުޔު އާއްމުންނަށް މުހިއްމެވެ. އެ މީހުން އެކަމުގައި ފަތުވާއެއް ނުނެރެން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ނުދެކެ އެވެ.
މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ "އަދަދު"ން ސުވާލުކުރުމުން ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ހިލާފު އުފެދިފައިވާއިރު އެކަން އޮތްގޮތެއް ފަތުވާ މަޖިލީހުން ސާފު ކޮށްދިނުމަކީ ދީނީ ގޮތުން ބަލާއިރު ވެސް މުހިންމު ކަމެއް ކަމަށެވެ. އޭނާ ވެސް ބުރަވީ ފަތުވާއެއް ނެރެން ޖެހޭ ކަމަށް ދައްކާ ވާހަކަތަކަށެވެ.
އެ ކަންބޮޑުވުން ފިލުވުމަށް ވެސް މުހިންމު ކަމެއް އެކަން އޮތް ގޮތެއް ބުނެ ދިނުމަކީ،-- ޝަހީމް
ފަތުވާ ނުނެރެން ނިންމި އެހެން ސަބަބަކަށް އިސްލާމިކް މިނިސްޓަރު ދެއްކެވީ ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް އަބްދުއްލަތީފް ދައްކަވާފައިވާ ވާހަކަތަކަށް މާފަށް އެދިވަޑައިގެންފައި އޮތުމެވެ. އެހެންވެ މިވަގުތު އިތުރު ފަތުވާއެއް އެކަމުގައި ނެރެން ނިންމާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ، [ހިތާނުކުރުމަކީ އޮތް ކަމެއް ނޫން ކަން] ޒަމާނުއްސުރެން މީހުންނަށް އެނގޭ ކަމެއް. އެހެންވީމަ މިވަގުތަށް ފަތުވާއެއް ނުނެރޭނެ،" ޒާހިރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކަކީ ބަލިކަށި އަދި އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެވަރުގެ ކަމެއް ޝަރީއަތުގަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް މެނުވީ ނުއެއް ނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް. އެއީ ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކީރިތި ގުރުއާންގައި ވެސް އަދި ރަސޫލާގެ ސުންނަތުގައި ވެސް ފާޅުވާކަށް ނެތޭ އަޅުގަނޑު ދަންނަވާނީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ ދީނީ ގޮތުން މާކެޓް ކުރަން ޖެހޭ ކަމެއް ނޫނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި އެފްޖީއެމްއިން އެއްވެސް ސިއްހީއެއް ފައިދާއެއް ނެތެވެ. އެކަމަކު، އޭގެ ސަބަބުން އަންހެން ކުދިންނާއި އަންހެނުންނަށް އެތައް ގޮތަކުން އަނިޔާ ލިބެ އެވެ. އެގޮތުން، އަންހެނާގެ ހަށިގަނޑުގެ ނެޗްރަލް ފަންކްޝަންތަކަށް އަސަރުކުރެ އެވެ. އަދި، ނޯމަލް ޖެނިޓަލް ޓިޝޫތައް ހަލާކުވެ އެވެ. މަސްހަރު ކަންތަކުގައި އުނދަގޫވުމާއި ކުޑަކަމުދާ ނިޒާމަށް ވެސް ގެއްލުންވެ އެވެ.
ހިތާނުކުރާ ވަގުތު، އިންތިހާއަށް ލޭ ބޭރުވެ ބައެއް ގައުމުތަކުގައި އަންހެން ކުދިން މަރުވާ ނިސްބަތް ވެސް މައްޗެވެ.













