ފާސްކުރަން ތައްޔާރުވެފައިވާ ނަފުރަތުގެ ބިލާމެދު އަދިވެސް ދެބަސްވުން

ނަބިއްޔާގެ ދިފާއުގައި މާލޭގައި ކުރި މުޒާހަރާއެއްގައި އަޑު އުފުލަނީ: ނަފްރަތުގެ ބިލާމެދު އަދިވެސް ކަންބޮޑުވުންތައް ގިނަ. -ފޮޓޯ: އަހްމަދު ޝުރާއު

ނަބިއްޔާގެ ދިފާއުގައި މާލޭގައި ކުރި މުޒާހަރާއެއްގައި އަޑު އުފުލަނީ: ނަފްރަތުގެ ބިލާމެދު އަދިވެސް ކަންބޮޑުވުންތައް ގިނަ. -ފޮޓޯ: އަހްމަދު ޝުރާއު

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީން ނިންމައި، ފާސްކުރަން ތައްޔާރުވެފައިވީ ނަމަވެސް، އެ ބިލާމެދު އޮތް ދެބަސްވުންތަކަށް އަދިވެސް ހައްލެއް ނުލިބޭކަން ހާމަވެއްޖެ އެވެ.

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިގޮތާމެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުން ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

އެއާއެކު އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އާއްމުންގެ ހިޔާލުތައް ވެސް ހޯދައި، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

titledesc

އެކަމަކު އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހުގެ ސަބަބުން އެ ބިލު ކުރިއަށްވުރެ ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމީ އެ އިސްލާހާމެދު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

އެގޮތުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ ވެސް ހިއްސާކުރާ ކަމަށް މިނިސްޓަރު އަހުމަދު ޒާހިރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އަދި އެ މާއްދާ އިސްލާހުކޮށްފައިވާ ގޮތާމެދު މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

އެ މަޝްވަރާތަކާ ގުޅޭގޮތުން "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިރު މިއަދު ވެސް ވިދާޅުވީ ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިސްލާހުކޮށްފައިވަނީ މިނިސްޓްރީން ލަފާދިން ގޮތަށް ނޫނެވެ.

އެގޮތުން، ދީނީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދޭ ކަންކަން ހުންނައިރު، އެ މާއްދާ މިހާރު އޮތް ގޮތުން ހުރިހާ ރައުޔުތައް ސައްހަ ރައުޔުތަކެއްގެ ގޮތުގައި ބަޔާންވެފައި އޮތުމަކީ މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށް ޒާހިރު ތަކުރާރުކުރެއްވި އެވެ.

"ވާއިޒުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ އެ މާއްދާ އޮތީ ރަނގަޅަށް ނޫން ކަމަށް. އަދި ކުރިން މިނިސްޓްރީން ލަފާދިން ގޮތަށް އެ ބިލު އިސްލާހު ކުރަން ހުށަހަޅަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިލު ކޮމިޓީން ނިންމައި، އަނބުރާ ތަޅުމަށް ފޮނުވާފައިވާއިރު، އެ ބިލަށް އިސްލާހު ގެނައުމަށް ސަރުކާރު މެދުވެރިކޮށް މަޖިލީހުގައި އެދިފައިވާކަމަށް ޒާހިރު ވިދާޅުވި އެވެ.

މިނިސްޓްރީން އެދުނު ވަރަށް ވުރެ ބޮޑަށް ދޫ ދިނިން

ޒާހިރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެ ބިލު އިސްލާހުކުރީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވާ ރާއްޖޭގައި ތިއްބެވި ފުންނާބު އުސް، ގަދަރުވެރި ގިނަ ދީނީ އިލްމުވެރިންގެ ހިޔާލުތައް ވަރަށް ފުޅާ މިނުގައި ހޯދައިގެން ކަމަށެވެ.

އެގޮތުން، އެ ބޭފުޅުން ބޭނުންވީ އެއްވެސް މީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ޝަރުއީ ކޯޓަކުން ކަނޑަނާހާ ހިނދަކު އެ މީހަކާ ދިމާއަށް ކާފެރެކޭ ނުބުނެވޭ ގޮތަށް ހިމަނަން ކަމަށެވެ.

ނަމަވެސް، އެކަން ވެސް އިތުރަށް ލުއިކުރަން ކޮމިޓީން ނިންމާފައިވާކަން އިންތި ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ލަފާ ދިން ގޮތަށް ވުރެ ވެސް ބޮޑަށް ބިލުގައި ދޫދެވިފައިވާ ކަމަށް ވެސް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ހިތް ނޭދޭހާ މިންވަރަށް އެ ބިލުގައި މިހާރު އެ އޮތީ ދޫތަކެއް ދީފައި،" އިންތި ވިދާޅުވި އެވެ.

މިޔުޒިކާ ގުޅޭ ގޮތުން އުފެދިފައިވާ ހިލާފު މިސާލެއްގެ ގޮތުގައި ނަންގަވަމުން އިންތި އިތުރަށް ވިދާޅުވީ، އެފަދަ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ވަކި ރައުޔުއަކަށް ތާއީދުކުރާ މީހަކީ ދީނާ ހިލާފު މީހެކޭ ބުނުން ހުއްޓުވުން ފަދަ ކަންކަމަކީ މި ބިލުގެ މަގުސަދު ކަމަށެވެ.

އެގޮތުން، މިހާރު އެ ބިލަށް ގެނެސްފައިވާ އިސްލާހުތަކުން، މިއީ ހޭޓު ސްޕީޗު ނުވަތަ ނަފުރަތު އުފެއްދުން ހުޓުވާ ބިލެއްގެ ގޮތުގައި ވެސް މިހާރު ނުބެނެވޭ މިންވަރަށް އެ ބިލު ބަދަލުކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، އިސްލާމީ ނަޒަރަކުން ބަލާއިރު އެ ބިލާ މެދު ކަންބޮޑުވުމެއް ނޯންނާނެ ކަމަށާއި، މިހާރު އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގަ އެވެ.

"އެއީ ސިޔާސީ ގޮތުން ވަކި ސްޓޭންޑެއްގައި ތިއްބަވާތީ ދައްކަވާ ވާހަކަތަކެއް،" އިންތި ތުހުމަތު ކުރެއްވި އެވެ.

އެ ބިލު ކޮމިޓީން ނިންމައި އަނބުރާ ތަޅުމަށް ފޮނުވާފައިވީ ނަމަވެސް، އެ ބިލަށް އިސްލާހެއް ހުށަހެޅުމުގެ ފުރުސަތެއް އޮވެ އެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެ ބިލަށް ސަރުކާރުން އިސްލާހެއް ގެންނަން އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އެދުނު ކަމެއް ސާފެއް ނޫނެވެ.

މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދަންމާލާފައިވާއިރު، އެ ބިލު އޭގެ ކުރިން މަޖިލީހުން ފާސްކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox