ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް، އިއްޔެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އާ ބައްދަލުކުރައްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންނެވި އައްބާސްއާ ރައީސް އޮފީހުން ހަވާލުކޮށްފައިވާ ޒިންމާއަކީ، ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދެއްގެ ތެރެއިން ބައިވެރިވެ އިންސާފު ގާއިމްކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފާ އާއި އިރުޝާދު ދިނުމާއި ތައްޔާރުކުރަން ޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރެއްވުމެވެ.
މި މަސައްކަތުގައި ރާއްޖެ ވަޑައިގެން އައްބާސް ފާއިޒް މަޖިލީހުގެ ނައިބް ރައީސްއާ ބައްދަލުކުރެއްވިއިރު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިންކުއަރީއެއް ހަދައިފަ އެވެ. އަދި ރިޕޯޓް ވަރަށް އަވަހަށް އާއްމުކުރާނެ އެވެ.
އައްބާސް ވަނީ ހަމަލާގެ ތަހުގީގުގައި ފާރަވެރިވާން އެމްޑީޕީން އުފައްދާފައި އޮތް މޭ ހައެއް ކޮމިޓީއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް އޭނާ ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި އައްބާސް ފާއިޒަށް ހާއްސަ ޑެސްކެއް ގާއިމްކޮށްފައިވާއިރު ހަމަލާގެ އެންމެހާ ތަހުގީގެއް ނިމި ތުހުމަތުކުރެވޭ މީހުންނާ މެދު ޝަރީއަތްކޮށް ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވެވެންދެން އައްބާސް މަސައްކަތުގައި ދެމި ހުންނަވާނެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މުޅި ދުނިޔޭގައި ވެސް ފާހަގަކުރެވޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާ ގޮފީގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ އައްބާސް ފާއިޒަކީ ވަނީ މި ބައްރުގެ ގައުމުތަކުގެ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގެ ގާނޫނީ އިލްމު ކިޔަވައިދެއްވާފައިވާ ލެކްޗަރެއް ވެސް މެ އެވެ.












