މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ދިމާވި އެ ހާދިސާ އަށް ފަހު ޑެންމާކުގެ ޓީމު ރޫހު ވަރުގަދަވެ، މިހާރު ފެންނަން އޮތީ މުބާރާތަށް ނުކުތްއިރާ އަޅާކިޔާއިރު ތަފާތު ޑެންމާކެއް ކަމަށް އެ ޓީމުގެ ކެޕްޓަން ސިމޯން ކިއޭ ބުނެފި އެވެ.
ޑެންމާކުގެ ކޮޕެންހާގެންގައި މި މަހު 12 ވަަނަ ދުވަހު ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. ދަނޑުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ އެރިކްސަންގެ ހާލަތު ގަޑިއިރެެއްހާއިރު ތެރޭ ރަނގަޅުވި އެވެ.
އެރިކްސަން ނެތި ޑެންމާކުން ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބެލްޖިއަމް އަތުން 2-1 އިން ބަލިވި އެވެ. އެރިކްސަން އެ މެޗު ބެލީ ހޮސްޕިޓަލުގައި އޮވެ އެވެ. އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ބައްދަލުކުރުމުގެ ކުރިން އެރިކްސަން ވަނީ ޓީމާ ބައްދަލުކޮށް މުބާރާތުގައި ކުރިއަށްދާން ހިތްވަރު ދީފަ އެެވެ. އޭގެ ފަހުން މުޅި ޓީމު އެއް ރޫހެއްގައި ނުކުމެ ވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.
"އެ ހާދިސާ (އެރިކްސަން އަށް ދިމާވި ކަންތައް) އަށް ފަހު މި ޓީމު ވަރަށް އެއްބައިވަންތަކޮށް ފެންނަނީ. މި މުބާރާތާ ކުރިމަތިލިއިރު އޮތް ޑެންމާކެއް ނޫން މިއީ. މިހާރު އޮތީ ތަފާތު ޑެންމާކެއް. ތަފާތު ރޫހެއް. މިހާރު މި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ޔަގީންވޭ. އެއް ކުޅުންތެރިއަކަށް ކަމެއް ދިމާވިއްޔާ ދެން ހުރި ކުޅުންތެރިއަކު މަޑުން ނުހުރެ ކުރެވުނު ހުރިހާ ކަމެއް ކުރާނެކަން،" ޑެންމާކް ނޫހަަކަށް ދިން އިންޓަވިއުގައި ކިއޭ ބުންޏެވެ.
ދަނޑު މައްޗަށް އެރިކްސަން ވެއްޓުނު ވަގުތު އޭނާ އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކުރުމުގައި އަަވަސްވެގަތީ ކިއޭ އެވެ. އަދި އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމު އަންނަންދެން ކިއޭ ފަރުވާ ދެމުންދިޔަ އެވެ. އަދި އެރިކްސަންގެ އަނގައިގެ ތެރެއަށް ދޫ ދިޔަ ނުދޭން ވެސް ކިއޭ މަސައްކަތްކުރި ކަމަށްވެ އެވެ. އެރިކްސަންގެ ފުރާނަ ސަލާމަތްވުމުގައި ކިއޭގެ ދައުރަށް ވަނީ ގިނަ ބަޔަކު ތައުރީފުކޮށްފަ އެެވެ.
ތަފާތު ރޫހެއްގައި ކުޅެން ފަށައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކުން ވަނީ ރަޝިއާ އަތުން 4-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޑެންމާކަށް ނޮކައުޓް ބުރުން ފުރުސަތު ލިބުނުއިރު، އެ ޓީމަކީ ޔޫރޯ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު އަނެއް ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމެވެ.

ޔޫރޯގެ މެޗެއްގެ ކުރިން ކިއޭ: އޭނާ އަކީ މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރެއް.
ދެ ވަނަ ބުރުގައި ޑެންމާކުން ވަނީ 4-0 އިން ވޭލްސް ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުން ކުއާޓާ ފައިނަލުގައި 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް 29 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ސެމީ ފައިނަލުން ފުރުސަތު ހޯދި އެވެ.
ޑެންމާކް އެންމެ ފަހުން ޔޫރޯއެއްގެ ސެމީ ފައިނަލްގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން ޑެންމާކް ވަނީ 1996 އާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ. ސްވިޒަލެންޑާއި އޮސްޓްރިއާގައި 2008 ވަނަ އަހަރު ބޭއްވި ޔޫރޯ އަށް ޑެންމާކް ކޮލިފައިނުވެ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި މީގެ ފަސް އަހަރު ކުރިން ފްރާންސްގައި ބޭއްވި ޔޫރޯ އަށް ވެސް ޑެންމާކް ކޮލިފައިނުވެ އެވެ.
މި ފަހަރުގެ ސެމީ ފައިނަލްގައި ޑެންމާކުން ކުޅޭނީ އިންގްލެންޑާ އެވެ. ކިއޭގެ އަމާޒު ހުރީ އިންގްލެންޑްގެ މައްޗަށް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުރިހޯދައި ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.












