ރިޕޯޓުހެޔޮ މިސްރާބެއް: ޖަލުގެ ތޭރިތައް ނޫން ގޮތްތަކެއް!

ހެޔޮ މިސްރާބެއް: ޖަލުގެ ތޭރިތައް ނޫން ގޮތްތަކެއް!

ރާއްޖޭގައި ކުށުގެ އަދަބު ދިނުން ބައްޓަންވެފައި އޮންނަނީ ހަމައެކަނި ޖަލު އަދަބެއް ކަނޑައެޅުމުގެ މައްޗަށް. ކިތަންމެ ކުޑަ ކުށެއް ނުވަތަ ކުށުގެ ރިކޯޑް ނެތް މީހަކު ކުރި ނަމަވެސް، ލަނީ ޖަލަށް. އޭނާ ކުށަށް އިއުތިރާފުވެ މާފަށް އެދުނު ނަމަވެސް، އޮތް ދޮރަކީ ޖަލު.

ޖަލެއްގައި މީހަކު ބަންދުކޮށްފައި: ޖަލު އަދަބު ނޫން އެހެން އަދަބުތައް ކަނޑައެޅޭނެ ތަފްސީލީ އުސޫލެއް ވަނީ ނެރެފައި
ޖަލެއްގައި މީހަކު ބަންދުކޮށްފައި: ޖަލު އަދަބު ނޫން އެހެން އަދަބުތައް ކަނޑައެޅޭނެ ތަފްސީލީ އުސޫލެއް ވަނީ ނެރެފައި

ގޮތް ހުސްވެ، ރިހާކުރު ފުޅިއެއް އޭނާއަށް ބޭއިހްތިޔާރުގައި ވަގަށް ނެގުނީ އެވެ. ހައްޔަރުކޮށް ޝަރީއަތް ހިންގަން ފެށިއިރު އޭނާ ހުރީ އެކަމާ ދެރަވެ، ކުށަށް އިއުތިރާފު ވެސް ވެގެންނެވެ. އެކަމަކު އޭނާއަށް ގޮސް ވަންނަން ޖެހުނީ ޖަލުގެ ތޭރިތަކުގެ ތެރެއަށެވެ. މާޔޫސްކަމުގެ މައްޗަށް އެކަނިވެރިކަން ވެރިވެ، ހަޔާތް ކުޑަ ގޮޅިއެއް ތެރެއަށް ލެވުނީ އެވެ.

ރާއްޖޭގައި ކުށުގެ އަދަބު ދިނުން ބައްޓަންވެފައި އޮންނަނީ ހަމައެކަނި ޖަލު އަދަބެއް ކަނޑައެޅުމުގެ މައްޗަށެވެ. ކިތަންމެ ކުޑަ ކުށެއް ވިޔަސް ނުވަތަ ކުށުގެ ރިކޯޑް ކުރިން ނެތަސް އޭނާ އޮތް ތަނަކީ ޖަލެވެ. ކުށަށް އިއުތިރާފުވެ މާފަށް އެދުނު ނަމަވެސް، އޮތް ދޮރަކީ ޖަލެވެ. ޖަލުތައް ފުރި، އިތުރު ޖަލުތައް އަޅަން ޖެހިފައިވުމަކީ އޭގެ ހެއްކެކެވެ.

އެކަމަށް ހައްލު ހޯދުމަށް ޖަލު އަދަބު ފިޔަވައި، އެހެން ގިނަ އަދަބުތަކެއް ކަނޑައެޅޭ ގޮތަށް ގާނޫނުލްއުގޫބާތު ގެނަ އެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން އެފަދަ އަދަބުތައް ކަނޑައަޅާނެ ވަކި އުސޫލެއް، ހަމައެއް ނެތުމުން މިވީ ތަނަށް ޖަލު އަދަބު ފިޔަވައި، އެހެން އަދަބުތައް ދޭ ތަނެއް ނުފެނެ އެވެ.

މި ހާލަތު ބަދަލުވެދާނެ ހެޔޮ މިސްރާބެއް މިހާރު ފެންނަން އެބައޮތެވެ؛

މިދިޔަ ބުރާސްފަތި ސުޕްރީމް ކޯޓުން، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި، ޖަލުގެ ތޭރިތައް ނޫން މަގެއް އިހްތިޔާރު ކުރާނެ ގޮތްތައް ވަނީ ބަޔާންކޮށްފަ އެވެ.

މުޖުތަމައުއަށް ހިދުމަތްކޮށް، ކުށްވެރިންގެ ބޭނުމެއް ހިފުން

މީހަކު އާދައިގެ ކުށެއް ކުރުމުން، އޭނާ އެކަހެރިކޮށް ބާކީކުރުމަކީ އޭގެން އެންމެ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމެއްގެ ގޮތުގައި ނުފެންނާތީ، ތަހުޒީބީ ގިނަ ގައުމުތަކުގައި އާދައިގެ ކުދި ކުށްތަކުގެ އަދަބެއްގެ ގޮތުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބުތައް ކަނޑައަޅަ އެވެ.

ރާއްޖޭގައި ވެސް މިހާރު މިފަދަ އަދަބުތައް ކަނޑައަޅާނެ އުސޫލެއް މިވަނީ ގާއިމްވެފަ އެވެ. ރިހާކުރުފުޅި ވަގަށް ނަގާ މީހާ، ކޮންމެހެން ހަ މަސް ދުވަހަށް ޖަލަށްލާކަށް ދެން ނުޖެހޭނެ އެވެ. އޭނާ ސަރުކާރުގެ މަސައްކަތަށް ނެރެ، ހަރުދަނާ މީހަކަށް ހެދިދާނެ އެވެ.

މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބުގެ ގޮތުގައި ކަނޑައެޅިދާނެ ކަންކަން އުސޫލުގައި ބަޔާންކުރި އެވެ.

  • މަގުތަކާއި ޕޭޓޮއިލެޓްތަކާއި ޕާކުތަކާއި ސްކޫލުތަކާއި މިސްކިތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން އާންމު ތަންތަން ސާފުކުރުމާއި އާބާތުރަ ފިލުވުން
  • ކުނި އުކުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތްކުރުން
  • މަގު ހެދުމާއި ކޮންސްޓްރަކްޝަން އާއި މި ނޫން ވެސް ދައުލަތުން ނުވަތަ އިދާރާއަކުން ހިންގާ އުމުރާނީ މަސައްކަތްކުރުން
  • ކުށްވެރިޔާއަށް ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެހެން ބަޔަކަށް ކިޔަވައިދިނުން ނުވަތަ ދަސްކޮށްދިނުން
  • ދައުލަތުގެ އޮފީހެއްގައި ނުވަތަ ދައުލަތުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރުން

އުސޫލު ބައްޓަންކޮށްފައިވަނީ ކުށްވެރިންގެ ހުނަރުތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށެވެ. ކުށްވެރިއަކީ ވަކި ހާއްސަ ހުނަރެއް ލިބިފައިވާ މީހެއް ނަމަ، އެ ހުނަރެއް ދަސްކޮށްދީ، ނުވަތަ އެ ހުނަރަކުން މުޖުތަމައުއަށް ހިދުމަތެއް ފޯރުކޮށްދިނުމަށް އަދަބު ކަނޑައެޅުމަށް އުސޫލުގައި ބާރުއަޅަ އެވެ.

ސުޕްރީމް ކޯޓު: ޖަލުގެ ބަދަލުގައި ދެވޭނެ އެހެން އަދަބުތައް ވަނީ ރަފްސީލްކޮށްފައި
ސުޕްރީމް ކޯޓު: ޖަލުގެ ބަދަލުގައި ދެވޭނެ އެހެން އަދަބުތައް ވަނީ ރަފްސީލްކޮށްފައި

ސުޕްރީމް ކޯޓު: ޖަލުގެ ބަދަލުގައި ދެވޭނެ އެހެން އަދަބުތައް ވަނީ ތަފްސީލްކޮށްފައި

އާމްދަނީއަށް ރިއާޔަތްކޮށް ޖޫރިމަނާގެ އަދަބު ދިނުމާއި ގޭބަންދު

މުއްސަނދި، ފުދުންތެރި ކުށްވެރިން ކުށުގެ އަދަބު އިސްހުސާސްވުމުން މިންޖުވުމަށް އޮތް މަގެއްގެ ގޮތުގައި ފަހިނުވާ ގޮތަށް ޖަލުގެ އަދަބުގެ ބަދަލުގައި ޖޫރިމަނާއެއް ކަނޑައެޅިދާނެ އެވެ.

މި އަދަބު ކަނޑައެޅޭނީ އެ ޖޫރިމަނާ ދެއްކޭނެ ވަސީލަތްތައް ލިބިފައިވާ ކުދި ކުށްތައް ކުރާ މީހުންނަށް އެކަންޏެވެ. އެ މީހަކީ ޖޫރިމަނާ ދެއްކޭނެ ވަސީލަތްތައް ލިބިފައިވާ މީހެއް ކަމުގައި ބަލާނީ އަމިއްލަ މަސައްކަތެއް ނޫނީ ވަޒީފާއެއް އަދާކޮށްގެން އާމްދަނީއެއް ހޯދާ މީހެއް ކަމުގައިވާނަމަ އެވެ.

އެމީހެއްގެ މައްޗަށް ކުށް ސާބިތުވި މީހާގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމުގައި އެމީހަކަށް ލިބޭ އާމްދަނީއަކީ އަހަރެއްގެ މައްޗަށް 72،000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ނަމަ، އެމީހެއްގެ މައްޗަށް ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ ލިބޭ ހަގީގީ އާމްދަނީއަށް ބަލައިގެންނެވެ.

ޖޫރިމަނާގެ އަދަބުގެ އިތުރުން، ޖަލު އަދަބެއްގެ ބަދަލުގައި މީހަކު ގޭބަންދުގައި ބަހައްޓަން ވެސް އެންގިދާނެ އެވެ. މި އަދަބު، ކުށްވެރިޔާގެ އުމުރާއި ޖިސްމާނީ ހާޅަތާއި ނަފްސާނީ ހާލަތާއި ސިއްހީ ކަންކަމަށް ރިއާޔަތްކޮށް ދެވިދާނެ އެވެ.

އަދި، އެމީހަކީ ގޭގައި ހުރެގެން އާއިލާއަށް ބޭނުންތެރި މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހެއް ނަމަ، ނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ބަޔަކު ބެލުމުގެ ޒިންމާއާ ހަވާލުވެހުރި މީހެއް ނަމަވެސް، ގޭބަންދު އަދަބު، ކުދި ކުށްތަކުގައި ދެވިދާނެ އެވެ.

ކުށްވެރިޔާއަކީ ބޮޑު ކުށެއްގައި ދިގު ޖަލު ހުކުމެއް އިއްވާފައިވީ މީހެއް ނަމަވެސް، އަދަބު ވަކި ބައެއް ގޭބަންދަށް އަމުރު ކުރެވިދާނެ އެވެ. އެއީ ޖަލު ބަންދަށްފަހު އެނބުރި މުޖުތަމައުއަށް އައުން ފަސޭހަކުރުމަށްޓަކަ އެވެ.

އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮބޭޝަންގެ އަދަބު

އުޅޭ ނޫޅޭ ގޮތް ބެލުމަށް އިންޓެންސިވް ސުޕަވިޝަންގެ އަދަބެއް ކަނޑައަޅަނީ ކުށްވެރިޔާ ކުށްތަކުން ދުރުކުރުމަށް އެހީއެއްގެ ގޮތުންނެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގައިވާ ގޮތުން، ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަ ފަރާތްތައް ކުރި ކުށަށް ހައްގު އަދަބު ދިނުމާއެކު، އެ ފަރާތްތައް ތަކުރާރުކޮށް ކުށްކުރުމުން ދުރު ކުރުމަށާއި އެ ފަރާތްތައް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދިނުމަށް އުޅޭ ނޫޅޭ ގޮތް ބެލުމުގެ އަދަބު ކަނޑައެޅިދާނެ އެވެ.

މިއީ ޖަލު ހުކުމާ އެކު، ކަނޑައެޅޭ އަދަބެކެވެ.

މިފަދަ އަދަބެއް މީހެއްގެ މައްޗަށް ކުރާއިރު، އޭނާ ވަކި މީހަކާ ނުވަތަ ބަޔަކާއެކު ނޫޅުމަށާއި ވަކި ތަނަކަށް ނުދިޔުމާއި ވަކި ގަޑިއެއްގައި ނޫނީ ބޭރަށް ނުދިޔުމާއި ވަޒީފާއެއް އަދާކުރުމަށާއި ފަރުވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަމުރު ކުރެވޭނެ އެވެ.

މާލޭ ޖަލު: ޖަލުތައް ވަނީ ފުރިފައި
މާލޭ ޖަލު: ޖަލުތައް ވަނީ ފުރިފައި

މާލޭ ޖަލު: ޖަލުތައް ވަނީ ފުރިފައި

ދެން އޮތް އަދަބަކީ ޕްރޮބޭޝަން އެވެ.

ޕްރޮބޭޝަން މުއްދަތަކީ ކުށްވެރިޔާ އެނބުރި މުޖުތަމައުއަށް އައުން އަވަސްކުތިމާއި އޭނާ ކުރި ކުށަށް ހައްގު އަދަބު ލިބިދިނުމާއެކު، އޭނާގެ އަޖުމަ ބެލުމުގެ ގޮތުން މުޖުތަމައުއަށް ދޫކޮށްލާ މުއްދަތެވެ. މިއީ އުޅޭ ނޫޅޭ ގޮތް ބެލުމަށްވުރެ ލުއި އަދަބެކެވެ.

އެގޮތުން، ޕްރޮބޭޝަންގެ އަދަބުގައި އަމަލުކުރަން ޖެހޭ ގޮތަކީ، ކުށްވެރިޔާއަށް ވީހާވެސް ކުޑަ މިންވަރަކަށް ކަންކަން މަނާކުރުމެވެ. އަދަބު ކަނޑައަޅާއިރު ތަންފީޒީ އިދާރާތަކުން ޕްރޮބޭޝަން އޮފިސަރުން ކަނޑައަޅަން ޖެހޭނެ އެވެ. އަދަބު ކަނޑައަޅަނީ އެ އޮފިސަރުންނާ ވަކި އުސޫލަކުން ކުށްވެރިން ބައްދަލުކުރަން ޖެހޭ ގޮތަށެވެ.

ޖަލު ހުކުމުގެ ބަދަލުގައި ކަނޑައަޅާ އަދަބުތައް ތަންފީޒުކުރުމަށް ކުށްވެރިޔާ އެއްބާރުލުން ނުދޭ ނަމަ، އެ އަދަބެއް ރިވިއު ކުރުމުގެ ބާރު ފަނޑިޔާރަށް ލިބެ އެވެ. އެއްބާރުލުން ނުދޭކަން ބަޔާންކޮށް ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުން، ހުކުމަށް ބަދަލު ގެނެސް، ހަރުކަށި ކުރެވޭނެ އެވެ.

ކުށްވެރިޔާ ދެރަވެ، އާންމުކޮށް މާފަށް އެދުމުގެ ފުރުސަތު

ކުށުގެ އަދަބު ދަށްކުރުމަށް ހުށަހެޅުމުގެ ހައްގު ވެސް ކުށްވެރިޔާއަށް ވަނީ ފަހިވެފަ އެވެ. އަދި، ތަހުގީގަށް އެއްބާރުލުންދޭ ނަމަ ދައުލަތަށް ވެސް އަދަބު ކުޑަކުރަން އެދެވޭނެ އެވެ.

އެގޮތުން، ޖިނާއީ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުށަށް އަދަބު ކަނޑައެޅުމުގައި ކަނޑައެޅޭ އަދަބުގެ މިންވަރަށްވުރެ ދެ މިންވަރު ނުވަތަ އެއަށްވުރެ ދަށް މިންވަރެއްގެ އަދަބެއް ކަނޑައެޅިދާނެ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، ކުށްވެރިޔާ ހިތުގެ އަޑިން ދެރަވާކަން އާއްމުކޮށް ފާޅުކޮށްފި ނަމަ، ކުށްވެރިޔާ ކުރި ކުށަށް ކަނޑައަޅާފައިވާ އަދަބުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ ދަށް ކުރަންވާނެ އެވެ.

ކުށްވެރިޔާ، ދެރަވާން ފާޅުކުރެވޭނެ ގޮތްތައް؛

  • ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް އާންމުކޮށް ފާޅުކުރުން
  • ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކަން އާންމުކުރުން
  • ވަކީލަކު މެދުވެރިކޮށް ބަޔާނެއް އާންމުކުރުން

އޭގެއިތުރުން، ކުށްވެރިޔާ ކުށުގެ އަމަލު ހިންގާފައިވަނީ އޭނާގެ ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ނުފޫޒުގައި ހުރެ ކަމަށްވާ ނަމަ، އަދަބު އެއް ދަރަޖަ ދަށް ކުރެވިދާނެ އެވެ.

އަދި، މާފު ލިބެނިވި ދިފާއުއެއް އެއްކޮށް ފުރިހަމަނުވި ނަމަވެސް، މަދު މިންވަރެއް ސާބިތުކޮށްދެވިފައިވާ ނަމަ ކުށްވެރިޔާގެ ކުށުގެ އަދަބު ދަށް ކުރެވޭނެ އެވެ.

ކުށުގެ ސަބަބުން ގެއްލުންވި މީހާއަށް ވެސް ބަދަލެއް

ޖިނާއީ މައްސަލަތަކުގައި ގެއްލުން ލިބުނު މީހާއަށް ބަދަލެއް ލިބެނީ ވަރަށް މަދު ހާލަތެއްގަ އެވެ. ކުށްވެރިޔާ ޖޫރިމަނާ ކުރާ ހާލަތްތަކުގައި ވެސް، އެ ޖޫރިމަނާއެއް ދައްކަނީ ދައުލަތަށެވެ. ދެން ބަދަލެއްގެ ގޮތުގައި އޮތީ މަރުގެ ދިޔަ އެކަންޏެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ އުސޫލުގައި ޖިނާއީ މައްސަލަތަކުގައި ކޯޓަށް ގެއްލުންވި މީހާއަށް ބަދަލު ނަގައިދެވޭނެ ގޮތް ވަނީ ކަނޑައަޅާފަ އެވެ.

އޭގައި ބުނެފައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ޝަރީއަތަށް ސާބިތުވާނަމަ، އެ ދައުވާއާ ގުޅިގެން އަދަބު ކަނޑައެޅުމާއެކު، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް އޮންނާނެ އެވެ.

މިގޮތަށް މަދަނީ ބަދަލު ނަގައިދެވޭނެ ޝަރުތުތަކެއް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން، ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ދައުލަތުން ދައުވާގައި އެދެން ޖެހޭނެ އެވެ. އަދި، ލިބުނު ގެއްލުމަކީ އެ ކުށުގެ އަމަލުގެ ސަބަބުން ސީދާ ގޮތުން ލިބިފައިވާ ގެއްލުމަކަށްވާންޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން މާއްދާ އެއްޗެއް ވެސް ނަގައިދެވިދާނެ އެވެ. އެގޮތުން، ނަގައިދޭ ބަދަލަކީ މާއްދީ އެއްޗެއް ކަމަށްވާނަމަ 60 ދުވަހުގެ ތެރޭ ގެއްލުން ލިބުނު މީހާއަށް ދައުވާ ލިބޭ މީހާ ރައްދުކޮށްދޭން އަމުރު ކުރެވޭނެ އެވެ.

ނަގައިދޭ ބަދަލަކީ ފައިސާގެ ބަދަލަކަށްވެފައި 50،000 ރުފިޔާއަށް އަށްވުރެ މަދު އަދަދެއް ނަމަ، 30 ދުވަހުގެ ތެރޭ ދައްކަން އަމުރު ކުރެވިދާނެ އެވެ. އަދި، ބަދަލަކީ 50،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ ތިން މަސް ދުވަހުގެ ތެރޭ ރައްދުކުރަން ފަނޑިޔާރަށް އަމުރު ކުރެވޭނެ އެވެ.

ބަދަލުގެ މިންވަރަކީ 100،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމުމަށް ދައުވާ ލިބޭ މީހާގެ މައްޗަށް ފަނޑިޔާރަށް އަމުރު ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

މިގޮތަށް ނަގައިދޭ މަދަނީ ބަދަލު ނަގައިދިނުމުގައި އިތުރަށް ސާބިތުކުރަން ޖެހޭ ކަމެއް އޮތް ނަމަ، މަދަނީ ދައުވާ ކުރުމުގެ ހައްގު ގެއްލުން ލިބުނު ފަރާތަށް އޮތް ކަމަށް ކަނޑައަޅަންވާނެ ކަމަށް ވެސް އަލަށް ނެރުނު އުސޫލުގައިވެ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox