ހާޖިރީ ގުޅުންތަކަށް އަސަރުކުރާ ގޮތަށް ހަބަރު ފަތުރައި، އެފަދަ ވާހަކަތަކަށް ބައެއް ނޫސްތަކުން ހިތްވަރު ދެމުންދާ ކަމަށް ބުނެ، އެކަން ނުކުރުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައިވަނީ އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ރޯހިތުއާ ގުޅޭ ގޮތުން "ދިޔަރެސް" ނޫޙުގައި ލިޔުނު ރިޕޯޓެއްގެ މައްސަލާގައި ހައިކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އިންޑިއާ ހައިކޮމިޝަނުން ވަނީ އެ ނޫހުގެ މައްސަލަ ބަލައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އަދި، މިހާރު އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފަ އެވެ.
އެ މައްސަލާގައި އިންޑިއާ ހައިކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް "ރޯޔަލް ހުސެއިން ތަކުރު" ކިޔާ އެކައުންޓަކުން ވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް ކުރާނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
ޓްވީޓުގައި ދިން އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުޓީ ވަރުގަދަކޮށް ދިނުމަށް ފޮރިން މިނިސްޓްރީން އެދިފައިވާއިރު، ފުލުހުން ބުނި ގޮތުގައި އެ ދެ ތަނުގެ ވެސް ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.

އެ ޓްވީޓުކުރި ކަމުގެ ތުހުމަތުގައި މިރޭ ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފަ އެވެ.
އެކަން ހާމަކޮށް މިރޭ ފުލުހުން ނެރުނު ނޫސް ބަޔާނުގައި މީޑިއާތަކުން ހަބަރު ފަތުރާ ގޮތާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ.
"ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމުގައި ވީ ހިނދު، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން، ރާޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އާންމުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ.
"ސޯޝަލް މީޑިއާ އާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދެން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެކެވެ.












