ޕެރިސް (ޖުލައި 2) - ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ރާމޯސް ރެއާލް ދޫކޮށް ޕީއެސްޖީއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އަދި އެ ޓީމާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ވަނީ ނިންމައިފަ އެެވެ. ރާމޯސް، ޕީއެސްޖީ އަށް ބަދަލުވާން ނިންމީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ޓީމަކަށް ނޫނެކޭ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭގެ ތެެރެއިން އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް އެވެ.
ޕީއެސްޖީގެ ނިންމުމަކީ އަހަރަކު 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް ރާމޯސް އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނުމެވެ. ރެއާލުން ރާމޯސް އެ ޓީމުގައި މަޑުކުރަން ފުރަތަމަ ހުށަހެޅީ 10 މިލިއަން ޑޮލަރު ލިބޭ ގޮތަށް އެއް އަހަރަށް ކޮންޓްރެކްޓެކެވެ. ރެއާލާ އެކު ބޭއްވި ވަދާއީ ނޫސްވެެރިންގެ ބައްދަލުވުމުގައި ރާމޯސް ވަނީ އޭނާ އެ ކްލަބް ދޫކޮށްލަން ޖެހުނު ގޮތް ކިޔައިދީފަ އެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ރެއާލްގައި ހުންނަން. ކްލަބުން ހުށަހެޅީ އެއް އަހަރުގެ ކޮންޓްރެކްޓެއް ކުރިން ލިބެމުން އައި މުސާރަ ކުޑަކޮށްފައި. އަހަރެން ބޭނުންވީ އަހަންނާއި އަހަރެން އާއިލާ އަށް ޓަކައި ދެ އަހަރުގެ ކޮންޓްރެކްޓެއް. ފަހުން އަހަރެން އެއް އަހަރަށް ވިޔަސް ކްލަބްގައި މަޑުކުރަން ނިންމާފައި ބަލާލިއިރު އަހަންނަށް އެންގީ ކުރިން ކްލަބުން ހުށަހަޅާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް. އެއީ އަހަންނަށް ކުރިން އަންގާފައި އޮތް ކަމެއް ނޫން،" ރާމޯސް ބުންޏެވެ.
ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު އެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އެއީ އޭރު ސްޕެއިނުގެ ޑިފެންޑަރަކަށް ހޭދަކުރި އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.
ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. ރެއާލާ އެކު 22 ތަށި އުފުލާލި ރާމޯސް ވަނީ އެ ޓީމަށް 101 ގޯލު ޖަހައިފަ އެވެ. އަދި 40 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމްގެ ސޮއި ހޯދައިފަ އެވެ. އަދި ރާމޯސްގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ދެ ކުޅުންތެރިން ޕީއެސްޖީއާ ގުޅޭނެ އެވެ. އެއީ އިންޓަ މިލާންގެ މޮރޮކޯ ފުލްބެކް އަޝްރަފް ހަކީމީ އާއި އިޓަލީގެ ހުނަރުވެރި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ. މީގެ ތެރެއިން ޑޮންނަރުންމާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެކަމަކު ހަކީމީ ގަންނަން 70 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












