ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުން އެޕާޓްމަންޓް ލިބުނު މީހުންނަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެސްޓީއޯ "މަގޭ ހިޔާ" ނަމުގައި ހިންގާ މި ޕްރޮމޯޝަންގެ ތެރެއިން ހިޔާ ފްލެޓްތަކުގެ އިތުރުން ސަރުކާރުން މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ އެންމެހާ މީހުންނަށް ބައިވެރިވެވޭނެ އެވެ. ހަމައެކަނި ހުށައަޅަން ޖެހެނީ ފްލެޓް ލިބިފައިވާ ކަމުގެ ލިޔުމާއި، ފްލެޓް ލިބުނު މީހާގެ އައިޑީ ކާޑެވެ.
އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަންގެ ތެރެއިން ތަފާތު ތިން ޕެކޭޖެއް ކަސްޓަމަރުންނަށް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރިހި، ރަން އަދި ހުދު ރަން ޕެކޭޖެވެ.
މިއިން ކޮންމެ ޕެކޭޖެއް ގަތަސް އެސްޓީއޯގެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން އޭގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަަކަށް ފައިސާގެ އިނާމާއި ވައުޗާ އިނާމެއް ވަނީ ހުށައަޅާފަ އެވެ.
އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000ރ.، ދެވަނައަށް ހޮވޭ ފަރާތަކަށް 10،000ރ. އަދި ތިންވަނައަށް އޮވޭ ފަރާތަކަށް 5،000ރ. ގެ ވައުޗަރެއް ލިބެ އެވެ. މި ވައުޗާ ބޭނުންކުރެވެނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މުދާ ގަތުމަށެވެ.
މި ޕްރޮމޯޝަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އަދި ބީއެމްއެލް އިސްލާމިކް ފެސިލިޓީ މެދުވެރިކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެ ވެއެވެ.
އެސްޓީއޯއިން ބުނީ މަގޭ ހިޔާ ޕްރޮމޯޝަނުގެ ތެރެއިން ކަސްޓަމަރުން ގަންނަ މުދާ ސީދާ ކަސްޓަމަރާ ހަމައަށް ޑެލިވަރީކޮށްދޭނެ ކަމަށެވެ.











