ރާއްޖޭގައި ހިންގާ “ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާނު ސަރުކާރުން 2.9 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން ގެވެށި ގުޅުން ކެމްޕޭނަށް ދޭ ރަސްމީ އެހީ ހަމަޖެހިގެންދާނެ އެވެ.
އެ ކެމްޕޭނަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ ޖުލައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ސަރުކާރުން ފެށި ކެމްޕޭނެކެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އަދި މިއެހީއަކީ ޒަމާނުއްސުރެ ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ ގާތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދެވެ.
އަދި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހުތާރެވެ.












