މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މި ހުކުރު ދުވަހުގެ ކުރިން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް މާބޮޑަށް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ. މިއީ ކޮވިޑް މާލޭގައި ފެތުރެން ފެށި ފަހުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ދެވަނަ ފަހަރެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު "އަދަދު" އަށް ވިދާޅުވީ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ޖަމާއަތުގައި ނަމާދު ކުރަން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހުކުރުގެ ކުރިން ޖަމާއަތުގައި ނަމާދު ކުރަން އިރާދަކުރެއްވިއްޔާ ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރަން ފެށިނަމަވެސް އަދި ނަމާދު ކުރާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.

ކޮވިޑް ކޭސްތައް މާލެ ސަރަހައްދުގައި ދަށް ވެފައިވާއިރު ޖަމާއަތުގައި ނަމާދު ކުރަން ނުފަށާތީ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މަނާ ކޮށްފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރު ނަމާދު ވެސް ކޮށްފައިވެ އެވެ.












