ރާއްޖޭގައި ކޮވިޑުގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައި ނަމަވެސް، ބަލި ފެތުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދޭނީ، ލުއި ދިނުމުން ނުކުމެދާނެ ނަތީޖާތަކަށް ވިސްނައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުން އިންތިހާއަށް އިތުރުވެ، ފިޔަވަޅުތައް ހަރުކަށި ކުރި އިރު، ދުވާލެއްގެ ނަންބަރުތައް އުޅުނީ ހާހަކަށް ވުރެ މަތީގަ އެވެ.
ކާފިއު އާއި މީހުން އެއްވާ ތަންތަން ބަންދުކޮށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު އަންނަނީ ފެންނަމުންނެވެ.
އެއާއެކު، އެޗްޕީއޭއިން ވަނީ އެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދޭން ފަށައިފަ އެވެ. އޭރު ކާފިއު ހިންގާފައި އޮތް ގަޑި މިހާރު ވަނީ އިރުއޮއްސި 6:00 އިން ފަތިހު 4:00 އަށް ލުއިކޮށްފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނުކުންނަން ފާހެއް ބޭނުންވިޔަސް، އެ ގަޑީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު މިހާރު ދަށެވެ.
ރެސްޓޯރަންޓު އަދި ކެފޭ ތަކަށް ޑެލިވަރީ ކުރެވޭ ވަގުތު އިތުރުކޮށްދީ ސެލޫންތަކާއި ޖިމްތައް ވެސް ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.

މީގެ ކުރިން އަމަލުކުރި ގޮތާ ހިލާފަށް، ކޮވިޑު ކޭސްތައް ދަށްވި ނަމަވެސް، މިފަހަރު ފިޔަވަޅުތައް ލުއި ކުރާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް އެޗްޕީއޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، ގިނަ ބަޔަކަށް ފިޔަވަޅުތަކަށް ލުއި ދޭ ދުވެލި މަޑެވެ. ކޮވިޑު ނަންބަރުތައް ދަށްވުމާއެކު، ހާއްސަކޮށް ވިޔަފާރިތަކުން ކުރާ ޝަކުވާތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.
އެގޮތުން، ލުއި ނުދޭ ކަމަށް ބުނެ ކެފޭތަކުގެ ވެރިން މާދަމާ އިހުތިޖާޖަށް ނުކުންނަން ވެސް ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން، މިސްކިތްތައް މިހާރު ހުޅުވާލެފައިވީ ނަމަވެސް، ޖަމާއަތުގައި ނަމާދުކުރަން ފެށުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
އެކަމާ ގުޅޭގޮތުން "އަދަދު"އިން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މެއި މަހުގެ ފަހުކޮޅު ފިޔަވަޅުތައް ހަރުކަށި ކުރުމުން ޖުލައި މަހާ ހަމައަށް ނަންބަރުތައް ދަށްވާނެ ކަމަށް ލަފާ ކުރެވުނު ކަމަށެވެ.
އަދި ނަންބަރުތައް ދަށްވުމާއެކު މިހާރު ވެސް ދެ ބުރެއްގެ މަތިން ފިޔަވަޅުތައް ލުއި ކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ސައިންސްވެރިންގެ ލަފާއަކީ ބަލި ފެތުރޭ އިންޑިކޭޓާސްތަކަށް ބަލައިގެން މަޑުމަޑުން ފިޔަވަޅުތައް ލުއި ކުރުން،" ނަޒްލާ ވިދާޅުވި އެވެ.
ލުއި ކުރަން ބަލާ އިންޑިކޭޓާސްއަކީ ކޮބާ؟
ފިޔަވަޅުތައް ލުއި ކުރާއިރު، ބަލި ފެތުރޭ ކަމަށް ބަލާ މިންގަނޑުތަކެއް ހުރެ އެވެ.
އެގޮތުން، ހަފުތާއެއްގެ ތެރޭގައި އަލަށް ބަލިޖެހޭ މީހުންނާއި، މަރުވާ މީހުންނާއި، ހޮސްޕިޓަލުގައި އެޑްމިޓުކުރަންޖެހޭ މީހުންގެ އިތުރުން ބަލި ޖެހުނު މީހަކާ ގުޅުމެއް ނެތި ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަލާނެ އެވެ.
"ކޮންމެ ހަފުތާއަކު އަޅުގަނޑުމެން ބަލާނަން މި އިންޑިކޭޓާސްތައް އެ ވަރެއްގައި ހިފެހެއްޓިފައިވޭތޯ ނޫނީ ދަށަށް ދާން ފަށާފައިވޭތޯ. އެއީ ކޮންޓެކްޓް ޓްރޭސިންނާއި ރެންޑަމް ސާމްޕަލިންނާ އެކީގައި،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ފިޔަވަޅުތައް ލުއި ކުރުމުގައި އެފަދަ ގިނަ ކަންކަމަށް ރިއާއަތްކުރާ ކަމަށެވެ.
އެގޮތުން، އެ ފިޔަވަޅުތައް ލުއި ކުރުމުން މީހުން ދަތުރުކުރުމާއި، ބޭރަށް ނުކުމެ އެއްތަނަކަށް އެއްވާނެ މިންވަރާއި، ވިޔަފާރިތަކަށް ކުރާނެ އަސަރު ފަދަ ކަންކަން ހިމެނެ އެވެ.
އަދި އެތަނެއްގައި މާސްކު އެޅުމާއި، ގައިދުރުކުރުން ބެހެއްޓުން ފަދަ މީހުންގެ އަމަލުތައް ހުންނާނެ ގޮތާމެދު ވެސް ވިސްނާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ދެން ސިއްހީ ނިޒާމުގެ ގާބިލުކަމަށް ވެސް ބަލާނެ،" އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމަކަށް ބެލުމަށް ކުރިއަށް ހަފުތާގައި ވެސް އިތުރަށް ލުއި ކުރެވޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، އިއުލާނުކުރަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަންޖެހޭ ފިޔަވަޅުތަކަކީ ކޮބާ؟
- އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު
- ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ފާސް އޮންނަ ފަރާތްތަކަށް
- ފަތިހު 4:00 އިން ހެނދުނު 8:00 އެކަނި ކަސްރަތު ކުރެވޭނެ.
- ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު.
- އަމިއްލަ އޮފީސްތައް ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ އޮވެގެން.
- ކުޅިވަރު ދަނޑުތަކާއި ސިނަމާތައް ބަންދު.
- ކެފޭ/ރެސްޓޯރަންޓުތަކުގެ އެތެރޭގައި ތިބެގެން ކެއުން މަނާ.
- ކާފިއު ގަޑީގައި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހިދުމަތް ދިނުން މަނާ.
- ކެފޭ ރެސްޓޯރަންޓުތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން މެނދުރު 12:00 އަށް.
- ޖިމްތައް ހުޅުވޭނީ ފަތިހު 5:00 އިން އިރުއޮއްސި 6:00 އާ ހަމައަށް.












