އިސްލާމް ދީނުގައި ހިތާނު ކުރުން ޝަރްއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެންކުދިން ހިތާނު ކުރުމެއް ނޯވޭކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި އަންހެނުން ހިތާނު ކުރުމުގެ ބަހުސް އަނެއްކާވެސް ގަދަވެފައިވާ ދަނޑިވަޅެއްގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތާނު ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ އަމަލެއް ކަމަށެވެ.
"މިދެންނެވީ އަޅުގަނޑުގެ އަމިއްލަ ރައުޔެއް ނޫން. މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި ކަނޑައެޅިގެން ހާރާމް ކުރައްވާފައި ކަމެއް ކަމުގައި،" މައުމޫން ވިދާޅުވެފައިވެ އެވެ.
އަންހެނުން ހިތާނު ކުރުމުގެ ބަހުސް އަނެއްކާވެސް ގަދަވެފައިވަނީ އެކަމަށް ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ހިތްވަރު ދެއްވި ކަމުގެ ތުހުމަތާއެކު އެވެ.
ހިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގެ ލިންކު އިޔާޒް ޓްވީޓު ކުރެއްވުމާއެކު ގިނަ ބަޔަކު ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމުގެ ރައްދުގައި އިޔާޒް ވިދާޅުވީ، އޭނާ ހިއްސާ ކުރެއްވީ އިލްމީ ދިރާސާއެއް ކަމަށާއި، އަންހެނުން ހިތާނު ކުރުމަށް އެއްވެސް އިރެއްގައި ހިތްވަރު ދެއްވާފައިނުވާނެ ކަމަށެވެ.
އިޔާޒްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)"އަށް ހިތްވަރު ދެއްވައި އިޔާޒް މިއަދުގެ ހެނދުނުގެ ވަގުތެއް ޓްވީޓެއް ކުރައްވާފައިވާ ކަމަށެވެ.
ދިވެހި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މަސައްކަތް ކުރުމަކީ އަންހެނުން ނުރައްކަލަށް ހުށަހެޅި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މީކާއީލް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން، އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް ބަލައި ދިނުމަށް، މީކާއީލް ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.












