ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖޭއަށް އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގައި ވިއްކަން އެޖެންޓުން މިއަދު ހަމަޖައްސައިފި އެވެ.
އެސްޓީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުން ހޯދަން ކުރި އިއުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް 22 ފަރާތަކުން ޕްރޮޕޯސަލް ހުށައެޅި އެވެ. އަދި މި ހުރިހާ ފަރާތްތަކެއް ޝަރުތު ހަމަވުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ހުރިހާ ވިޔަފާރިއަކަށް އެޖެންޓުކަން ދީފަ އެވެ.
މިއީ އެސްޓީއޯއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިކޮށްދިނުމަށާއި، އަތޮޅުތެރެއިން އަތްފޯރާ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ލިބޭނެ މަގުފަހި ކުރުމަށް ފެށި މަސައްކަތެކެވެ. އަދި މި ބިޒްނަސް މޮޑެލްގެ ތެރެއިން އެކަން ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެސްޓީއޯއިން ދެކެ އެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓަކާ ލިޔުން ހަވާލުކުރަނީ: އެސްޓީއޯއިން ވަނީ މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ވިޔަފާރިތަކަށް ހުޅުވާލާފައި -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ އެޖެންޓުކަން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އިމާން ވިދާޅުވީ އެޖެންޓުން އައްޔާނުކުރާ މޮޑެލް، އެ ކުންފުނީގެ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ ކަމަށެވެ.
"އެޖެންޓުން އައްޔަނުކުރާ މި މޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ" އިމާން ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އެޖެންޓަކަށް ވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެސްޓީއޯއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮންސްޓްރަކްޝަން އެޖެންޓުންނަށް ވާން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
މިކަމަށް ބޭނުންވާ ވިޔަފާރިތަކަށް ޖުލައި މަހުން ފެށިގެން ފޯމް ހުށައެޅޭނެ އެވެ. މި ފޯމް އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ އެވެ. އެޖެންޓުން ހޮވުމުގައި އިސްކަން ދޭނީ ރަށްރަށުގައި ތިބި ވިޔަފާރިތަކަށެވެ.
އެސްޓީއޯއިން އަންނަނީ މިހާރުވެސް މި މޮޑެލްގެ ތެރެއިން ރަށްރަށުގައި ކާޑު ވިއްކަމުންނެވެ. އަދި މިއީ އެ ކުންފުނީގެ ކާމިޔާބު އަދި ކުދި ވިޔަފާރިތަކަށް މަންފާކުރާ މޮޑެލްއެއް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެ އެވެ.











