މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ދެން އަލުން ފުޓްބޯޅަ ނުކުޅެވޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ނެދަލެންޑްސްގެ ފުލްބެކް ޑޭލީ ބްލިންޑް ވަނީ ރައްދު ދީފަ އެވެ. ކުރިން އެރިކްސަންއާ އެކު އަޔަކްސް އަށް ކުޅުނު ބްލިންޑް ދެކޭގޮތުގައި މިއީ އެރިކްސަން އަށް ސަޕޯޓް ދޭންވީ ވަގުތެވެ.
ޑެންމާކުގެ ކޮޕެންހާގެންގައި މި މަހު 12 ވަަނަ ދުވަހު ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. މެޑިކަލް ޓީމު އަންނަންދެން އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެރިކްސަން އަށް ސީޕީއާރް ދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ.
އެރިކްސަން އަށް ދިމާވި ކަންތައްތަކަށް ފަހު މެޗު މެދުކަނޑާލި އެވެ. އަލުން ދެ ގަޑިއިރެއްހާއިރު ފަހުން މެޗު ފެށީ އެރިކްސަންގެ ހާލު އެ ވަގުތަށް ވެސް ރަނގަޅުކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެ މެޗު ހުއްޓާލި ހިސާބުން އަލުން ފަށައިގެން ފުރިހަމަކުރިއިރު، ފިންލެންޑުން ވަނީ 1-0 އިން ޑެންމާކް ބަލިކޮށްފަ އެވެ.
ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދިންއިރު، ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވަން ޖެހުނެވެ. އައިސީޑީ ނޫނީ ޕޭސްމޭކަރު ލައްވައިގެން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުން މުބާރާތްތަކުގައި ވާދަކުރެ އެވެ. މި ބްލިންޑް ވެސް ކުޅެނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ.
އައިސީޑީ އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. ޕޭސްމޭކަރުގެ ފައިދާ އަކީ ހިތުގެ ވިންދު ލަސްނަމަ އަވަސްކޮށްދީ ރަނގަޅު ލެވަލެއްގައި ބަހައްޓާނެ އެވެ.
ބްލިންޑް ހިތަށް ޕޭސްމޭކަރެއް ލެއްވީ 2019 ވަނަ އަހަރު އެވެ. އެއީ އެ އަހަރު ޑިސެމްބަރު މަހު ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތައްޔާރީތަކުގެ ތެރެއިން ބްލިންޑް ހިތްހުއްޓިގެން ހެދި ޓެސްޓްތަކަށް ފަހު އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ހިތް ހުއްޓިގެން މައްސަލައެއް ދިމާވެ، ބްލިންޑް ހޭނެތުނު ނަމަވެސް ފަހުން ކުރި ޓެސްޓްތަކުން އެނގުނީ މާ ނުރައްކާތެރި ހާލަތެއް ނެތް ކަމަށެވެ. އޭނާ ކުޅުން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތްކަން މެޑިކަލް ރިޕޯޓްތަކުން ދައްކަ އެވެ.
އެރިކްސަން އަށް ދިމާވި ހާދިސާ އަށް ފަހު ގިނަ ބަޔަކު އަންނަނީ އެރިކްސަން އަށް ދެން ޕްރޮފެޝަނަލީ ފުޓްބޯޅަ ނުކުޅެވޭނެ ކަމަށް ބުނަމުންނެވެ.
އުމުރުން 31 އަހަރުގެ ބްލިންޑް ބުނީ އެރިކްސަން އަށް ދިމާވި ކަންތައްތަކުގެ ފޮޓޯ އޭނާ އަށް ފެނުމާ އެކު ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކުރި ކަމަށެވެ. އެރިކްސަން އަށް ދިމާވި ހާދިސާގެ ސަބަބުން މިފަހަރު ޔޫރޯގައި ނެދަލެންޑްސް ކުޅެން އޮތް ފުރަތަމަ މެޗުގައި ޔޫކްރެއިނާ ދެކޮޅަށް ކުޅެން ބްލިންޑް ފަސްޖެހުނެވެ. އެކަމަކު ފަހުން މެޗުގައި ކުޅެން ނިންމައި މެޗުގެ ބޮޑުބައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ބަދަލުކުރި ވަގުތު ދަނޑުން ފައިބައިގެން ދިޔަ ވަގުތު ބްލިންޑް ހުރީ ރޮވިފަ އެވެ.

އަޔަކްސްއާ އެކު ނެދަލެންޑްސްގެ ލީގު ކާމިޔާބު ކުރުމަށް ފަހު ބްލިންޑް (ވ) އާއި އެރިކްސަން (ވ.2) އުފާފާޅުކުރަނީ.
"އެރިކްސަންގެ އެ މަންޒަރުތައް ފެނުމަކީ އަހަންނަށް ކުރިމަތިވި ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއް. އަހަންނަށް އެކަމުން އަަަރައިގަނެގެން ފުރަތަަމަ މެޗު ކުޅެވުނީ ވަރަށް މަސައްކަތުން،" ބްލިންޑް ކިޔައިދިނެވެ. "އަހަންނަށް ފުރަތަމަ މިކަން (ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުން) ދިމާވީމަ ވަރަށް ގިނަ ބަޔަކު ބުނި އަހަރެންނަށް ދެން ނުކުޅެވޭނެއޭ. އެކަމަކު އަހަރެން މިހުރީ އެންމެ މަތީ ލެވަލްގައި ކުޅެން އަދިވެސް،"
އެރިކްސަން އާއި ބްލިންޑް ވަނީ އަޔަކްސް ޓީމަށް 2010 އިން 2013 އާ ދެމެދު އެކުގައި ކުޅެފަ އެވެ. ބްލިންޑް ބުނީ އެރިކްސަން އަށް އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމަށާއި މެޑިކަލީ ކުރެވޭނެ ކަންތައްތަކަށް އިތުބާރު ކުރުމަކީ މީގެ އެންމެ މުހިއްމު ކަންތައް ކަމަށެވެ.
"އަހަރެން އެންމެން ކައިރީގައި މި ބުނަނީ އެރިކްސަންގެ އެ ރިކަވަރީ ކަންތައްތަކަށް ފޯކަސް ކުރަން ދޫކޮށްލަން. އެރިކްސަން އަށް ނުކުޅެވޭނެއޭ ނުބުނެވޭނެ. ކުޅެވޭނެ ކަމުގެ ހެކި އެބަހުރި ފެންނަން. އަހަރެން ވެސް މިހުރީ،" މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށް ފަހު 2018 ވަނަ އަހަރު އަޔަކްސްއާ އަލުން ގުޅުނު ބްލިންޑް ބުންޏެވެ.
އޭނާ ބުނީ މި ވަގުތު އެރިކްސަން އަށް ދޭން ޖެހޭނީ ޕޮޒިޓިވް ވިސްނުން ކަމަށާއި ޑޮކްޓަރުންގެ އިރުޝާދާ އެކު އެރިކްސަންގެ ހާލަތު މޮނިޓާ ކުރެވި މާ ދުރު ނޫން މުސްތަގުބަލުގައި ވެސް ރަނގަޅުވެގެން އެރިކްސަން އަށް އެނބުރި އާދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އަލުން ކުޅެވޭނެ ކަމަށް ޑޮކްޓަރު ބުނާ ހިސާބުން ސިކުނޑި އަށް ލުޔެއް ލިބޭނެ. މި ވަގުތު އެރިކްސަން ކުރާނެ އެއް ފިކުރަކީ އަލުން ކުޅެވޭނެތޯ. އެ ހުރިހާ ކަމެއްގެ އިތުބާރު ބަހައްޓަންވީ ޑޮކްޓަރުންގެ މަސައްކަތަށް. އަނިޔާ އިން ރަނގަޅުވުމުގެ ބޮޑު ޕަސެންޓަކީ މެންޓަލް ފިޓްނަސް،" ބްލިންޑް ބުންޏެވެ.
އައިސީޑީ އާއި ޕޭސްމޭކަރު ލައްވައިގެން ކުޅޭ ކުޅުންތެރިންނަށް ބައެއް ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމުގައި ދަތިތަކެއް ދިމާވެ އެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ވަރަށް ގިނަ ޓެސްޓްތަކެއް ހަދައިގެން ނޫނީ އެ ފަދަ ހާލަތްތަކެއްގައި ހުރި ކުޅުންތެރިންނަށް ފުރުސަތެއް ނުދެ އެވެ. އެރިކްސަން މި ވަގުތު ކުޅެމުން އަންނަނީ އިޓަލީގެ އިންޓަ މިލާނަށެވެ.












