މޮޑްރިޗް ތަފާތު، ސްކޮޓްލެންޑް ކަޓުވާލައި ކްރޮއޭޝިއާ އަނެއް ބުރަށް

Jun 22, 2021, 8:53 PM
މޮޑްރިޗް ތަފާތު، ސްކޮޓްލެންޑް ކަޓުވާލައި ކްރޮއޭޝިއާ އަނެއް ބުރަށް

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލެންޑް 3-1 އިން ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ އަނެއް ބުރުުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ މެޗުގައި ކްރޮއޭޝިއާ މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ އެ ޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 35 އަހަރުގެ ލޫކަ މޮޑްރިޗަށެވެ. ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވަނީ މިރޭ ލަނޑެއް ޖެހުމުގެ އިތުރުން ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސްކޮޓްލެންޑް އަތުން ހޯދި ފުރަތަމަ މޮޅާ އެކު ކްރޮއޭޝިއާ ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ގްރޫޕް ޑީގެ ދެ ވަނަަ ޓީމުގެ ގޮތުގަ އެވެ. އެއް ވަނަ ލިބުނީ ހަތް ޕޮއިންޓް ހޯދި އިންގްލެންޑަށެވެ. އެ ޓީމުން ވަނީ މިރޭ ޗެކް ރިޕަބްލިކް 1-0 އިން ބަލިކޮށްފަ އެވެ. ދެ ވަނަ އަަށް ދިޔަ ކްރޮއޭޝިއާ އާއި ތިން ވަނަ އަށް ދިޔަ ޗެކް ރިޕަބްލިކަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ކްރޮއޭޝިއާ އަށް ދެ ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ޗެކް ރިޕަބްލިކަށް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ.

ގްރޫޕްގެ ފުލުން ނިންމާލި ސްކޮޓްލެންޑް ކެޓީ ތިން މެޗުން ޕޮއިންޓަކާ އެކު އެވެ. މިރޭގެ މެޗުގެ ކުރިން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ސްކޮޓްލެންޑް ބަލިވެފައިނުވެ އެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްކޮޓްލެންޑުން ދިޔައީ ކްރޮއޭޝިއާ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. މެޗުގެ ކުރީކޮޅުގައި ސްކޮޓްލެންޑްގެ ޖޯން މެކްގިން ނަގައިދިން ހުރަަހަކުން އޭރިއާތެރެއިން ޖަަހަން އަރައި ހުރި ޗޭ އެޑަމްސް އަށް ލިބޭގޮތެއްނުވި އެވެ.

ކްރޮއޭޝިއާ އިން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ސްކޮޓްލެންޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައިން ގޯލެއް ޖެހި އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ މި ގޯލު ޖެހީ ނިކޯލާ ވްލަސިޗް އެެވެ. އޭރިއާ ތެރެއިން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވްލަސިޗް ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ގޯލާ އެކު ކްރޮއޭޝިއާގެ ކޮންފިޑެންސް ރަނގަޅުވެ، އިތުރު ހަމަލާތައް ފޮނުވަން މަސައްކަތް ފެށި އެވެ. މޮޑްރިޗް އޭރިއާބޭރުން ފޮނުވާލި ބާރުބޯޅަ ސްކޮޓްލެންޑްގެ ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ސްކޮޓްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ވަރުގަދަކޮށް ނިންމާލި ސްކޮޓްލެންޑުން އެއްވަރުކުރީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކަލުމް މެކްގްރެގާ އެވެ. މިއީ މިދިޔަ 23 އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގައި ސްކޮޓްލެންޑުން ޖެހި ފުރަތަމަ ގޯލެވެ. މި ފަަހަރުގެ މުބާރާތުގައި ސްކޮޓްލެންޑުން ފުރަތަމަ ކުޅުނު ދެ މެޗު ނިންމާލި ގޯލެއް ނުޖެހި އެވެ. ސްކޮޓްލެންޑަކީ މި މެޗާ ހަމައަށް މި ފަހަރުގެ މުބާރާތުގައި ގޯލެއް ނުޖެހި އޮތް ހަމައެކަނި ޓީމެވެ. މިއީ 1996 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު މި މުބާރާތުގައި ސްކޮޓްލެންޑުން ޖެހި ފުރަތަމަ ގޯލެވެ.

ކްރޮއޭޝިއާ އިން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ކުޅުން ރަނގަޅުކޮށް އަލުން ލީޑުނެގޭތޯ މަަސައްކަތްކުރި އެވެ. ކްރޮއޭޝިއާގެ ޖޮވްސްކޯ ގްވާޑިއޯލަށް ލިބުނު ބޯޅައެއް ސްކޮޓްލެންޑްގެ ކީޕަރު މާޝަލް ވަނީ ހުއްޓުވައިފަ އެވެ. އަދި ފަހުން ޕެރިސިޗް ޖެހި ބޯޅަ ވެސް ހުއްޓުވީ މާޝަލް އެވެ.

އެކަމަކު މެޗުގެ 62 ވަނަ މިނިޓްގައި މޮޑްރިޗް ޖެހި ބޯޅަ މާޝަލް އަށް މަތަކުރެވޭ ގޮތެއްނުވި އެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅަ މޮޑްރިޗް ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައި އެ ޓީމަށް އަލުން ލީޑުނަގައިދީފަ އެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

މޮޑްރިޗަކީ ޔޫރޯ ތާރީހުގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން އަދި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. މޮޑްރިޗް 2008 ވަނަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިންއިރު އުމުރަކީ 22 އަހަރާއި 273 ދުވަހެވެ. މިރޭގެ މެޗުގައި ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 286 ދުވަހެވެ. އަދި އޭނާ އަކީ ތަފާތު ތިން ޔޫރޯއެއްގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކްރޮއޭޝިއާ އިން ތިން ވަަނަ ގޯލެއް ޖެހީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން މޮޑްރިޗް ނަގައިދިން ބޯޅަ ޕެރިސިޗް ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މި މެޗުން ބަލިވެ ބައިނަލްއަގުވާމީ މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ނޮކައުޓް ބުރެއްގައި ވާދަކުރަން ސްކޮޓްލެންޑުން ކުރަމުން އައި އިންތިޒާރު ދިގުވީ އެވެ. ސްކޮޓްލެންޑް ވަނީ އަށް ވޯލްޑް ކަޕާއި ތިން ޔޫރޯގައި ވާދަކޮށްފަ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ކްރޮއޭޝިއާ ކުޅޭނީ ގްރޫޕް އީގެ ރަނަަރަޕް ޓީމާ އެވެ. އެ ގްރޫޕްގައި އޮތީ ސްޕެއިން، ސްލޮވާކިއާ، ސްވިޑެން އަދި ޕޮލެންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox