ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މުއްދަތު އިތުރު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، ގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.
ދެން އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް ޖެހީ 15 ދުވަހެވެ.
ޒިހާންއަކީ އެނގިފައިވާ ގޮތުގައި އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ. ވަރަށް ފަހުން ވެސް މައްސަލައެއްގެ ތުހުމަތަށް އޭނާ ހައްޔަރުކޮށް ޖަލަށްލާފައިވާ ކަން އެނގިފައިވެ އެވެ.

ހައްޔަރުކުރި ޒިހާން އާއިި ކުޑަކުއްޖާ މިދިޔަ އާދީއްތަދުވަހުން ފެށިގެން ތިބީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އެކަމަކު އެތަން ކުއްޔަށް ނެގީ މި މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ނަމުގައެއް ނޫނެވެ. އެ މީހުން ހައްޔަރު ކުރީ ގެސްޓް ހައުސްގައި ތިއްބަ އެވެ.
އާދީއްތަދުވަހު އެ މީހުން ފިލަން ގެސްޓް ހައުސްއަށް ދިޔައިރު ކުއްޖާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކުއްޖާ ނުފެނިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ ވެސް އެ ދުވަހު އެވެ.
މަރާލާފައި މޫދުގައި އޮއްވާ ފެނުނުއިރު އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމާއި ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން އެނގިފައިވެ އެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް މިއަދު ގެންދަން ވަނީ ނިންމައިފަ އެވެ.














