މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމުނުއިރު، ގިނަ ރެކޯޑްތަކެއް ވަނީ މުގުރާލައިފަ އެވެ. އެކި ޓީމުތަކުންނާއި ވަކިވަކި ކުޅުންތެރިންނެވެ. އަދި މުބާރާތުގެ އެންމެ ހާއްސައެއް ކަންތައް ކަމަށްވާ ގޯލު ޖެހުމުގެ ރެކޯޑަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެ ގޮތުން ބެލްޖިއަމް ކޮޅަށް ޑެންމާކުގެ ޔޫސެފް ޕޯލްސަން ޖެހި ގޯލަކީ އޭރު ޔޫރޯ ތާރީހުގައި ދެ ވަނަ އަށް ޖެހި އެންމެ އަވަސް ގޯލެވެ. އެކަމަކު އެ ރެކޯޑް އޮތީ ހަފްތާއެއްހާ ދުވަސް ވަންދެނެވެ. އެއީ ރޭ ޕޮލެންޑް ކޮޅަށް ސްވިޑެންގެ އެމީލް ފޯސްބާގް ޖެހި ގޯލަކީ މިހާރު ޔޫރޯގެ ތާރީހުގައި ދެ ވަނަ އަށް އެންމެ އަވަސް ގޯލެވެ.
މި ރިޕޯޓްގައި މި ބަލައިލަނީ ޔޫރޯ ތާރީހުގައި ޖެހި އެންމެ އަވަސް ފަސް ގޯލަށެވެ.
1. ޑިމިޓްރީ ކިރިޗެންކޯ (ރަޝިއާ): 1 މިނިޓް 7 ސިކުންތު

ގްރީސް ކޮޅަށް ގޯލު ޖެހުމަށް ފަހު ކިރިޗެންކޯ (ވ) އުފާފާޅުކުރަނީ.
ޕޯޗުގަލްގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިއާ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ސްޕެއިނާއި ޕޯޗުގަލްއާ ދެކޮޅަށް ރަޝިއާގެ ކުރީގެ ފޯވާޑް ޑިމިޓްރީ ކިރިޗެންކޯ އިނީ ބެންޗުގަ އެވެ. އެކަމަކު ފަހު މެޗުގައި ގްރީސްއާ ދެކޮޅަށް ކިރިޗެންކޯ އަށް ފުރުސަތު ދޭން ރަޝިއާ އިން ނިންމިިއިރު، އެ ފުރުސަތުގައި އޭނާ ވަނީ ތާރީހީ ރެކޯޑެއް ހާސިލްކޮށްފަ އެވެ. ގްރީސްގެ ގޯލުގައި ހުރި އެންޓޯނިއޯސް ނިކޮޕޮލީޑީސް ކޮޅަށް 67 ސިކުންތު (1 މިނިޓް 7 ސިކުންތު) ތެރޭގައި ކިރިޗެންކޯ ޖެހި ގޯލަކީ ޔޫރޯގެ ތާރީހުގައި ފެނުނު އެންމެ އަވަސް ގޯލެވެ.
2. އެމީލް ފޯސްބާގް (ސްވިޑެން): 1 މިނިޓް 22 ސިކުންތު

ސްވިޑެންގެ ފޯސްބާގް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ޕޮލެންޑާ ދެކޮޅަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗު ފެށިގެން މާ ގިނައިރެއް ނުވެ އޭރިއާތެރެއިން އެމީލް ފޯސްބާގަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. ފޯސްބާގް އެ ބޯޅަ ގޯލަށް ފޮނުވާލީ ރަނގަޅު ވަގުތުގައި ޕޮލެންޑްގެ ގޯލްކީޕަރު ވޮޒްޝިއޭ ޝެޒްނީ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. އޭނާ ގޯލު ޖެހީ 1 މިނިޓް 22 ސިކުންތުންނެވެ. މިއީ ވަކިން ސިކުންތަށް ބަލާނަމަ މެޗު ފަށައިގެން 82 ވަނަ ސިކުންތުގައި ޖެހި ގޯލެކެވެ.
3. ޔޫސެފް ޕޯލްސަން (ޑެންމާކް): 1 މިނިޓް 39 ސިކުންތު

ބެލްޖިއަމް ކޮޅަށް ގޯލު ޖެހުމަށް ފަހު ޕޯލްސަން އުފާފާޅުކުރަނީ.
މި ފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުން ޑެންމާކް ވަނީ އަލަށް މުބާރާތުގައި ވާދަކުރާ ފިންލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ. އެ މެޗުން ބަލިވުމުން އަލުން މުބާރާތުގައި ކުރިއަށް ދިއުމުގެ އަޒުމުގައި ޑެންމާކުން ދެ ވަނަ މެޗުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމާ ދެކޮޅަށް ނުކުތެވެ. މެޗުގެ ފުރަަަތަމަ ސިކުންތުން ފެށިގެން ޑެންމާކުން ބެލްޖިއަމް ހާފް ތެރޭގައި ކުޅެން ފަށައި ލިބުނު ފުރަތަމަ ފުރުސަތުގައި ޔޫސެފް ޕޯލްސަން ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭނާ މި ގޯލު ޖެހީ 99 ސިކުންތު (1 މިނިޓް 39 ސިކުންތު) އިންނެވެ.
4. ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް): 1 މިނިޓް 40 ސިކުންތު

2016 ވަނަ އަހަރު ޕޯޗުގަލް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.
ޔޫރޯގެ ތާރީހުގައި ފެނުނު ތިން ވަނަ އަށް އެންމެ އަވަސް ގޯލު ޖެހީ ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މެޗު ފަށައިގެން ޕޮލެންޑުން ކުރި ފުރަތަމަ އެޓޭކްގައި ކަމިލް ގްރޮސިކީ އޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށްލިއިރު، ލެވަންޑޯސްކީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭނާ މި ބޯޅަ ގޯލަށް ފޮނުވާލިއިރު ގަނޑިން ހިނގީ ބަރާބަރު 100 ސިކުންތު (1 މިނިޓް 40 ސިކުންތު) އެވެ.
5. ރޮބީ ބްރޭޑީ (އަަޔަލެންޑް): 2 މިނިޓް

ފްރާންސް ކޮޅަށް ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު ބްރޭޑީ އުފާފާޅުކުރަނީ.
ޔޫރޯ ތާރީހުގައި ޖެހި އެންމެ އަވަސް ފަސް ގޯލުތަކުގެ ތެރެއިން ޕެނަލްޓީ އަކުން ޖެހި ހަމައެކަނި ގޯލަކީ 2016 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް ކޮޅަށް އަޔަލެންޑްގެ މިޑްފީލްޑަރު ރޮބީ ބްރޭޑީ ޖެހި ގޯލެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން މާ ގިނައިރެއްނުވެ އަޔަލެންޑަށް ލިބުނު ޕެނަލްޓީ ބްރޭޑީ ވަނީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ސިކުންތުން ބަލާނަމަ ބްރޭޑީ މި ގޯލު ޖެހީ 120 ވަަނަ ސިކުންތުގަ އެވެ. ޕެނަލްޓީ އަށް ބަލާއިރު މިއީ ޔޫރޯ ތާރީހުގައި ފެނުނު އެންމެ އަވަސް ޕެނަލްޓީ އެވެ.
* އެންމެ އަވަސް ގޯލުތަކުގެ ތެރޭގައި ދެން ހިމެނޭ ބައެއް ގޯލުތަކަށް ބަލާއިރު ގަދަ 10 ގައި ހިމެނެނީ ސޯވިއެޓް ޔޫނިއަންގެ ސާގެއި އަލެނިކޯވް އާއި ޗެކް ރިޕަބްލިކްގެ ޕީޓާ ޔިރަޗެކާއި އިންގްލެންޑްގެ އެލަން ޝިއަރާ އާއި އިންގްލެންޑްގެ މައިކަލް އޯވެން އަދި ބަލްގޭރިއާގެ ރިސްޓޯ ސްޓޮއިކޯފްގެ ގޯލެވެ.












