ގްލާސްގޯ (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން ލަނޑެއް ނުޖެހި އޮތް ހަމައެކަނި ޓީމަކީ ސްކޮޓްލެންޑް ކަމަށްވާއިރު، އެ ޓީމުގެ ކޯޗު ސްޓީވް ކްލާކް އެކަމާ ކަންބޮޑުވުން ފާޅުކޮށް، މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް އެކަން ބަދަލުކުރަން ނަސީބުގެ އެހީ ލިބޭނެ ކަމަށް ބުނެފި އެވެ.
ދެ ވަނަ ބުުރުގެ ޖާގަ ހޯދަން ސްކޮޓްލެންޑުން އަމިއްލަ ދަނޑުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ މޮޅުވުން މަޖުބޫރު މެޗަކަށެވެ.
ފުރަތަމަ ތިން ގްރޫޕްގެ ނަތީޖާ ނުކުތްގޮތަކުން މި ގްރޫޕްގައި އޮތް އިންްގްލެންޑާއި ޗެކް ރިޕަބްލިކަށް ވަނީ މިހާރު އަނެއް ބުރުގެ ޖާގަ ޔަގީންވެފަ އެވެ. އެއީ ޗެކް ރިޕަބްލިކާއި އިންގްލެންޑަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތްއިރު، މި ގްރޫޕުން ގަދަ ދެ ޓީމުގެ ތެރޭގައި އެ ދެ ޓީމުގެ ތެރެއިން ޓީމެއް ނުހިމެނުނު ނަމަވެސް އެ ދެ ޓީމަށް އަނެއް ބުރުން ފުރުސަތު ޔަގީންވީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގަ ލިބޭނެތީ އެވެ.
ގްރޫޕް ޑީގެ އެއް ވަަނައިގައި އޮތް ޗެކް ރިޕަބްލިކާއި ދެ ވަނައިގައި އޮތް އިންގްލެންޑަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އާއި ހަތަރު ވަނައިގައި އޮތް ސްކޮޓްލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. އަނެއް ބުރުން ފުރުސަތު ލިބޭނީ މި މެޗުން މޮޅުވާ ޓީމަކަށެވެ. އެއްވަރުވެއްޖެނަމަ ދެ ޓީމު ވެސް ކަޓާނެ އެވެ.
ތޭވީސް އަހަރަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރަމުން އަންނަ ސްކޮޓްލެންޑް ޓީމަށް މި ފަހަރުގެ ޔޫރޯގައި ލަނޑެއް ޖެހޭ ހިސާބުން ކަންކަން ބަދަލުވާނެ ކަމަށް ކްލާކް ގަބޫލުކުރެ އެވެ. އަދި ކްރޮއޭޝިއާ މެޗުގައި ފުރަތަމަ ލަނޑެއް ޖެހުން މުހިއްމު ކަމަށް ކްލާކް ވަނީ ބުނެފަ އެވެ.
"މިދިޔަ ދެ މެޗުގައި އަހަރެމެން ޝޮޓް ޖެހި ވަރަށް މި މެޗުގައި ވެސް އެކަން ކޮށްފިނަމަ އަހަރެމެންނަށް މި ފަހަރު ނަސީބު އެހީވާނެ. އެއީ އަހަރެން ގަބޫލުކުރާ ގޮތަކީ. ކޮންމެ ގޮތެއް ވިޔަސް ގޯލު ނުޖެހުމަކީ ކަންބޮޑުވުމެއް. މި މެޗުގައި ފުރަތަމަ ގޯލެއް ޖަހަންވީ އަހަރެމެން،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލާކް ބުންޏެވެ.
ވާދަވެރި މެޗުތަކުގައި ކްރޮއޭޝިއާއާ ދެކޮޅަށް ސްކޮޓްލެންޑްގެ ރެކޯޑް ރަނގަޅެވެ. ފަސް މެޗު ކުޅުނުއިރު، ސްކޮޓްލެންޑް ބަލިވެފައިނުވެ އެވެ. ދެ މެޗުން މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން 2013 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުން ސްކޮޓްލެންޑް ވަނީ 2-0 ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.
އެކަމަކު ކްލާކް ދެކޭގޮތުގައި މިދިޔަ އަށް ވަރަކަށް އަހަރު ތެރޭ ކަންކަން ބަދަލުވެފައިވާ ގޮތަށް ބަލާއިރު، މި މެޗުގެ ފޭވަރިޓުންނަކީ ކްރޮއޭޝިއާ އެވެ.
"ކްރޮއޭޝިއާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަަނަރަޕް. ކްރޮއޭޝިއާ ޓީމުގައި އެ ތިބީ ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން. އެ ހުރިހާ ކަމަކަށް ބަލާއިރު އެ މީހުން މި މެޗުގެ ފޭވަރިޓުންނަކީ. އަހަރެމެންނަށް އެބައޮތް އެޑްވާންޓޭޖެއް. އެއީ ސަޕޯޓަރުން ގިނައީ އަހަރެމެންގެ އޭގެ ބޭނުން ހިފަންވީ،" ކްލާކް ބުންޏެވެ.
ސްކޮޓްލެންޑުން މިރޭގެ މެޗަށް ތައްޔާރުވަމުން ދަނިކޮށް އެ ޓީމަށް ދިމާވި މައްސަލަ އަކީ ހުނަރުވެރި މިޑްފީލްޑަރު ބިލީ ގިލްމޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 10 ދުވަހަށް އައިސޮލޭޝަނަށް ދާން ޖެހުމެވެ. ކްލާކް ބުނީ ގިލްމޯ ނެތުމަކީ އެ ޓީމަށް އަންނާނެ އުނިކަމެއް ކަމަށެވެ.
ސްކޮޓްލެންޑުން މީގެ ކުރިން ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައިނުވެ އެވެ. އަށް ވޯލްޑް ކަޕްގައި ކުޅުނުއިރު، ދެ ޔޫރޯއެއްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.
ކްރޮއޭޝިއާ އިން މެޗު ކުޅެން ޖެހިލުމެއް ނުވާނެ
މެޗުގެ ކުރިން ކުރި ޓެސްޓްތަކުން ސްކޮޓްލެންޑްގެ ގިލްމޯ ކޮވިޑަަށް ޕޮޒިޓިވް ވެފައިވާއިރު، އެ ޓީމުގެ އެހެން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްތޯ އަދި ކަށަވަރެއް ނޫނެެވެ. ޔުއެފާ ޕްރޮޓޮކޯލާ އެއްގޮތަށް ސްކޮޓްލެންޑް ކުޅުންތެރިން އަންނަނީ ބަރާބަރަށް ކަންތައް ކުރަމުންނެވެ.
މެޗާ އެހާ ގާތްވެފައި ވަނިކޮށް ސްކޮޓްލެންޑް ޓީމުން ކޮވިޑްގެ ކޭހެއް ފެނިފައިވާތީ ކްރޮއޭޝިއާ އިން މި މެޗު ކުޅެން ޖެހިލުންވާ ކަމަށް ބުނެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެެވެ. އެއީ މެޗު ކުޅޭ ސްކޮޓްލެންޑްގެ ގަވާއިދުގައި ވާގޮތުން ޓީމެއްގެ އެއް ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ މުޅި ޓީމު ކަރަންޓީނު ވާން ޖެހޭނެ އެވެ. ޔުއެފާ އިން މުބާރާތަށް ކަނޑައެޅި ގަވާއިދާ ފުށުއަރާ ގޮތަށް މި އޮތް ސްކޮޓްލެންޑްގެ ގަވާއިދާ ހެދި ކްރޮއޭޝިއާ މި މެޗުން މޮޅުވިޔަސް މުޅި މުބާރާތަށް އަސަރުކޮށްފާނެތީ ކްރޮއޭޝިއާ އިން ކަންބޮޑުވެ އެވެ.
"އަހަރެން ބޭނުމެއް ނެތް އެއްވެސް މީހަކު އަހަރެމެން ކުޅެން ޖެހިލުންވެޔޭ ބުނަން. ޔަގީނުން ވެސް ކަންބޮޑުވުންތަކެއް ހުންނާނެ އިދިކޮޅު ޓީމުން ކޮވިޑް ކޭހެއް ފެނުނީމަ. އެ ހުރިހާ ކަމެއް އެހެން ހުއްޓަސް އަހަރެމެން ކުޅެން ޖެހޭ، ކުޅެގެން މޮޅުވާން ވެސް ބޭނުން،،" ޑާލިޗް ބުންޏެވެ.

"މުޅި ޔޫރޯ ވެސް ކޮވިޑް ތެރޭގައި ކުރިއަށްދާއިރު ހާސްވާން ޖެހޭ ކަންކަން ހުންނާނެ،"
ސްކޮޓްލެންޑް ޓީމަށް މި ފަހަރުގެ ޔޫރޯގައި ލަނޑެއް ނުޖެހި އޮތް ކަމުގައި ވިޔަސް ޑާލިޗްގެ ނަޒަރުގައި އެއީ ފަޅި ސިކުންތެއްގެ ތެރޭގައި ވެސް ބަދަލުވާނެ ފަދަ ކަމެކެވެ. ސްކޮޓްލެންޑުން ކުޅެފައިވާ މެޗުތަކަށް ބަލާއިރު، އެއީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކެން ޑާލިޗް ވަނީ ކްރޮއޭޝިއާ ކުޅުންތެރިން ގާތުގައި އެދިފަ އެވެ.
"މި ފަދަ މެޗެއް އަމުދުން މުބާރާތެއްގައި މި ގޮތަށް (ގިނަ ގައުމުތަކެއްގައި) ކުޅޭއިރު ވަކި ޓީމަކަށް ހޯމް އެޑްވާންޓޭޖް އޮންނަ ގޮތަށް ރޭވުން އެއީ އިންސާފުވެރި ގޮތެއް ކަމަށް ނުދެެކެން. އެކަމަކު އެއީ ރޭވިފައި އޮތް ގޮތްކަން ވެސް ގަބޫލުކުރަން ޖެހޭ. ދެން އޮތީ އަހަރެމެން މޮޓިވޭޝަން ރަނގަޅު ކޮށްގެން ސްކޮޓްލެންޑް ދަނޑުގައި އެ ޓީމު ބަލިކުރުން،" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ޑާލިޗް ބުންޏެވެ.
ކްރޮއޭޝިއާ އާއި ސްކޮޓްލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި އިންގްލެންޑުން ޗެކް ރިޕަބްލިކާ ބައްދަލުކުރާނެ އެވެ.












