ރައްއްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އެންކުއަރީއަށް ސިފައިންގެ ވެރިން އަނެއްކާވެސް ހާޒިރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މިއަދު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވަނީ ހާޒިރުކޮށްފަ އެވެ.
އެ ދެ ބޭފުޅުން މީގެކުރިން ވެސް އިންކުއަރީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އޭރު އެ ބޭފުޅުން ހާޒިރުކުރީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވުމާމެދު މަޖިލީހާއި ސިފައިން ހިޔާލުތަފާތުވެ، މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، އެ ބައްދަލުވުމަށްފަހު ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވާ ސިފައިން ވެސް ހިމެނެ އެވެ.
ބެލެވޭ ގޮތުގައި ސިފައިންގެ ވެރިން ދެވަނަ ފަހަރަށް އިންކުއަރީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ވަކިވަކި ސިފައިން އިންކުއަރީއަށް ދިން މައުލޫމާތުތަކުގެ މައްޗަށެވެ. ނަމަވެސް، ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ، އެ ބޭފުޅުން ހިއްސާކުރެއްވި މައުލޫމާތެއް ނޭނގެ އެވެ.
ސިފައިންގެ އެންމެ އިސް ދެ ބޭފުޅުން މިއަދު އިންކުއަރީއަށް ހާޒިރުކުރިއިރު މާދަމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އިންކުއަރީއަށް ހާޒިރުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާރިޔާ ކޮމިޓީއަށް ހާޒިރުކުރާއިރު، އޭނާއާ މެދު ބައެއް މެންބަރުންގެ ނުތަނަވަސްކަން ބޮޑެވެ. އެގޮތުން، ރައީސް ނަޝީދަށް ހަމަލާއެއް އަމާޒުކުރަން އުޅޭ ކަމުގެ މައުލޫމާތު މާރިޔާއަށް ލިބި، އެކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ކަމުގެ ތުހުމަތު މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ.
އަދި، ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކުރުމާ ދެކޮޅަށް މިނިސްޓަރު މާރިޔާ ވާހަކަ ދެއްކެވުމުން ވެސް މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ އެވެ.
މިނިސްޓަރު މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް މަރުހަބާ ވިދާޅުވެ، އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާގުޅޭ ގިނަ މުއައްސަސާތަކެއްގެ ބޭފުޅުން ވަނީ ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެމްއޭގެ ގަވަރުނަރު ވެސް ހާޒިރުކޮށްފައިވެ އެވެ.












