ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައެއް މެމްބަރުން ސިފައިންގެ މައި މަރުކަޒަށް މިއަދު ވަޑައިގެންފި އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުން ދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ކޮމިޓީއަށް ސިފައިންގެ ގިނަ އޮފިސަރުން ވެސް ހާޒިރުކުރަމުންދާއިރު، މިއަދު ހަވީރު ކޮމިޓީގެ ތިން މެމްބަރުން ވަނީ ސިފައިންގެ މަރުކަޒަށް ވަޑައިގެންފަ އެވެ.
ކޮމިޓީ މެމްބަރުން ސިފައިންގެ މަރުކަޒަށް ވަޑައިގެންނެވީ އިންކުއަރީއަށް ބޭނުންވާ ބައެއް މައުލޫމާތުތައް ހޯދަން ކަން އެނގިފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާގުޅޭ ގިނަ މުއައްސަސާތަކެއްގެ ބޭފުޅުން ވަނީ ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފްއަށެވެ.
ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.
އެކަމަކު މަޖިލީހުން ހިންގަނީ ތަހުގީގެއް ނޫން ކަމަށް ބުނުމުން ސިފައިން ފަހުން ވަނީ އެކަމުގައި ދޫދީފަ އެވެ.
އަދި އޭގެ ފަހުން ވަކިވަކި ސިފައިން ވެސް ކޮމިޓީއަށް ހާޒިރުވެ ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މިމަހުގެ ނިޔަލަށް އެ ރިޕޯޓު ނިންމަން ކޮމިޓީން އަމާޒު ހިފާފައިވާއިރު، އަދި މިހާތަނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށްފައެއް ނުވެ އެވެ.












