ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާއެކު، އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރަމުން ގެންދިޔައީ ވަރަށް ވެސް ބާރަށެވެ. ޖެނުއަރީ 12، 1933 އިން ފެށިގެން 9 ސެޕްޓެމްބަރު 1933 އަށް ވެއަތުވީ 7 މަހާއި 28 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ޖުމުލަ 40 ގާނޫނެއް ފާސްކުރި އެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ފާސްކުރެވި އެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނީ 1932 ވަނަ އަހަރު އެވެ. މި ރައްޔިތުންގެ މަޖިލީހަކީ އެ ގާނޫނު އަސާސީ އިން އުފަންކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހެވެ.
އެއީ ދިވެހިރާއްޖޭގެ ލިޔެވިފައިވާ ގާނޫނީ ހަޔާތުގެ ހަގީގީ ފެށުމެވެ. ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި ދައުލަތް ހިންގުމުގެ ހަރުދަނާ ހަމަތަކަށް ތަރުހީބުދޭ ގާނޫނުއަސާސީ އެއް ލިޔެގެން ދައުލަތް ހިންގުމަށް ފަށައިގަތް ދުވަސްވަރެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތިއްބެވީ ވެސް އަލަށް ތަޖުރިބާ ކުރަން ލިބުނު މިނިވަންކަމުގެ އުފަލާއެކު ވަރަށް ވަރުގަދަ ޖޯޝެއްގަ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުތަކަށް އަމަލުކުރަން ތިބި، އަދި އެ ގާނޫނުތަކުގެ ސަބަބުން އަސަރުކުރާނޭ ރައްޔިތުންނަށް އެ މަޖިލީހުން ފާސްކުރަމުން ގެންދިޔަ ގާނޫނުތައް ބަލައިގަންނާން ފަސޭހައެއް ނުވި އެވެ. 'ކަސްޓަމުގެ ޑިއުޓީތައް ބޮޑުކުޅަ ގާނޫނާއި'، 'ފުރަބަންޑާރަ ލަކުޑީގެ ގާނޫނާއި'، 'ދައުލަތަށް އާގު ބޯޓެއް ހޯއްދެވުމުގެ ގާނޫނު' ވެގެން ދިޔައީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުކުރުވި ގާނޫނުތަކަށެވެ.
"ކުރިންވެސް ދެންނެވިފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ފޯރިއާ ހޫނުކަން ވަރަށް ވެސް ގަދަ އެވެ. މަޖިލިސް މޭޒު މައްޗަށް ހުށަހެޅެމުން ދިޔަ ބިލްތައް ގިނަގުނަ އެވެ. މުހިންމެވެ. ބިލްތަކާމެދު މެންބަރުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ މިނިވަންކަމާ އެކުގަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، މެންބަރުންގެ މެދުގައި (އެނގިގެންނަމަވެސް ނުއެނގިނަމަވެސް) އުފެދޭން ފެށީ ނުއެއްގާނީ ކަމުގެ ރޫހެކެވެ. އާދޭހެވެ. ހިޔާލުގައި ހުރި ތަފާތުކަމެއްގެ ސަބަބުންނެވެ. ވަކާލާތުކުރަމުން ގެންދިޔަ އުސޫލުތަކެއްގެ ތަފާތު ކަމުންނެވެ." 'ގާނޫނުއަސާސީގެ ހަޔާތް' ފޮތުގައި މުހައްމަދު އަމީން ދީދީ ލިއުއްވާފައިވެ އެވެ.
އޭރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދިޔައީ ހަކުރާގޭގަ އެވެ. އެ ޖަލްސާތަކާ އެކުއެކީހެން މެންބަރުންގެ ހާއްސަ ޖަލްސާތަކެއް ލަކުޑި އިސްޓޯރު (ފަހުން ނާދީ) ގައި ކުރިއަށް ދިޔަ އެވެ. ފަހުގެ ތާރީހުން ސިފަކުރާނަމަ އެއީ 'މިނިވަން ބަހުސް' ގެ ސިލްސިލާތަކެއް ކަމަށް ސިފަ ކުރެވިދާނެ އެވެ. މައުޟޫއުއަކީ ހަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅެމުން ދިޔަ ބިލުތަކެވެ. އެ ބިލުތަކުން ރައްޔިތުންނާއި ބޮޑުންގެ މެދުގައި އުފެދެމުންދިޔަ ނުތަނަވަސްކަމެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދިޔަ ބިލުތަކަކީ ދިވެހިރާއްޖެ އޭރު އަމާޒު ހިފާފައިވާ ހެޔޮ ވެރިކަމެއްގެ މިސްރާބަށް ދިއުމަށް ކޮންމެހެން ބޭނުންތެރި ބިލުތަކެކެވެ. އެކަން އެ މަޖިލީހުގެ މެންބަރުންވެސް ގަބޫލުކުރައްވަ އެވެ. އެ ބޭފުޅުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމަކީ، އެ ވަގުތަކީ އެފަދަ އިސްލާހުތައް ގެންނަންވީ ވަގުތުތޯއާއި، އެ އިސްލާހު ގެނައުމަށް އެކަށީގެންވާ ވަރަށް ރައްޔިތުން ހޭލުންތެރި ކުރުވިއްޖެތޯ އާމެދު އޮތް ހިޔާލު ތަފާތު ވުމެކެވެ.
"ބަހުސެއް ކުރާނޭ މަގާމެއް ނެތެވެ. އޭގެ ތެރެއިން ކޮންމެ ގާނޫނަކީ ވެސް އެދެވޭ އިސްލާހުތަކެއްގެ މައްޗަށް ބިނާވެފައިވާ ގާނޫނެކެވެ. ނަމަވެސް، ކޮންމެ އިސްލާހަކަށްމެ ވަގުތެއް އޮންނާނޭކަން ކަށަވަރެވެ. ކޮންމެ ގާނޫނަކަށްމެ ހެޔޮގޮތުގެ މަތީން އަމަލުކުރާން ފަށައިގަނެވޭނީ އޭގެ އަސަރު ފޯރާން ތިބި ބަޔަކަށް ލިބޭނޭ ދަތިތަކެއް ހަމަޖެއްސުމަށް ފަހުގަ އެވެ."
އޭރު ފާސްކުރެވުނު ގާނޫނުތަކުގެ ތެރެއިން އެއް ގާނޫނަކީ ލަކުޑީގެ ގާނޫނެވެ. އެ ގާނޫނު ފާސްވުމާ ހަމައަށް ބަންޑާރަ ލަކުޑިއަކީ ބޭނުންވާ ކޮންމެ ރައްޔިތަކަށް ހިލޭ ލިބޭން އޮތް އެއްޗެކެވެ. އެ ގާނޫނުން ކަނޑައެޅި އުސޫލަކީ ބަންޑާރަ ލަކުޑިއަށް ދައުލަތުން އެކަށައަޅާ އަގެއް ދެއްކުން ލާޒިމުވުމެވެ. އެ ގާނޫނާ މެދު ވިސްނާއިރު، އެ ގާނޫނަކީ އޭރުވެސް ބޭނުންތެރި ގާނޫނެއްކަމާމެދު ކުރެވޭނޭ އިއުތިރާޒެއް ނެތެވެ. ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ބަންޑާރަ ލަކުޑިއަކީ މުޅީން ހިލޭ ސާބަހަށް ބޭނުންކުރެވޭ ގޮތަށް އޮންނަ އެއްޗަކަށް ވީ ނަމަ، ދިވެހިރާއްޖެ ދުށް އާރޯކަމުން މިހާރު މިފެންނަ މިންވަރު ވެސް މި ޖީލަށް ނުފެނުނީހެވެ. އެހެންކަމުން، ހިކުމަތްތެރި ގޮތަކީ އެ ގާނޫނު އެގޮތަށް ފާސްކުރެވި ތަންފީޒު ކުރެވުމެވެ. އެހެންނަމަވެސް، އެކަމުގައި ނުތަނަވަސްކަން އުފެދުނީ އެފަދަ ގާނޫނެއް ފާސްކުރަން ހިނގަންވާ މަގުން ނުހިނގުނީމަ އެވެ. ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ލިބެމުންއައި ލަކުޑިފަކުޑި ތަކެއްގެ ތެރެއިން ގިނަބައި ކުއްލިއަކަށް ވިއްކާން ފެއްޓެވީ ރައްޔިތުންގެ ހިޔާލެއް މަޝްވަރާއެއް ނެތި އެވެ.
'ގާނޫނުއަސާސީގެ ހަޔާތް' މި ފޮތުގެ 3 ވަނަ މަޒުމޫނުގައި މިކަމުގެ މައްޗަށް އަމީން ދީދީ އަލިއަޅުވާލެވިފައިވެ އެވެ. ހުރިހައި ހަމައަކުން ބަލާއިރުވެސް އެކަމަކީ ހުއްދަކަމެއް ކަމުގައި ވީ ނަމަވެސް އެކަމާމެދު ރައްޔިތުންނަށް ދޭންވީ އިރުޝާދުތަކެއް ނުދެވޭ ކަމަށާއި، އެމީހުން "ހަމަޖައްސާންވީ ހަމަޖެއްސުންތަކެއް ހަމަޖައްސައެއް ނުދެވުނު" ކަމަށް އަމީން ދީދީ ލިއުއްވި އެވެ.
"ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ތެރެއަށް އާންމުވަމުން ދިޔައީ ނުރުހުމާއި ހިތުގެ ބޭގަރާރުކަމެވެ. ރައްޔިތުންގެ ހިތްތަކުގައި ދައުލަތް ހިންގަވާންތިބި ވެރީންގެ މައްޗަށް އުހެދެމުން ދިޔައީ މާ ލޮބުވެތި ޝުއޫރުތަކެއް ނޫނެވެ."
ރައްޔިތުންގެ މަޖިލީހުން ފޯރިއާ ޖޯޝުގައި ފާސްކުރަމުން ގެންދިޔަ ބިލުތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދެމުން ދިޔައީ ވެރީންނާ މެދުގަ އެވެ. ހަފަރާތުން އުފެދެމުން ދިޔައީ މައިތިރިކޮށް ނުލެވޭނޭ ވަރުގެ ނުތަނަވަސްކަމެވެ. ހަމައެކަނި ރައްޔިތުންގެ މެދުގައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އެކިފަންތީގެ ވެރިންގެ މެދުގައި އުފެދި ހިނގަމުން ދިޔައީ ނަތީޖާ ނުރައްކާވާނޭ ފިނި ހަނގުރާމައެކެވެ.
ޒަމާނަކީ ބިދޭސީ ވިޔަފާރިވެރިންގެ ނުފޫޒު ވެސް ރާއްޖޭގައި އެންމެ ގަދަ ދުވަސްވަރެވެ. ޖޯޝާ ފޯރީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޒުވާން ލޭ ހިނގާ މެންބަރުން ދެން ދިމާކުރީ ބިދޭސީ ވިޔަފާރިވެރިން ރާއްޖެއިން ފައްސާލާށެވެ. އެމީހުންގެ ވިޔަފާރިތަކަށް ދަތިވާނޭ ގޮތަށް 'ބިދޭސީ ވިޔަފާރިވެރިންގެ ގާނޫނު' ފާސްކުރިއިރު އެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ދިވެހިން ބަރޯސާވެފައިތިބީ ކިހާ މިންވަރަކަށްކަމެއް މަޖިލީހުން ނުވިސްނަވަ އެވެ. އެ ވިޔަފާރިތަކާ ގުޅިފައި ތިބި ދިވެހިން ދެން އިހުތިޔާރު ކުރާންވީ މަގެއް ވެސް ނުމެ ދައްކަވަ އެވެ.
"ބިދޭސީ ވިޔަފާރިވެރިންނާ އަޅުގަނޑުމެންނަށް "ކުޅޭން ފެށުނީ" ކަމުގެ ވަގުތު ނާންނަނީހެވެ. ކަމަށް ތައްޔާރުނުވެ ތިބެ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ވެސް ހައްގު ގޮތުގައި އަޅުގަނޑުމެންނާ އެމީހުންނާ ލެޑިއްޖެ އެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދިޔަ ނުތަނަވަސްކަމުގެ އަލިފާންގަނޑުގެ ތެރެއަށް ތެޔޮއަޅާލަން ލިބުނު ފުރުސަތުގެ ބޭނުން ބިދޭސީ ވިޔަފާރިވެރިން ހިފީ ވަރަށްވެސް ވިސްނުންތެރިކަމާއެކީގަ އެވެ."
ވެރިކަމުގެ ތެރެއިން އުފެދުނު ފިތުނަތަކާއި، ވެރިކަންތައް ފުރޮޅުމަށް މެދުވެރިވި ސަބަބުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުތަކުގެ ހިއްސާ ބޮޑެވެ. ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޖޯޝުގައި ކުރިއަށް އަޅާ ފިޔަވަޅުތަކުން އުފެދޭ ނުތަނަވަސްކަމުގެ ފައިދާ އެއްވެސް ފަހަރަކު ނަގާފައިވަނީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް ހެޔޮއެދޭ ބައެއް ނޫނެވެ. މަތީފަޑީގައި ތިއްބެވި ބޭފުޅުންނަށް ކޮންމެ ޒަމާނެއްގައިވެސް އެކަން ވިސްނެނީ މާ ލަހުންނެވެ.
"އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު އިއުތިރާފް ވަމެވެ. އަޅުގަނޑަށާއި ގާނޫނީ ހުކޫމަތުގެ ފުރަތަމަ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވަރަށް ވެސް ވަރުދަގަ ޅަ އެއްޗެތި ތަކެއް އެޅުއްވުނެވެ. އެ ކުށްތަކުގެ ގެއްލުންތަކާއި އަސަރުތައް ވަރަށް މަތިވެރި ދަރަޖައަކަށް ދިވެހި ގައުމަށް ލިބުނު ކުށްތަކެއް ކުރެވުނެވެ. މަލާމާތުގެ ހައްގުވެރީންނާއި އެކި މީހުންނަށް މަލާމާތް ރައްދުވާ ނިސްބަތެއް ވަކިވާނީ އެ ދުވަސްވަރުގެ ކަންތައްތައް ހަނދާން ހުރި މީހުންގެ ތެރެއިން ހަގީގަތް އޮޅުން ފިލާފައިވާ ބަޔަކަށެވެ." އަމީން ދީދީ ލިއުއްވާފައިވެ އެވެ.
ޝައްކެއްވެސް ނެތެވެ. ގާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަޖިލީހަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުން ވޯޓު ދީގެން ފާސްކުރާ ކޮންމެ ގޮތަކީ ރާއްޖޭގެ ހަފޮޅުން އެތެރޭގައި އުޅެން ވިސްނާ ބަޔަކު އުޅެންވާނޭ ގޮތެވެ. އެ އުސޫލަށް ބާރު ދީފައި އޮތީ މި ދައުލަތުގެ ގާނޫނު އަސާސީންނެވެ. އެހެންކަމުގައި އެކަމުގައި ބަހުސެއް ނެތެވެ.
މައްސަލަ އުފަންވެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭން މެދުވެރިވާ މައިގަނޑު ސަބަބަކީ މަޝްވަރާ ނުކުރެވުމެވެ. ކަމެއް މަނާކުރުމަށް ނުވަތަ ކަމެއް ލާޒިމުކުރުމަށް ގާނޫނެއް ހަދާނަމަ، އެ މުޖުތަމައުގެ އާދަކާދައާއި ފަރުދުންގެ ވިސްނުން އެ ގާނޫނަކުން ރިފްލެކްޓްވާން ޖެހޭނެ އެވެ. ދައުލަތަކީ މުޅި ރައްޔިތެވެ. އެ ގާނޫނަކީ ދައުލަތުގެ ގާނޫނަކަށްވެ، އެއަށް ބާރުވެރިކަން ލިބޭނީ ރައްޔިތުންގެ ގިނަ ބަޔަކު އެ ގާނޫނެއް ބަލައިގަތީމަ އެވެ. އެހެން ނޫންނަމަ އެ ގާނޫނެއްގެ ބާރުވެރިކަން ނެތިދާކަށް ގިނަ ވަގުތެއް ނުނަގާނެ އެވެ.
ގާނޫނުތަކަށް ހިޔާލު ހޯދުމުގައި ގެންގުޅޭ އުސޫލު ބަދަލުކުރުމަކީ ކުރިއަށް އެޅޭނޭ ފިޔަވަޅަކަށް ވާނެ އެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ސިޓީއަކުން މެނުވީ ހިޔާލު ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުވާން ޖެހެ އެވެ. ހިޔާލު ހޯދުމުގެ މަސައްކަތް ފެށެންވާނީ ވެސް ބިލު އެކުލަވާލުމުގެ މަރުހަލާގަ އެވެ. ބިލުތަކަށް ހިޔާލު ހޯދުމަށް މިހާރު ގެންގުޅޭ އުސޫލު ރަނގަޅު ނޫންކަން ބިލުތަކަށް ލިބޭ ހިޔާލުގެ ނިސްބަތަށް ބެލުމުން ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.
ނާޒުކު މައްސަލަތަކުގައި، ރައްޔިތުންގެ މަޝްވަރާއެއް ނެތި އެކުލަވާލެވޭ ބިލުތަކާ ގުޅިގެން އުފެދުނު ހައިޖާނުގައި ތާރީހުގައި ލިޔެވިފައި ހުރީ ކަޅު ސަފުހާތަކެކެވެ. އެއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ތަކުރާރުވުމަށް އެދޭނޭ ހާދިސާތަކެއް ނޫނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފުލުފުލުގައި ފާސްކުރި 40 ގާނޫނަކީ އެއް ބަޔަކަށް ކާމިޔާބީ އެކެވެ. އެހެންނަމަވެސް ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އުވި ދިއުން ގުޅިފައި އޮތީވެސް ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނުތަކާއި އެ ގާނޫނުތައް ފާސްކުރި ގޮތާއެވެ.








