ކޯޕެންހާގެން، ޑެންމާކް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ފިންލެންޑް އަތުން 1-0 އިން ޑެންމާކް ބަލިވި މެޗުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ޑެނިޝް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މިއަދު ހޮސްޕިޓަލުން ދޫކޮށްލުމުން ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށްފި އެވެ.
ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަނަށް ފަހު މިއަދު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ، އަދި އުމުރުން 29 އަހަރުގެ އެރިކްސަން ވަނީ މިއަދު ހެލްސިންގޯ އަށް ގޮސް ޑެންމާކް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.
ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. މެޑިކަލް ޓީމު އަންނަންދެން އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެރިކްސަން އަށް ސީޕީއާރް ދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ.
އޮޕަރޭޝަނަށް ފަހު އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ވަނީ ލައްވައިފަ އެވެ. އައިސީޑީ އަދި ޕޭސްމޭކަރު ލައްވައިގެން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުން ވަނީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މި ފަހަރު ޔޫރޯގައި ނެދަލެންޑްސް ޓީމަށް ކުޅޭ ޑޭލީ ބްލިންޑް ވެސް ކުޅެނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޑެންމާކް 2-1 އިން ބެލްްޖިއަމް އަތުން ބަލިވި މެޗުގައި އެރިކްސަނަށް ސަޕޯޓް ދިނުމުގެ ގޮތުން ވަނީ ގިނަ ކަންތައްތަކެއްކޮށްފަ އެވެ. ރޭގެ މެޗު ފެށުމުގެ ކުރިން މެޗު ކުޅުނު ޕާކެން ސްޓޭޑިއަމްގައި އެރިކްސަންގެ ބޮޑު ޖޯޒީއެއް ވަނީ ދައްކާލައިފަ އެވެ. ބެލްޖިއަމް ކުޅުންތެރިން ސޮއިކޮށްފައިވާ އެރިކްސަންގެ ޖޯޒީއެއް ވަނީ ފްރޭމެއްގައި ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭއާ ހަވާލުކޮށްފަ އެެވެ.
އަދި ބެލްޖިއަމްގެ ކުޅުންތެރިން މެޗުގެ 10 ވަނަ މިނިޓްގައި އެރިކްސަން އަށް ސަޕޯޓް ދޭން ވަގުތު ކޮޅެއް ހާއްސަކުރަން ބޯޅަ ބޭރަށް ޖެހުމުން މެޗު ބަލަން ދަނޑުގައި ތިބި 23,395 ސަޕޯޓަރުންނާއި ދެ ޓީމުގެ ކުޅުންތެރިން އަދި ރެފްރީ ވަނީ އެރިކްސަނަށް ހޫނު ތަރުހީބެއް ދީފަ އެވެ. ދިހަ ވަނަ މިނިޓްގައި އެކަން ކުރަން ނިންމީ އެއީ އެރިކްސަންގެ ޖޯޒީ ނަމްބަރާ ގުޅުވާލުމަށް ފަހު އެވެ.
"ތިދޭ ތަރުހީބުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ މަންޒަރުތައް ބަލައި އިހުސާސްކުރަން ވަރަށް ހިތްހަަމަޖެހޭ. ބަލަންޖެހޭ ކަންތައްތަކާ އެކު އޮޕަރޭޝަން ދިޔައީ ވަރަށް ރަނގަޅަށް،" އެރިކްސަން ބުންޏެވެ.
ރޭ ބެލްޖިއަމް އަތުން ޑެންމާކް ބަލިވި ނަމަވެސް ދެއްކި ކުޅުން ރަނގަޅުކަމަށާއި އަންނަ ހޯމަ ދުވަހު ޓީމަށް ސަޕޯޓްކުރަން ހުންނާނެ ކަމަށް އެރިކްސަން ބުންޏެވެ.
ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެރިކްސަން އާއިލާއާ އެކު ވަގުތު ހޭދަކުރަން ގިނަ ދުވަސްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.












