އަލިފާންގަނޑު އައިސް ޖެހުނީ މެހެދީ ހަސަން، 26، މޫނު މަތީގަ އެވެ.
އޭނަ ބަލަހައްޓަމުންދާ "ތޮޅިފަހާ" ލޯންޗު މާލޭ ފަޅުގައި އަޅާފައި އޮއްވައި، ބުރާސްފަތި ދުވަހުގެ ފަތިހު ރޯވުމުގެ މިނިޓެއްހާއިރު ކުރިން، އެވަގުތު ނިދާފައި އޮތް މެހެދީ ހަސަން ކުޑަކަމުދާންޖެހިގެން ހޭލި އެވެ. ނިދިން ހޭލައިގެން ކުރަން އުޅުނު މަސައްކަތައިގެން އަވަސް ވެގަތްތަނުން ކުއްލިއަކަށް އޭނާއާ ކުރިމަތިލާންޖެހުނީ ބޮޑު އަލިފާންގަނޑަކާ އެވެ.
"ކިހިނެއް ވެގެން ކަމެއް ނޭންގެ. އަލިފާންގަނޑު އައިސް އަހަރެންގެ މޫނު މަތީގައި ޖެހުނީ. ޖެހުމާއެކު އަހަރެން [ލޯންޗުން ފައިބައި] މަގާ ދިމާލަށް ދުއްވައިގަތީ،" ހާދިސާގައި ހަށިގަނޑުގެ 25 ޕަސެންޓު ފިހުނު މަހުދީ ކިޔައިދިނެވެ.
އިންޖީނު ހަލާކުވެގެން "ތޮޅިފަހާ" މާލޭ ފަޅުގައި އަޅާފައި އޮންނަތާ އަށް މަސް ވެއްޖެ އެވެ. މެހެދީގެ ހަޔާތުގައި ތޮޅިފަހާއަކީ ހަމައެކަނި އުޅަނދަކަށްވުރެ މާނަފުން އެއްޗެކެވެ. އެއީ އޭނާގެ ގެ އެވެ. އަދި މިސްކިތެވެ.
މެހެދީ ބުނާ ގޮތުން އެންމެ ފުރަތަމަ ހުޅު ހިފާފައި ހުރީ ހުރީ ޕެޓްރޯލް ޓޭންކު ކައިރީގަ އެވެ. ތޮޅިފަހާ ލޯންޗުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އިތުރު ތިން ލޯންޗެއް ރޯވި ފަހުންނެވެ. އަލިފާނުގައި އަނިޔާވީ ހަމައެކަނި މެހެދީއަށެވެ. އޭނާގެ މޫނާއި އަތް ހުރީ ފިހިފަ އެވެ. އެކަމަކު މެހެދީ ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މެހެދީ މަސައްކަތް ކުރާ ލޯންޗް އެނދުމުން ތަހިގީގަށް ފުލުހުން ހަރަކާތްތެރިވަނީ: ފުރަތަމަ އަލިފާން ރޯވީ ތޮޅިފަހާ ލޯންޗްގައި-- ފޮޓޯ: ހުސައިން ޝަޔާހް
"އަހަރެން ގޮސް އެންމެން ގާތުގައި ބުނީ. އޭރު ޑިއުޓީގައި އުޅޭ އެމްއެންޑީއެފް މީހުން ވަގުތުން އައިސް އަހަރެން އައިޖީއެމްއެޗްއަށް ގެނައީ،" އެ ލޯންޗްގައި މަސައްކަތް ކުރާތާ އަށް މަސް ވެފައިވާ މެހެދީ ބުންޏެވެ.
ތޮޅިފަހާ ލޯންޗު ނުދުއްވާތާ ގިނަ ދުވަސްވި ނަމަވެސް އޭގައި ވަރަށް ގިނައިން ޕެޓްރޯލް ހުންނާނެ ކަމަށް މެހެދީ ބުންޏެވެ. މެހެދީއަށް ލަފާ ކުރެވެނީ ޓޭންކުން ޕެޓްރޯލް ލީކުވެފައި ހުރި ކަމަށެވެ. އެއީ ޕެޓްރޯލުގެ ވަސް އޭނާއަށް ދުވީމަ އެވެ.
ރޯވި ވަގުތު ލޯންޗް އޮތީ ނިވާލައިފަ އެވެ. އެހެންވެ އިންޖީނުން ކަންޏެއް ބުރަންޖެހޭ ސަބަބެއް ވެސް މަހެދީއަކަށް ނުވިސްނެ އެވެ. ލޯންޗުގައި އަލިފާނެއް ވެސް ނުގެންގުޅެ އެވެ.
"ރޯވަން ދިމާލި ސަބަބެއް ނޭންގެ. އަލިފާން ރޯވުމުގެ ކުރިން އެއްވެސް ކަމެއް ނުހިނގާ،" މެހެދީ ބުންޏެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުގައި ހަތަރު ލޯންޗްގައި ރޯވުމާ އެކު ދެ ފަހަރެއްގެ މަތިން ބާރު އަޑެއް އިވުނެވެ.
"ބޮޑަށް ހީވަނީ ޕެޓްރޯލް ޓޭކްގައި ރޯވެ ގޮވީހެން. ފުރަތަމަ ގޮވި ފަހަރު ވަރަށް ބާރު އަޑު ހުރި،" ރޯވި ސަރަހައްދުގައި ކަސްރަތު ކުރަން ހުރި މީހަކު ބުންޏެވެ.

އަލިފާންގެ ހާދިސާގައި ލޯންޗެއް އަނދާފައި: އެ ހާދިސާގައި ފަސް ލޯންޗަކަށް އަލިފާންގެ އަސަރު ކުރި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ތޮޅިފަހާ ލޯންޗާ ހަވާލުވެ ހުރި ޖައުފަރު ރަޝީދު، މިނޫހާ ވާހަކަ ދައްކަމުން ބުނީ އަނދައިގެން އެ ދިޔައީ 1.5 މިލިއަން ރުފިޔާގެ ލޯންޗެއް ކަމަށެވެ. އެކަމަކު ލޯންޗު އޮންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށް އޭނާ ބުންޏެވެ.
ތޮޅިފަހާ ލޯންޗު ދުއްވާތާ ގާތްގަނޑަކަށް އަށް އަހަރު ވެދާނެ ކަމަށް ޖައުފަރު ބުންޏެވެ. އެއީ ކުލީ ދަތުރުތަކަށް އަތޮޅުތެރެއާ މާލެއާ ދޭތެރޭ ދުއްވާ ލޯންޗެކެވެ.
ލޯންޗުތަކެއް ވެސް އަނދާފައިވާއިރު މި ހާދިސާއިން ލިބުނު ގެއްލުން ހައެއްކަ މިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ. ގެއްލުންވި އެހެން ދޯނިތައް ވެސް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
ފިހިގެން ފަރުވާ ދެމުން އަންނަ މެހެދީގެ ހާލު ރަނގަޅު ވުމުގެ ހިތްހަމަޖެހުން އޭނާއަށް އެބައޮތެވެ. ނަމަވެސް އަލިފާން ރޯވަން ދިމާވި ސަބަބެއް ނޭންގެ އެވެ.













