ނިޔޯން، ސްވިޒަލެންޑް (ޖޫން 18) - މި ފަހަރުގެ ޔޫރޯގައި މިހާތަނަށް މަޝްހޫރު ކުޅުންތެރިން ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޮންސަރުންގެ ޕްރޮޑަކްޓް ޓީވީ އަށް ނުފެންނަ ގޮތަށް ދުރަށް ޖައްސާތީ އެ ފަދަ ކަމެއް ތަކުރާރުކުރާނަމަ ޔުއެފާ އިން އަދަބު ދޭން ނިންމައިފި އެވެ.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހަންގޭރީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަހައްޓާފައި ހުރި ކޯކް ފުޅިތައް ދުރަށްލުމަށް ފަހު ފެން ބުއިން މާ ރަނގަޅު ކަމަށް ބުނެފައިވެ އެވެ. ރޮނާލްޑޯ އެ ފުޅިތައް ދުރަށް ޖައްސާލި ފަހުން ހިއްސާގެ ބާޒާރުގައި ކޮކާކޯލާ އަށް ހަަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއްވީ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީ ތަފާސް ހިސާބުތަކުން އެ ކުންފުނިން މީޑިއާގައި އެކަން ހާމަކޮށްފައެއް ނުވެ އެވެ.
އޭގެ ފަހުން އިޓަލީގެ ތަރި މެނުއަލް ލޮކަޓެލީ ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯކުފުޅިތައް ދުރަށް ލައިފަ އެވެ. އަދި ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ހެނިކެން ބިޔަރު ފުޅިތައް ދުރަށް ޖައްސައިފަ އެެެވެ.
ހެނިކެން އާއި ކޮކާކޯލާ އަކީ ޔުއެފާގެ އެކި މުބާރާތްތަކުގެ ސްޕޮންސަރުންނެެވެ. ސްޕޮންސަރުން އިޝްތިހާރު ކުރުމުގެ ބޭނުމުގައި ބަހައްޓާ އެ ފަދަ ޕްރޮޑަކްޓްތައް ދުރަށްލުން މި ފަހަރުގެ ޔޫރޯގައި ޓްރެންޑަކަށް ވެފައިވާއިރު، ޔުއެފާ އިން ވަނީ އެކަމަށް ނިމުމެން ގެންނަން ނިންމައިފަ އެެވެ. އެ ގޮތުން ދެން އެ ފަދަ ކަމެއް ތަކުރާރުކުރާ ޓީމެއް ޖޫރިމަނާކުރާނެ އެވެ.
"އަހަރެމެން ސީދާ ކުޅުންތެރިންނެއް ޖޫރިމަނާއެއް ނުކުރާނަން. އަހަރެމެން އެކަން ކުރާނީ އަހަރެެމެންގެ މެމްބަރު އެސޯސިއޭޝަންތައް މެދުވެރިކޮށް. އެއީ ގައުމުތަކަށް. މީގެ އެ ޓީމަކުން ވަކި ކުޅުންތެރިއަކާ ފިޔަވަޅު އެޅުމަކީ ޔުއެފާގެ ބޭނުމެއް އޮތް ކަމެއް ނޫން. ޔުއެފާ އިން ބޭނުންވަނީ މެމްބަރު އެސޯސިއޭޝަންތަކުން ޝާމިލުވެގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ވެފައި އޮންނަ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަން،" ޔުއެފާ އިން ޔޫރޯ 2020 މުބާރާތުގެ ޑިރެކްޓަރަކަށް ހަމަޖައްސާފައިވާ މާޓިން ކެލަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކުއްލިއަކަށް އަޅާ ފިޔަވަޅެއް ނޫން ކަމަށާއި ކުރިން މެމްބަރު އެސޯސިއޭޝަންތަކުން ޔުއެފާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވެސް މިކަންކަން ހިމަނާފައިވާނެ ކަމަށެވެ. އަދި މި ފަހަރު މީޑިއާ މެދުވެރިކޮށް ޓީމުތަކަށް މިކަން އަންގަން ޖެހުނު އެއް ސަބަަބަކީ ހާލަތު މެދުވެރިވަމުން އައި ގޮތުން ޓީމުތަކަށް އޮތް ޒިންމާ ހަނދާން ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރޮނާލްޑޯ އާއި ޕޮގްބާ އަދި ލޮކަޓެއްލީ ކޯކުފުޅި އާއި ހެނިކެން ބިޔަރުފުޅި ދުރަށް ޖެއްސިއިރު، ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް އާއި ޔޫކްރެއިންގެ ކެޕްޓަން އެންޑީ ޔާމޮލެންކޯ ވަނީ ކޮކާ ކޯލާ އާއި ހެނިކެން އަށް ސަޕޯޓް އޮތްކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކައިފައެވެ.












